ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބުނު ހަންގާ ގޭމްސްގެ ފިލްމުތަކާއި، ސްޓާ ވޯޒްގެ ފިލްމްތައް ޕްރޮޑިއުސަރު އެލިސަން ޝިއާމަރް މަރުވެއްޖެ އެވެ.
ޝިއާމަރް، 54 މަރުވީ ފުއްޕާ މޭގެ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށް ލޮސް އެންޖެލަސްގެ ހޮސްޕިޓަލެއްގަ އެވެ.
ޝިއާމަރް ވަނީ ދުނިޔޭގެ ނަން ހިނގާ މަޝްހޫރު ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ޑިޒްނީ، ޕެރެމައުންޓް އަދި ލަޔަންސްގޭޓް އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ.
އެގޮތުން 2016 ވަނަ އަހަރު ރާއްޖޭގައި ޝޫޓުކުރި ސްޓާ ވޯޒްގެ ފިލްމު ރޯގް ވަން ޕްރޮޑިއުސަރަކީވެސް އޭނާ އެވެ. ކުރިއަށް އޮތް ސްޓާ ވޯޒްގެ ފިލްމްގެ ސޯލޯގެ ޕްރޮޑިއުސަރަކީވެސް ޝިއާމަރް އެވެ. އަދި 2017 ވަނަ އަހަރު ނިކުތް ޕަވާ ރޭންޖާސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުކަންވެސް ކުރީ އޭނާ އެވެ.
ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޝިއާމަރް ދިޔައީ އެންޖެލީނާ ޖޯލީ އާއެކު އޭނާ ތައްޔާރުކުރާ ޑިޒްނީގެ ފިލްމު ދަ ވަން އެންޑް އޮންލީ އައިވަން އަށް ކާސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޝިއާމްރް މަރުވިއިރު އޭނާގެ ފިރިމީހާ އާއި ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.