ލައިފްސްޓައިލް

އެންމެ އަގުބޮޑު އައިސްކްރީމް 1.4 މިލިއަން ޑޮލަރަށް

މީގެ ފަސްވަރަކަށް އަހަރު ކުރިއަށް ބަލާލާނަމަ ރާއްޖޭގައި ގިނަ މީހުންނަށް އަސްކްރީމްއަކީ ޗޮކްލެޓް، ވެނީލާ، އަދި ސްޓޯބެރީ އެވެ. އައިސްކްރީމްގެ ވައްތަރުތަކަށް ހަމައެކަނި އިނގެނީ މި ތިން ވައްތަރެވެ. މާ ގިނަ ވައްތަރުތަކުގެ އައިސްކްރީމް އޭރު ރާއްޖޭގައި ލިބެން ނުވެސް ހުރެ އެވެ.

ނަމަވެސް ޒަމާނަށް އައި ތަރައްގީއާއެކު މިހާރު އައިސްކްރީމް ޕާލާތައް ރާއްޖޭގައި ގިނަވެ، ތަފާތު ވައްތަރުތަކުގެ އައިސްކްރީމްގެ ރަހަ ބަލާލުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. މީގެ ކުރިން ދުވަހަކު އަޑު ނާހާ ބީޒައްޓެހި އެތައް ނަމެއް ކިޔާ އައިސްކްރީމްތަކެއް މިހާރު ލިބެން އެބަހުއްޓެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އައިސްކްރީމްތަކުގެ ލިސްޓުގައި ވެސް ހިމެނެނީ ހަމަ ބީރައްޓެހި ނަންތަކެއް ކިޔާ އައިސްކްރީމްތަކެކެވެ. ނަމަށްވުރެ ހައިރާން ކަމެއް ގެނުވަނީ މި އައިސްކްރީމްތަކުގެ އަގުތަކެވެ. މިގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ފަސް އައިސްކްރީމްގެ ލިސްޓެއް ހިމަނާލާނަމެވެ.

ގޯލްޑެން އޮޕުލެންސް ސަންޑޭއި

މިއީ އެމެރިކާގެ ނިއު ޔޯކްގެ ސެރެންޑިޕިޓީ 3 ކިޔާ ރެސްޓޯރަންޓަކުން ތައްޔާރުކުރާ އައިސްކްރީމެކެވެ. 1000 އެމެރިކާ ޑޮލަރަށް ލިބޭ މި އައިސްކްރީމްގައި ހިމެނެނީ ތިން ސްކޫޕުގެ ޓައިހިޓިއަން ވޭނީލާ ބީން އައިސްކްރީމާއި މަޑަގަސްކަރާ ވެނީލާއާއެކު އެޑިބަލް (ކެވޭ ގޮތައް ހުންނަ) ގޯލްޑެން ލީފް އެވެ. މީގެ އިތުރުން ދުނިޔޭ އެންމެ އަގުބޮޑު ޗޮކްލެޓުތަކުގެ ލިސްޓުގައި ހިމެނޭ އަމެޑޭއި ޕޯސެލާނާ ވިރުވުމަށްފަހު އައިސްކްރީމްގެ މައްޗަށް އަޅާފައިވެ އެވެ.

2007 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު އައިސްކްރީމްގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސްގައި އޮތް މި އައިސްކްރީމް ތައްޔާރުކުރާ ރެސްޓޯރެންޓުން މި އައިސްކްރީމް ތައްޔާރުކުރަނީ މަހަކު އެއް ފަހަރު އެވެ. މި އައިސްކްރީމްގައި ހިމެނޭ ބާވަތްތަކަކީ އަގު ބޮޑުކޮށް ދުނިޔޭގެ އެކި ހިސާބުތަކުން ގެންނަ ތަކެއްޗަށްވުމުން، މި އައިސްކްރީމް ކާން ބޭނުންނަމަ 48 ގަޑިއިރު ކުރިން އެ ރެސްޓޯރަންޓަށް އޯޑަރު ދޭންޖެހެ އެވެ.

މޮގުސަން މެގަ ސަންޑޭއި

މިވެސް ހަމަ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ބެގެޓެލް ނަމަކަށް ކިޔާ ރެސްޓޯރަންޓަކުން ލިބޭ 1000 ޑޮލަރުގެ އަގުހުރި އައިސްކްރީމެކެވެ. މި އައިސްކްރީމްގައި ހިމެނެނީ ވެނީލާ އައިސްކްރީމްއާއި، ޗޮކްލެޓް ޓްރަފުލްސް، ފްރެންޗް މެކްރޫންސް، ވިޕްޑް ކްރީމް، ޑާކް ޗޮކޮލެޓް ބްރައުނީސް، ސްޕެޝަލް ސޯބެޓް، ޗޮކޮލެޓް ވޮޑްކާ ސޯސް، އަދި ގޯލްޑެން ލީފްސް އެވެ. މި އައިސްކްރީމާއެކު ހާއްސަ ހަދިޔާވެސް ލިބެ އެވެ.

ފްރޯޒެން ޗޮކްލެޓް ހައުތް

ހަމަ ނިއު ޔޯގެ ސެރެންޑެޕިޓީ 3 ރެސްޓޯރަންޓުން ތައްޔާރުކުރާ މި އައިސްކްރީމަކީ 25،000 ޑޮލަރުގެ އަގުހުރި އައިސްކްރީމެކެވެ. އާންމުކޮށް ލިބެން ނުހުންނަ ކޮކޯގެ ބާވަތްތަކާއި ވިޕްޑް ކްރީމް، ގެރި ކިރު، ޓްރަޕުލް ޕީސެސް، އަދި ފަސް ގުރާމްގެ 23 ރަން ކެރެޓް އަޅައިގެން ތައްޔާރުކުރާ މި އައިސްކްރީމް ސާވްކުރަނީ ރަނުން ހަދާފައިވާ ތައްޓެއްގައި ރަން ސަމުސަލަކާއެކު އެވެ. މި އައިސްކްރީމާއެކު 18 ކެރެޓުގެ ބްރޭސްލެޓެއް ވެސް ހަދިޔާއަކަށް ލިބެ އެވެ.

އެބްސާޑިޓީ ސަންޑޭއި

އެމެރިކާގެ ތްރީ ޓުވިން އައިސް ކްރީމް ކޮމްޕެނީން ތައްޔާރުކުރާ މި އައިސްކްރީމްއަކީ 60،000 ޑޮލަރުގެ އަގު ބޮޑު އައިސްކްރީމެކެވެ. އާންމުކޮށް ލިބެން ނުހުންނަ ގިނަ ބާވަތްތަކެއް އެކުލެވޭ މި އައިސްކްރީމް ވިއްކައިގެން ލިބޭ ލާރި ހަދިޔާ ކުރަނީ އެފްރިކާގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރާ ނޮން ޕްރޮފިޓް ޖަމިއްޔާއަކަށެވެ. މި އައިސްކްރީމް ބޯން ބޭނުންނަމަ ދާންޖެހޭނީ ތަންޒޭނިއާ އަށެވެ.

ސްޓޯބެރީސް އަރްނައުދު

މިއީ ދުނިޔޭގައި މިހާރު ލިބެންހުރި އެންމެ އަގު ބޮޑު އައިސްކްރީމް އެވެ. ނިއު އޮލެންސް ސިޓީގައި ހުންނަ އަރްނައުދު ރެސްޓޯރަންޓުން ލިބޭ މި އައިސްކްރީމްގެ އަގަކީ 1.4 މިލިއަން ޑޮލަރެވެ. މި އައިސްކްރީމްގައި ހިމެނެނީ އެމެރިކާގެ ލުއިޒިއޭނާ ސްޓޭޓްގައި ހައްދާ ސްޓޯބެރީ އާއި، އަދި މިންޓް ފްލޭވާ އެއްކޮށްފައިވާ ވެނީލާ އައިސްކްރީމެވެ. މި އައިސްކްރީމަށް ވައިންވެސް އަޅަ އެވެ. ނަމަވެސް ވައިން އަޅަން ބޭނުން ނުވާ ފަރާތްތަކަށް ވައިން ނާޅަވެސް ސާވް ކުރެ އެވެ.