ރިޕޯޓް

މަޓީއަށް އަނގަ ހުޅުވާލަން ނުކެރި، ބިރުގެންފައި!

ޓޫރިޒަމް ސިނާއަތަށް ކަންބޮޑުވުމެއް އަންނަ ކޮންމެ ފަހަރަކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތެދުވާނެ އެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހިމެނޭ، އެންމެ ވަރުގަދަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވާ މަޓީ މީގެ ކުރިން ފެނިފައިވަނީ މި ފަދަ މައްސަލަތަކުގައި ވަރަށް ހަރަކާތްތެރި ކޮށެވެ. ހެލިފެލިވެ އުޅެނިކޮށެވެ. އެ ޖަމިއްޔާގެ ހަރަކާތްތެރިކަން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ޓެކްސްތައް ބޮޑު ކުރުމާއި ޓޫރިޒަމް ބޮއިކޮޓް ކުރުން އަދި ރިސޯޓު ސްޕާތައް ބަންދު ކުރަން ކުރީގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެކަމާ ދެކޮޅު އަޑުއުފުލި ތަނެވެ. ނަމަވެސް ވިލާގެ، ރިސޯޓުތަކުގައި ހުރި ރާފުޅިތައް ކޯޓު އަމުރަކާއެކު ބާލަން، ކަސްޓަމާއި ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނާމެދު އެ ޖަމިއްޔާ އިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންވެ، މިކަމާމެދު، ގިނަ ބަޔަކު ދަނީ ފާޑު ކިޔައިމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި މަޓީ އޮތީ ނިދާފަ އެވެ. އަނެއް ބަޔަކު ބުނަނީ މަޓީގެ ބޭފުޅުން އެއްޗެއް ވިދާޅުނުވަނީ ސަރުކާރު ދެކެ ބިރުންނެވެ. ކޮންމެއަކަސް މަޓީ އިން އަދި މި މައްސަލާގައި ބަހެއް ބުނެފައެއް ނުވެ އެވެ. މުޅި ގައުމު މި މައްސަލައިގައި ކެކި އަރައި އާންމުންގެ ޝުއޫރުތައް ބޮޑުވެފައިވާ އިރު މިކަމުގައި މަޓީއިން ޗުއްޕުވެސް ނުބުނެ އެވެ.

"މަޓީ ފަދަ ޖަމިއްޔާ ތަކުން މި ފަދަ މައްސަލަތަކުގަ ބަސް ބުނަން ޖެހޭ. މިއީ ސީދާ ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި މައްސަލައެއް. ހަމަ އެއްގޮތަކަށް ވެސް ނޭނގެ މަޓީ އިން ބަސް ނުބުނާ ސަބަބެއް؟،" ރާއްޖޭގެ ބޮޑު ޓްރެވަލް ކުންފުންޏެއްގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އިތުރުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ވެސް ދަނީ ސޯޝަލް މީޑިޔާގައި މަޓީ އަށް ފާޑު ކިޔަމުންނެވެ. މިގޮތުން ބައެއް ބޭފުޅުންވަނީ މަޓީއަކީ ހަމައެކަނި ޓޫރިޒަމް ފެއާ ތަކަށް ދާން ތިއްބަވާ ބޭފުޅުންގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މަޓީގެ މި ދައުރުގެ ޗެއާމަންއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ، ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ދެން ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބަވަނީ ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު ޗަމްޕާ ހުސެއިން އަފީފު (ޗަމްޕާ އަފީފު) ގެ އިތުރުން ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް އެވެ. ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި، މަޓީގެ އިސް ހުރިހާ ބޭފުޅުން ވަނީ އެކި ސަބަބުތަކާ ހުރެ ސަރުކާރާ ދެކޮޅަށް ބަހެއް ނުބުނެވޭ ވަރަށް ތާށިވެފައި ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. މި ސަރުކާރުން ދިން ފުރުސަތުތަކުގައި އެ ބޭފުޅުން މުޅިން އަލަށް ފެއްޓެވި ބޮޑެތި އިންވެސްޓްމަންޓްތައް އެބަ ހުއްޓެވެ. އެބޭފުޅުންގެ ވިޔަފާރި އިހުނަށް ވުރެ މި ސަރުކާރުގައި ފުޅާ ކުރެއްވި އެވެ. އެހެން ވީމާ، އެބޭފުޅުންގެ އަމިއްލަ އިންވެސްޓްމަންޓްތަކުގެ ހިމާޔަތުގައި މަޓީއަށް ތެދުވާން ނުކެރޭ ކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު އެންމެން ވެސް ކުރާ ސުވާލަކީ މިއަދު ގާސިމްގެ ރިސޯޓަށް އަރައި ހިންގާ އޮޕަރޭޝަން މާދަން އެބޭފުޅުންގެ ރިސޯޓްތަކަށް ވެސް އަމާޒުވެދާނެ ކަމެވެ. އެހެން ވީމާ، އަމިއްލަ މަސްލަހަތު އެއްފަރާތް ކުރައްވާފައި މުޅި އިންޑަސްޓްރީގެ ދިފާއުގައި ކުޑަ ނަމަވެސް އެއްޗެއް ބުނަން މަޓީ ބޭނުން ނުވާންވީ ސަބަބެއް ނެތެވެ.

މަޓީ އިން މި މައްސަލާގައި އެއްޗެއް ނުބުނިނަމަވެސް، ޓޫރިޒަމް ތަމްސީލް ކުރާ ދެ ޖަމިއްޔާ ކަމަށްވާ، މަޓާޓޯ އާއި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަޓާއިން އިން ބުނެފައިވާ ގޮތުގައި މިފަދަ ހާދިސާތަކުގެ ސަބަބުން ރިސޯޓުތަކުގެ އިތުރުން، ސަފާރީ އިންޑަސްޓްރީއަށް ވެސް ނޭދެވޭ އަސަރުކޮށް އިތުބާރު ގެއްލޭނެ ކަމަށެވެ. އަދި މަޓާޓޯއިން ބުނެފައިވާ ގޮތުގައި ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އަންނަ ހަބަރުތަކަކީ ރާއްޖެ އަށް އަންނަން ތިބި ފަތުރުވެރިންނަށް ރަނގަޅު ހަބަރުތަކެއް ނޫންކަމަށާއި އެ މައްސަލައިން ޓޫރިޒަމްގެ ދާއިރާއަށް އަސަރު ނުކުރާ ގޮތަށް ވީހާވެސް އަވަހަށް ސުޕްހަވެރިކޮށް ހައްލު ކުރުމަށް ގޮވާލާފައިވެ އެވެ.

ވިލާގެ ރިސޯޓުތަކަށް ގަވާއިދާ ހިލާފަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވާ ކަމަށް ބުނެ ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ތަހުގީގު ޓީމެއް ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑަށް މިދިޔަ ބުދަ ދުވަހު އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ކޯޓް އަމުރުގައި ދީފައިވާ ވަގުތު ހަމަވުމުން އެރިސޯޓްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމްތަކުން ވަނީ ފައިބާފަ އެވެ. ނަމަވެސް އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ފަން އައިލެންޑް ރިސޯޓުގެ ގުދަނުގައި ހުރި ހުރިހާ ރަލެއް ކަސްޓަމްސް އިން ރޭވަނީ އާ ކޯޓް އަމުރަކާ އެކު އެ ރަށަށް އަރައި ގެންގޮސްފަ އެވެ.

ކޮންމެއަކަސް އަދި މި މައްސަލާގެ ކޮޅެއް މެދެއް ނޭނގެ އެވެ. އަޑުތައް އިވެނީ ވިލާގެ އެހެން ރިސޯޓުތަކުގައި ހުރި ރާގުދަންތައްވެސް ހުސްކުރަން މަސައްކަތް ކުރާނެ ކަމެވެ. ނަމަވެސް މި ބޮޑު މައްސަލާގައި މަޓީއިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.