ބޮލީވުޑް

"ނީރްޖާ" އަކީ އެންމެ ހާއްސަ ފިލްމު: ސޯނަމް

May 6, 2015

އެކްޓްރެސް ސޯނަމް ކަޕޫރު މިހާރު ކުޅެމުން އަންނަ ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ނީރްޖާ" އަކީ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ ހާއްސަ ފިލްމު ކަމަށް ސޯނަމް ބުނެފި އެވެ.

“ނީރްޖާ" އަކީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

މިފިލްމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ސޯނަމް ވަނީ އޭނާ މިފިލްމުގައި ފެނިގެންދާނެ ގޮތުގެ ފޮޓޯއެއް އިންސްޓަގްރާމަށް ލާފަ އެވެ. އަދި ބުނެފައިވަނީ މިއީ އޭނާ ނީރްޖާ ބެނޮތަށް ދޭ ޓްރިބިއުޓްގައި އޭނާ ފެނިގެންދާނެ ގޮތްކަމަށެވެ. މިއީ އޭނާ ކުޅޭ އެންމެ ހާއްސަ ފިލްމަށް ވާތީ އެކަމަށް މަގުފަހިކޮށްދީފައިވާތީ ފޮކްސް ސްޓާ އިންޑިއާ އަދި ބްލިންގް ލައިވް އަށް ޝުކުރުވެރިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ސޯނަމް ވަނީ އެއާ ހޮސްޓެސްގެ ނޭމް ޓެގް ގެ ފޮޓޯއެއް ވެސް ޓްވިޓާއަށް ލާފަ އެވެ.

ނީރްޖާ އަށް ވަނީ ހިތްވަރުގަދަ މީހުންނަށް އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ އަޝޯކް ޗަކްރާ އެވޯޑް ލިބިފަ އެވެ. އަދި އޭނާ އަކީ މި އެވޯޑް ލިބުނު އުމުރުން އެންމެ ހަގު މީހާ ވެސް މެ އެވެ.

ޝަބާނާ އާޒްމީ ވެސް މިފިލްމުގައި ސޯނަމްގެ މަންމަގެ ރޯލުން ފެނިގެންދާނެ ކަމަށްވެ އެވެ. އަދި އެއީ ވަރަށް މުހިންމު ރޯލެއް ކަމަށް ވެސް މިފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ.

އެޑް ފިލްމް މޭކާ ރާމް މަދްވާނީ ޑައިރެކްޓްކުރާ މިފިލްމު ޕްރޮޑިއުސްކުރަނީ ފޮކްސް ސްޓާ އިންޑިއާ އާއި ބްލިންގް އެންޓަޓެއިންމަންޓްގެ ފަރާތުންނެވެ.