ފިނިޕޭޖް

"ޑިޓެކްޓީވް ޕިކަޗޫ" ގެ ކާސްޓަށް އިތުރު ތަރިން

ގޭމިން ފްރެންޗައިޒް ޕޮކިމޯންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ލައިވެ އެކްޝަން ފިލްމު "ޑިޓެކްޓީވް ޕިކަޗޫ" ގެ ކާސްޓަށް އިތުރު ތަރިންތަކެއް ނަގައިފި އެވެ.

ރެއާން ރެނޯލްޑްސް ލީޑުން ފެނިގެންދާ މި ފިލްމުގެ ކާސްޓަށް އިތުރު ކޮށްފައިވަނީ "ގޮޑްޒިއްލާ" ގެ ތަރި ކެން ވެންޓާބޭ އާއި މި އަހަރު ކުރިއަށް އޮތް ފިލްމު "ޖުރެސިކް ވޯލްޑް؛ ފޯލެން ކިންގްޑަމް" އިން ފެންނާނެ ތަރިއެއް ކަަމަށްވާ ޖޯން ސްމިިތް، އަދި އެޗްބީއޯގެ ސީރީޒް "ބިގް ލިޓުލް ލައިސް" އިން ފެނިގެންދާ ތަރިއެއް ކަމަށްވާ ކެތްރީން ނިއުޓަން އެވެ.

މި މަހު ލަންޑަންގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓު ކުރަނީ "ގޫސްބަންޕްސް" ގެ ޑައިރެކްޓާ ރޮބް ލެޓާމެން އެވެ. ހަމަ އޭނާ ޑައިރެކްޓުކުރާ "ގޫސްބަންޕްސް" ގެ އިތުރު ފިލްމެއް މި އަހަރު ނިކުންނާނެ އެވެ.

ޕޮކިމޯންގެ ކޮންސެޕްޓް ބިނާވެފައި އޮންނަނީ ބެޓުލް ޓޯނަމެންޓްސް އަށް ތައްޔާރުވާ ކުޅުންތެރިންތަކެއް އެ ބެޓަލްސްތަކުގައި ބޭނުން ކުރުމަށް ބޭނުންވާ ބާރުގަދަ "މޮންސްޓާޒް" ނުވަތަ "ޕޮކިމޯން" ހޯދުމަށް ކުރާ ކަންތައްތަކުގެ މައްޗަށެވެ. އެގޮތުން ޕިކަޗޫ އަކީ ބާރުގަދަ ޕޯކިމޯންގެ ވައްތަރަކެވެ.

މި ފިލްމުގައި އުޅޭ ޑިޓެކްޓީވް ޕިކަޗޫ ކެރެކްޓާ އަކީ މިކަހަލަ އަދަޔާ ހިލާފު ބާރުގަދަ ޕިކަޗޫ އެކެވެ. އޭނާ އަކީ އަމިއްލައަށް އިންވެސްޓިގޭޓް ކޮށްގެން ކަންކަން ހޯދާ މީހެކެވެ. ފިލްމުގެ އެކްޝަން ފެށޭނީ ފިލްމުގައި އުޅޭ ސްމިތް ކެރެކްޓާގެ ބައްޕަ ރަހީނު ކުރުމުން، ޑިޓެކްޓީވް ޕިކަޗޫއާއި ގުޅިން އޭނާގެ ބައްޕަ ހޯދަން މަސައްކަތް ފެށުމާއެކު އެވެ.

މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަންނަ އަހަރު މޭ 10 ގަ އެވެ.