އެގޮތުން އިއްޔެ ވަނީ ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. ދެ މީހުންނަކީ ވެސް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ދެ މީހުންނެވެ.
އޭގެ ތެރެއިން އެކަކަކީ 2009 ވަނަ އަހަރު ޕާކިސްތާނުގެ އަސްކަރިއްޔާގެ މައި މަރުކަޒަށް ދިން ހަމަލާ އަކާއި ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒު މުޝައްރަފް އަވަހާރަކޮށްލަން މަސައްކަތްކުރި މައްސަލައެއްގައި ކުށް ސާބިތުވެފައިވާ ފަރާތެކެވެ.
މި ދެ މީހުންނަކީ ޓެރަރިޒަމްގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ދެ ކުށްވެރިންނެވެ. ނަމަވެސް އެ މީހުންގެ މައްޗަށް މިހާތަނަށް ހުކުމް ތަންފީޒުކޮށްފައި ނުވަނީ މަރުގެ ހުކުމް ލުއިކޮށް ދިނުމަށް އާންމުކޮށްފައި އޮތް ގަރާރަކާ ގުޅިގެންނެވެ.
ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުން ވަނީ އެ ގަރާރު ބާތިލުކޮށްފަ އެވެ. އަދި މަރުގެ ހުކުމް ޓެރަރިސްޓުންގެ މައްޗަށް އަލުން ތަންފީޒުކުރަން ފަށާފައި މި ވަނީ މިގޮތަށް އަމަލު ނުކުރުމަށް އދ. އިން ގޮވާލާފައި ވަނިކޮށެވެ.
ތާލިބާނުންގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި ޕާކިސްތާނު ސިފައިންގެ ހަރަކާތް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. އިއްޔެ ހިންގި ހަރަކާތްތަކެއްގައި ވެސް ތާލިބާނުންގެ 59 މީހަކު މަރާލާފައިވެ އެވެ.
ތާލިބާނުންނާ ދެކޮޅު ހަރަކާތްތައް ޕާކިސްތާނުން ވަރުގަދަކޮށްފައިވާ އިރު އެގައުމުގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ވަނީ ޓެރަރިޒަމް ނައްތާލައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
ޕިޝާވަރުގައި ސިފައިން ހިންގާ ސްކޫލަކަށް ތާލިބާނުން ދިން ހަމަލާގައި 141 މީހަކު މަރާލާފައިވާއިރު ގިނައީ ކުޑަކުދިންނެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ ސިފައިންގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް ޕާކިސްތާނުން ފެހި ސިގްނަލް ދީފައިވާއިރު މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ އަދަދު އެގައުމުގައި 8،000 އަށް ވުރެ މައްޗަށް އަރަ އެވެ. ޓެރަރިޒަމްގެ ކުށް ނޫން އެހެން ކުށްތަކުގައި މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތަކުގެ މައްޗަށް ވެސް ޕާކިސްތާނުން މި ވަގުތު ހުކުމް ތަންފީޒުކޮށްފާނެތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަމަވެސް ޕާކިސްތާނުން ގެނައި ބަދަލާ އެކު މަރުގެ ހުކުމް ތަންފީޒުކުރާނީ ހަމައެކަނި ޓެރަރިސްޓުންގެ މައްޗަށް ކަމަށް ވަނީ ބުނެފަ އެވެ.
ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ އާންމުންގެ ގިނަ ބަޔަކު މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލައި އަޑުއުފުލަމުންދާއިރު އެކަމަށް އިޖާބަ ނުދިނުމަށް އދ. އިން ވަނީ ޕާކިސްތާނަށް ގޮވާލައިފަ އެވެ.