ވާހަކަ

މިންނުގެ ޑައިރީ

(18 ޖެނުއަރީ 2018 އާ ގުޅޭ) -- ސިޓިންރޫމުގެ ލައިޓު ޖައްސާލަމުން ސޯފާގައި އިށީނދެ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަމޭޒުމަތީ މިންނުގެ ޑައިރީ ބާއްވާލަމުން ރިހި އަނގޮއްޓިއަށާއި ފަށަށް ބަލާލިއެވެ. އެތަކެއް ހަނދާންތަކެއް އާވަމުން ކުލަޖެހެމުން ދިޔައެވެ. އިއްޔެވީކަމެއްހެންނެވެ. މިންނުގެ އަޑު އަދިވެސް އެކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. އަޒާންއަށް އަނެއްކާ ވެސް ރޮވުނީއެވެ. އެ ފަށާއި އަނގޮއްޓި ގެނެސް އެތުންފަތުގައި ޖައްސާ ބާރުކޮށްލިއެވެ. އެ ދެލޯ މެރިފައިވީކަމަކު ކަރުނަތަކެއް ނުހިފެއްޓުނެވެ.

އިރުކޮޅަކު މޫނުގައި ދެއަތް އަޅައި ފޮރުވާލައިގެން އިނުމަށްފަހު އަޒާން އަތް ނެގިއެވެ. އަދި އަތުގައި އޮތް ފަށާއި އަނގޮއްޓި މޭޒު މަތީ ބާއްވާފައި މިންނުގެ ޑައިރީއަށް ބަލާލިއެވެ. މަޑު ޗޮކުލެޓު ކުލައިގެ މަހުމާ ބޭރުގަނޑުގައި އަޒާން ފިރުމާލިއެވެ. ހިތްއަވަސްވެ ޖެހިލުންވެފައި އިންވަރުން އަޒާންގެ އަތުގައި މަޑުތުރުތުރެއް ހުއްޓެވެ. އޭނާ އެ ޑައިރީ ދެއަތަށް ނަގާ ހުޅުވާލިއެވެ. ފޮތުގެ ގަނޑުތަކުން އަޒާން ވަސްބަލާލީ މިންނުގެ ވަސް އެގަނޑުތަކުގައި ހަރުލާފައި ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ ހިތްގައިމު ވަހެއް ޑައިރީގެ ގަނޑުތަކަކުން ނުދިވިއެވެ. ނޭފަތުގައި ޖެހުނީ ބާވެ ގިނަ ދުވަސްވެފައި ހުންނަ ކަރުދާސްތަކުން ދުވާ ފަދަ ފީވަހެކެވެ. އަޒާން މިންނުގެ ޑައިރީގެ ފުރަތަމަ ގަނޑު ހުޅުވާލަމުން ކިޔަންފެށިއެވެ.

ޑައިރީ ކިޔަމުން ދިޔަވަރަކަށް އޭނައަށް ހީވީ ހުރިހާ މަންޒަރެއް ފެންނަމުންދިޔަހެނެވެ. ހިތަށް ހަންޖަރުގެ ހަމަލާއެއް އެރީ ޑައިރީގައި މިންނުގެ އިއްފަތްތެރިކަން ގެއްލިގެން ދިޔަވާހަކަ އޮތުމުންނެވެ. އަޒާންއަށް ޑައިރީ ގެނެސް އޭނަގެ މޭގައި ޖައްސާ ބާރުކޮއްލެވުނެވެ. އޭރު އެ ދެ ލޮލުން ފައިބަމުންދިޔަ ކަރުނައަށް ނިމުމެއްނެތް ފަދައެވެ. ވެރިވެފައި އޮތް ދަންވަރުގެ ހިމޭންކަން ފޫދުއްވާލާ އަޒާންގެ ގިސްލުމުގެ އަޑު ސިޓިންރޫމުގައި ވިއެވެ. އަނގަމަތި ކަނާތުން ނިވާކޮށްލާ ބާރަށް ހިފަހައްޓާލުމުން ވެސް އަޑު ކެނޑޭގޮތެއް ނުވިއެވެ. މުޅިމީހާ ބަލިކަށިވެ ފުނޑުފުނޑުވަމުން ދިޔަ ކަހަލައެވެ. ދެތިން ފަހަރަށް ނޫނެކޭ ބުނެލެވުނެވެ. މިންނުއަށް އެފަދަ ހާލެއް މެދުވެރިވުމަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. އެއީ ހުދުކުލައިގެ ޠާޙިރުކަމުގައިވި އޯކިޑުމަލެކެވެ. ފިޔަތައް ރޫޅާލުމަށް ދުވަހަކު ވެސް އެހިތަށް ނާރައެވެ. އެ ނާޒުކުކަންމަތީ ލޯތްބާއެކު ފޮޅުވާލަން ހިތުގައި އެދުން އޮތެވެ. ނަމަވެސް ކަށިތަކުން އެ ޖިސްމު ފިސްފިސްކޮށްލައިފިއެވެ. ޑައިރީ ދޫކޮށްލުމާއެކު މޫނުގައި އަޒާނަށް ދެއަތް އެޅުނެވެ. އެދެލޮލުން ވޭނީ ކަރުނަތައް ފައިބަމުން ދިޔައިރު އޭނައަށް އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އަނެއްކޮޅުން ހައިކަލް ދެކެ އިންތިހާ ދަރަޖައަށް ރުޅިއާދެވުނެވެ. ހިތަށް ކުރަމުންދިޔަ އަސަރާއެކު އިށީނދެ އިނުން ވެސް އަޒާންއަށް އުދަނގޫވިއެވެ. އިރުއިރުކޮޅާ ތެދުވެ ދެކޮޅަށް ހިނގާލާނެއެވެ. ޑައިރީ ނަގާ ގެނެސް މޭގައި ޖައްސާ ބާރުކޮއްލާނެއެވެ. މީހާ ހަމައަކަށް އެޅިލުމުން އަލުން ޑައިރީގެ ސަހުފާތައް ކިޔަން ފަށައެވެ. ފެންކަޅިވެގެން ގޮސް ދެލޯ ފުސްވުމުން އަތުގެ ނުފުށުން ލޯފުހެލައެވެ. ނޫނީ މިންނުގެ ހަނދާނުގައި ޑައިރީގެ ސަފުހާތަކުގައި ފިރުމާލައެވެ.

އިރުއެރި އިރުވެސް އަޒާންގެ ހާލުހުރީ ހަމައެފަދަ ގޮތަކަށެވެ. ޑައިރީގެ ގަނޑުތަށް ކިޔަމުން ގޮސް ނިމުނުއިރު ވެސް އޭނައަށް ނޭގުނެވެ. ރޮއެރޮއެ އެ ދެ ލޯ ވެސް ވަނީ ރަތްވެ ދުޅަވެފައެވެ. ސިޓިން ރޫމު ދޮރުކަނީގައި ބޯވިއްދާލައިގެން ޑައިރީމޭގައި ޖައްސާލައިގެން އަޒާން ހުރީ ހިމޭންވެފައެވެ. އެ ސިކުނޑީގައިވަނީ އެތަކެއް ސުވާލުތަކެއް އުފެދިފައެވެ. މިންނު ހައިކަލްދެކެ ލޯބިވާންވީ ކީއްވެހެއްޔެވެ. އޭނަގެ މަތިން މިންނު ހަނދާންނެތުނީ ކީއްވެހެއްޔެވެ. އެކަމަކު އެއީ ހަމަ އަޒާންގެ މިންނުއެވެ. އޭނަ މާފުކުރަން ދަނެއެވެ. ހައިކަލް ވެސް އިންތިހާއަށް މިންނުދެކެ ލޯބިވާކަން އެ ޑައިރީގައި އެނގެން އެބައޮތެވެ. ވީއިރު ހައިކަލްއާ ކުރާނީ ވެސް ކޮންޝަކުވާއެއް ހެއްޔެވެ. އެހެންނަމަވެސް އަޒާންގެ ހިތަށް އެންމެ ތަދުވަނީ އެހެންވެއެވެ. އޭނައަށް މިންނުގެ ހިތްހޯދުނު ކަމުގައިވިޔަސް އެ ހިތް ދޫކޮއްލެވުނީއެވެ. ހައިކަލް ފަދަ މީހަކަށް އޭނައަށް ނުވެވުނީއެވެ. ލިބުނު ހިތްދަތިކަމަށް ކެތްތެރިވާން ނޭގުނީއެވެ. މިންނު ހޯދުމަށް ކުޑަހިތްވަރެއް ލީނަމަ ޔަގީނުން ވެސް މިންނު ވީހީ އަޒާންގެ މީހަކަށްކަން އޭނައަށް ޔަގީންވެއެވެ. އަޒާންގެ ހިތުގެ ހަމަޖެހުން ނަގާލީ މިންނު ހައިކަލް އާއިއެކު ދިރިއުޅެން ބޭނުންވާވަރު އެނގުނީތީއެވެ. މިންނު ހައިކަލްއަށް ދަރިއަކު ވިހެއުމެވެ. އެހެންނޫންނަމަ މިއަދު އަޒާން މިންނުއާ ދެއަނތްބަށް ވެސް އިންނާނެއެވެ. އެ ހުރިހާ ދުވަހަކަށް ވާވަރަށް ލޯބިވެސް ދޭނެއެވެ. ކޮންމެކަމެއްވެސް ވަގުތު ފާއިތުވާފަހުން އެނގެންވީ ކީއްވެބާއޭ އަޒާންގެ ހިތާ ސުވާލުކުރެވުނެވެ. އަޒާންގެ ހަނދާނުގައި މިންނު ވޭތު ކުރި އަހަރުތެރޭ އަޒާން އެންމެ ފަހަރަކު ގޮވާލި ނަމަވެސް އެ އަތުގެ ތެރެއަށް ދުވެފައި އައިސް ވަންނާނެކަން އެނގެއެވެ. ނަމަވެސް މިންނުގެ މާޒީއަށް އޭނަ ވެއްޖެއެވެ. އެނބުރި ހޯދަން ދާނޭ ފުރުޞަތެއް މިންނު ނުދިނެވެ. ވަކިވުމުގެ ކުރީން އެ މޫނު ދުށުމުގެ ނަސީބު ވެސް އަޒާންއަށް މިންވަރެއް ނުކުރެއްވިއެވެ. ލޯ މަރާލައިގެން ހުރެ ވެސް އަޒާނަށް ތުންފިއްތާލެވުނެވެ. އެހިނދު އެސްފިޔަތަކުގެ ހައްޔަރު ނެއްޓި ކޯތާފަތުން ތިރިއަށް ދަތުރުކުރި ކަރުނަތިކި ފައިބައިގެން އައިސް ޖެހުނީ މެޔާލާ ޑައިރީ ފޮރުވާލައިގެން ހުރި ވައަތްތިލައިގައެވެ. ހިތާއި ސިކުނޑީގައި މިންނުގެ ނަންފިޔަވާ އިތުރު ނަމެއް ނުވެއެވެ.

"އަހަރެން ލޯބިވާވަރު މިންނުއަށް އެނގެނޭނަމަ... އައި އޭމް ސޮރީ... މިންނު... އައި އޭމް ސޮރީ..." އަޒާންގެ އަމިއްލަ އަޑު ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ.

ޝަމްލާ ކޮޓަރިން ނުކުތްއިރު ވެސް އަޒާން ހުރީ ބޭރަށް ނުކުންނަން ހުރި ސިޓިންރޫމުގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ގޮތަށެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ޝަމްލާ ބަދިގެ ފަރާތަށް ދަމުން އަޒާން ކޮބާތޯ ބަލާލިއެވެ. ނަމަވެސް އަޒާނަށް ފެންނާކަށް ޝަމްލާ ބޭނުމެއްނުވިއެވެ. އެވަގުތު ކޮޅަކީ އަޒާން އެތަކެއް އަހަރުތަކެއްވާންދެން އިންތިޒާރު ކުރަމުންއައި ވަގުތުކޮޅަކަށް ވީކަމެވެ. އެ ލޯތްބަށްޓަކާ އެ ހިތުގައި ރޯކުރި ހުޅުކޮޅު ސިއްރުންނަމަވެސް އަދިއަދަށް ވެސް ނިވުނަނުދީ އެހިތުގައި ފޮރުވާފައިވީކަމެވެ. ޝަމްލާ ހެނދުނުގެ ސައި ތައްޔާރު ކުރުމަށް ބަދިގެ ތެރޭ ހަރަކާތްތެރި ވަމުންދިޔައެވެ.

ހުއްޓިލައިގެން ހުރި އަޒާންއަށް އުނދަގޫ ކުރީ ސިޓިން ރޫމު ދޮރާދިމާއަށް އެޅުނު އަލިކޮޅެވެ. އޭގައި ހޫނު ކަމެއްވެސް އެކުލެވިފައިވިއެވެ. ގަޑިއަށް ބަލާލަން ވެސް އެނގުނީދެނެވެ. އޭނަ އޮފީހަށް ދާން ވެސް ޖެހޭނެއެވެ. ގޭތެރެއަށް ވަންއިރު ޝަމްލާ ބަދިގެ ފަރާތުގައި އުޅޭކަން އެނގުނެވެ. އަޒާން އޭނަގެ ކޮޓަރިއަށް ވަދެ ތާޒާވެލުމަށް އުޅުނެވެ.

* * * * *

އެނދުގައި އޮތް ހައިކަލް ވިސްނަމުންދިޔައީ އަޒާންއާ ބައްދަލުކޮއްފައި އައިސް ޒޭން ދެއްކި ވާހަކަތަކެވެ. ހައިކަލް އަށްޓަކައި އަޒާންގެ ހިތް އޮއްނާނެ ގޮތް ޚުދު އޭނައަށް އެނގެއެވެ. ޑައިރީގައިވާ ހުރިހާ އެއްޗެއް ކިޔައިފިނަމަ އަދި ވަކިން އަޒާން ދެރަވާނެކަން ވެސް ހައިކަލްއަށް އެނގެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ ބަދަލު ކުރެވޭނެ ކަމެއްނޫނެވެ. ދުނިޔޭގެ ހިނގުން ބަދަލުކޮއްލުމުގެ ބާރު ލިބިފައިވަނީ ކޮންއިންސާނަކަށް ހެއްޔެވެ. ހައިކަލްއަށް އެކަން ކުރެވޭނެނަމަ އޭނަ މިންނު ވަކިވިޔަކަވެސް ނުދޭނެއެވެ. ކޮންމެގޮތަކަށް ކަންތައްތައް ހުރި ކަމުގައި ވިޔަސް އަޒާންއާ ބައްދަލުކުރަން ހައިކަލް ބޭނުންވެއެވެ. ފިނޑިއަކަށްވެ އަޒާންއަށް ފިލާކަށް އޭނަ ބޭނުމެއްނޫނެވެ.

* * * * *

ފެންވަރައިގެން ނުކުތް އަޒާން ތައްޔާރުވަމުން ދިޔައިރު އޭނަ ވިސްނަމުން ދިޔައީ އޮފީހުން ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއެއްނެގުމަށެވެ. ކުއްލިއަކަށް އޭނާއަށް ކުރިމަތި މިވީ ކަމަކުން އޮފީހުގެ ކަންތައްތަކަށް ދޭންޖެހޭ ސަމާލުކަން އޭނައަށް ނުދެވޭނޭކަން އެނގޭތީއެވެ. އަޒާން ހުރީ ޔާނާއާ ވާހަކަދައްކަން ވެސް ބޭނުންވެފައެވެ. އެކަމަކު ރަނގަޅު ވަގުތެއް ހޯދައިގެންކަމަށް އޭނައަށް ވިސްނުނެވެ. އޮފީހަށް ދިއުމަށް ނުކުމެގެން ދިޔައީ ޝަމްލާ ގާތު ދަނީއޭ ވެސް ނުބުނެއެވެ. ޝަމްލާއަށް ވެސް އަޒާން އޮފީހަށް ދިޔަކަން އެނގުނީ ގޭގައި ފެންނަން ނެތުމުގެ އިތުރުން އަޒާންގެ އޮފީސް ބޫޓު ވެސް ހަރުގަނޑުގައި ނެތީމައެވެ.
ހެދުނު ގެ ސައި ބޮއެގެން އެންމެ ފުރަތަމަ ޔާނާ ކުރިކަމަކަށްވީ ޒޭންއަށް ގުޅުމެވެ. ޒޭންއާ ބައްދަލުކުރަން ޔާނާ ބޭނުންވިއެވެ. އެކަމަކު އަޒާންގެ ހިތް އޮތްގޮތެއް އޭގެ ކުރިން ހޯދުން މުހިންމުކަމުގައި ޒޭން ވިސްނާދިނެވެ. އަދި އަޒާންއާ ބައްދަލު ކުރަން ހައިކަލް ދާން އުޅޭ ވާހަކަ ވެސް ޒޭން ބުންޏެވެ. ޔާނާ ވެސް ޒޭންއާ އެއްބަސްވީ އަޒާންގެ ރުހުން މުހިންމުކަމެވެ. އެކަމަކު ކަންބޮޑުވީ ހައިކަލް އައުމުން އަޒާންގެ ރުޅިގަނޑު އިތުރަށް ގޯސްވެދާނޭތީއެވެ.

ހެދުނު ދިހައެއް ޖަހާލަނިކޮށް އަޒާން އައިސް ގެއަށް ވަންތަން ޝަމްލާއަށް ފެނުނެވެ. އަވަސް އަވަހަށް ސައިހަދައި ދެންތޯ ޝަމްލާ އަހާލިއެވެ. އެއާއެކު ޝަމްލާއަށް އަޒާން ބަލާލީ ވަރަށް ވެސް ފުންނަޒަރަކުންނެވެ. އަދި ބޯޖަހާލިއެވެ. ޝަމްލާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަޒާން އެއްޗެހި ބަދަލުކޮއްލައިގެން ކާން ދާންވިއިރު ޝަމްލާ މޭޒުމަތި ތައްޔާރުކޮއްލައިފިއެވެ. މޭޒު ކައިރީ އިށިންނަމުން އަޒާން ޝަމްލާގެ އަތުގައި ހިފައި ގާތަށް ގެނައެވެ. ޝަމްލާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނައަށް އަވަސް އަވަހަށް ބަލާލެވުނީ ޔާނާ ފެންނަ ހިސާބުގައި ހުރިތޯއެވެ. އެ ދެމަފިރިންގެ ދެމެދުގައި ހިނގާ އެއްވެސް ކަމަކީ ދަރިފުޅަށް އެނގުން މުހިންމު ކަމެއް ކަމަކަށް ޝަމްލާ ނުދެކެއެވެ. އަޒާންގެ ކޮންމެ ކަމަކަށް ޝަމްލާއަށް ކެތްކުރެވޭނެއެވެ. ނަމަވެސް އެ ދެމެދުގައި ހިނގާ ކިތަންމެ ކުޑަ ނުރުހުންތެރިކަމެއް ވެސް ޔާނާއަށް ފެންނާކަށް ޝަމްލާ ބޭނުމެއްނޫނެވެ.

"އަހަންނަށް އެނގޭ ޝަމްގެ ހިތުގަ ޖެއްސޭކަން، އަހަރެން ކަންކަމާ ދެރަވާގޮތަށް ޝަމް ވެސް ދެރަވާނެކަން.... ޝަމްއަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު އަނބިމީހާ، އަހަރެންގެ ހުރިހާ ކަމެއް މިއޮއްހުރިހާ ދުވަހު ތިކޮއްދެނީ އެއްވެސް ޝަކުވާއެއްނެތި، އެކަމަކު އަހަރެން... އަހަރެން މިންނުގެ ވާހަކަ ޝަމްލާއަށް ކިޔާދޭން ބޭނުންނުވީ، އަހަރެން ބޭނުންވީ އެކަން ހަނދާންނައްތާލަން، އެއީ އަހަރެންގެ ކައިވެނީގެ ކުރީން ހިނގާފައި އޮތް ކަމެއްކަމުގައި ޤަބޫލުކުރީ. އެކަމަކު އަހަންނަށް އަހަރެންގެ ނިންމުގެ މަތީ ދެމިއެއް ނުހުރެވުނު. ލޯބިވާ އަނތްބަކާއި ދަރިއަކު ދިރިއުޅުމަށް އައިއިރު ވެސް އަހަންނަށް އޭނާގެ މަތީން ހަނދާންނައްތައެއް ނުލެވުނު. އަހަރެންގެ ހިތުގައި އަދިވެސް މިންނުވޭ. އޭނާދެކެ ނަފުރަތުކުރާން ބޭނުންވި... އެކަމަކު މިހާރު އެނގިއްޖެ އެއީ ވެސް ލޯބީގެ ސިފައެއްކަން. އަހަރެން މިންނުދެކެ ލޯބިވާއިރު އޭނާގެ ހަނދާންތަކާ ދުރަށް ދާނީ ކިހިނެއް؟ އެ ހުރިހާ ކަމަކަށްވުރެ ބޮޑު ހަޤީޤަތަކީ އަހަންނަށް މިންނުގެ ހާލު ނުވިސްނުނުއިރު އަހަރެންގެ ގާތުގައި ހުރިހާ ވަގުތެއް ހޭދަކުރަމުން ދިޔަ އަނބިމީހާގެ ހާލު ވެސް ނުވިސްނުނުކަން. އަހަރެންދެކެ ޝަމް ވަރަށް ލޯބިވާކަން އެނގޭ. އަހަންނަށް މަޢާފުކުރޭ ޝަމް. މިންނުގެ ވާހަކަ ފިޔަވާ އިތުރު އެއްވެސް ކަމެއް އަހަރެން ޝަމްއަށް ސިއްރެއްނުކުރަން. އަހަރެންގެ މި ދިރިއުޅުން ރޫޅާލުމުގެ ޚިޔާލެއް އަހަރެން ނުގެންގުޅެން. ދުވަހަކުވެސް އެ ފަދަ ދުވަހެއް ދުށުމަކަށް ނޭދެން. ޝަމް އަބަދުވެސް ވާނީ މި އަޒާންގެ އަނބިމީހާއަށް" އަޒާންގެ އަޑުގައިވާ އަސަރު ޝަމްލާގެ ހިތަށް އެއްވެސް ހުރަހެއްނެތި ފޯރިއެވެ. އޭނާގެ ފިރިމީހާއަކީ އޮޅުވާލާ ދޮގުހަދާ މީހެއްނޫންކަން ޝަމްލާއަށް މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ. ޚުދު އޭނާގެ އަމިއްލަ ޟަމީރަށް ވެސް އިތުބާރު ނުކުރާވަރަށް އަޒާނަށް އިތުބާރުކުރެއެވެ.

"އަހަރެން ޝަކުވާއެއްނުކުރަމެއްނު... ނުވެސް ކުރާނަން. އަޒާންއަށް އަބަދުވެސް ވަފާތެރިވާނަން. މިއަދު ހިތަށް ވަރަށް ބޮޑު ލުޔެއްލިބިއްޖެ. ކައިވެނީގެ ކުރީކޮޅު އަޒާންގެ ޢަމަލުތައް ދެނެގަންނަން އަހަންނަށް ނޭނގުނީ. އަހަރެން ކަންބޮޑުވީ އަޒާން ނުރުހޭ ފަދަ ކަމެއް އަހަންނަށް ކުރެވިދާނޭތީ. އޭރު ހިތުގައި އުފެދުނު ސުވާލުތަކަށް މިއަދު ތި ޖަވާބުދިނީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. މިންނުއަކީ އަޒާންގެ ހަޔާތަށް އައީ ކިހާ މުހިންމު މީހެއްކަން އަހަންނަށް ކިޔައިދިން ޔާނާ. އަހަރެން ޝުކުރުވެރިވާންވީ މިންނުއަށް. މިއަދު އަޒާންގެ އަނތްބެއްގެ މަޤާމުގައި ހުރުމުގެ ފުރުޞަތެއް ނުލިބުނީސް އެ ދުވަހު އަޒާންއާއި މިންނުގެ ކައިވެނި ކުރެވުނުނަމަ" ޝަމްލާގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

"މި ހުރިހާ ކަމަކީ ތަޤުދީރުގެ ރޭވުންތެރިކަން. އަހަރެން ކިތަންމެ ބޭނުންވިޔަސް ތަޤުދީރުގައި އެކަންވާންނެތީ. މައިންބަފައިންގެ ނިންމުމާމެދު އަހަރެން ވެސް އުފާކުރަން. އަންހެނުންގެ މަތީން ފޫހިވި ވަގުތު އަހަންނަށް ދިރިއުޅުމެއް ހޯދައިދިނުމުގެ ވިސްނުމުގައި ބައްޕައާއި މަންމަ އަހަންނަށް ހޯދައިދިނީ ޝަމްލާ. އަހަރެންގެ ހަޔާތަށް ޝަމް އައީކަމީ އަހަންނަށް ލެއްވި ނަސީބެއް. އަހަރެންގެ ހިތާއި މިންނުއާ ގުޅިފައިވީ ނަމަވެސް ތީ އަހަރެންގެ ލޯބިވާ އަނބިމީހާ. އަހަރެންގެ އުމުރުގެ ބާކީބައި ހޭދަކުރާނޭ ބައިވެރިވާ. އަހަރެންގެ ދަރިފުޅުގެ މަންމަ. މިންނުގެ ނަންއިވި އަދި އަހަރެންގެ ހިތުގައި އޮތް އެއްޗެއް އެނގި ޝަމް އެކަމާ ބިރުގަންނާކަށް ނުޖެހޭނެ. ޚުދު އަހަރެން ޔަގީންކަން މިއަދު ދެން، ޝަމްއާ ދުވަހަކުވެސް ވަކިނުވާނަންކަން. އަހަންނަށް އެނގޭ އަހަރެން ބުނަން މިއުޅޭ އެއްޗެއް ޝަމްއަށް ވިސްނޭނެކަން. މިންނު މިހާރު ދުނިޔެއަކު ވެސް ނެތް. އޭނާ ވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީ. އަހަރެން ވެސް ބޭނުންވަނީ މި ދިރިއުޅުމައިގެން ކުރިއަށްދާން. ޝަމްއާއެކު. އަހަރެމެންގެ ދަރިފުޅާއެކު" ޝަމްލާގެ އަތުގައި ފިރުމާލާފައި ގެނެސް އަމިއްލަ ކޯތާފަތުގައި އެ އަތްތިލަ އަޒާން ޖައްސާލިއެވެ. ޝަމްލާގެ ތުންފަތަށް ވެރިވެގެންދިޔަ ހިނިތުންވުމާއެކު އެ ދެ ލޮލުން ފިރިމީހާއަށް ޓަކައިވާ ލޯބި ވިދާލިއެވެ.

"މިންނުގެ ފުރާނައަށް ﷲ ހެޔޮ ރަޙުމަތްލައްވާށި! އޭނާއާ ބައްދަލުކޮއްލާ ހިތް މިއަދު ވަރަށްވޭ. ނަސީބުދެރަކަމުން ބައްދަލުނުވިޔަސް ޔަގީނުން ވެސް ބުނަން ކެރިދާނެ އެއީ ވަރަށް އަޙުލާގު ރަނގަޅު އަންހެނެއްކަން. އެފަދަ މީހަކާ ބައްދަލުވާނީ ނަސީބުވެރިންނާ. ﷲ އެ ފުރާނައަށް ބުރަކަމެއް ނުޖައްވާށެ. އާމީން... އަޒާން! ކުރިއެކޭ އެއްގޮތަށް އަހަރެން އަބަދުވެސް ހުންނާނީ އަޒާންއާއެކީ. އަހަރެންގެ ހިތް ސާފު. އެކަމާ އަޒާން ކަންބޮޑުނުވޭ. އަޒާންގެ ހިތުންނާއި ތި ހަޔާތުން އަހަންނަށް ދީފައިވާ މަޤާމު އެނގޭތީވެ އަހަރެން މި ހުރީ ވަރަށް އުފަލުން. އަހަރެންގެ ހުރިހާ އުފަލަކީ ވެސް އަޒާންއާއި އަހަރެމެންގެ ދަރިފުޅު" އަޒާންގެ އަތަށް ބާރުކޮށްލަމުން އަނެއްއަތުން އިށީނދެ އިން އަޒާންގެ ބޮލުގައި ޝަމްލާ ފިރުމާލިއެވެ.

"އާމީން... އަހަރެން ވެސް ބޭނުން މި ފަސްގަނޑުގައި ހުރެ މިންނުއާ ބައްދަލުކޮށްލުމުގެ ނަސީބު ނުލިބުނުނަމަވެސް މިންނުގެ މަހާނަ ދުށުމަށް ދާން. ނޭނގުމުގެ ތެރޭ މިންނުއަށް އުނދަގޫ ކުރެވިއްޖެ" މިންނުގެ އަބަދަށްޓަކައި ވަނީ ވަކިވެފައިކަން އެނގޭ ކޮންމެ ފަހަރަކު އަޒާންގެ ހިތަށް ފުންތަދެއް އިހުސާސް ކުރެވެއެވެ.

"އަހަރެން ވާހަކައެއް ބުނަންތަ؟" ހިމޭންކަމުގައި ވަގުތުކޮޅެއް ދިއުމަށްފަހު ޝަމްލާ ވާހަކަދެއްކިއެވެ. (ނުނިމޭ)