މާ ބޮޑު ކާމިޔާބު ފިލްމުތަކެއް ފާއިތުވި އަހަރު ނުނިކުތް ނަމަވެސް ރޭގައި އޮތް 63 ވަނަ ފިލްމްފެއާ އެވޯޑު ވެގެންދިޔައީ ބޮލީވުޑްއަށް ކުލަގަދަ ހަފްލާއަކަށެވެ.
މުމްބާއިގެ ޑޯމް އިން ވޯލީގައި އޮތް މި ހަފްލާ ހޮސްޓުކޮށް ދިނީ ބޮލީވުޑްގެ ލޯބީގެ ރަސްގެފާނު ޝާރުކް ހާން އަދި ޑައިރެކްޓާ ކަރަން ޖޯހަރެވެ. ޝޯޝަލް މީޑިއާގައި ރޭގެ ހަފްލާގެ ފޮޓޯ އަދި ވީޑިއޯތަށް މިހާރު ދަނީ ދައުރުވަމުންނެވެ.
މިފަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ ސަކެތް ޗައުދަރީގެ "ހިންދީ މީޑިއަމް" އެވެ. އެންމެ މޮޅު އެކްޓާގެ އެވޯޑް "ހިންދީ މީޑިއަމް" އިން އިރްފާން ހާން ކާމިޔާބުކުރިއިރު އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ކާމިޔާބުކުރީ "ތުމްހާރީ ސުލޫ" އިން ވިދްޔާ ބާލަން އެވެ.
އެންމެ މޮޅު އޮރިޖިނަލް ސްޓޯރީ އަށް "ނިއުޓަން" ހޮވުނުއިރު، ކްރިޓިކްސް އިން އެންމެ މޮޅު ފިލްމަކަށްވެސް ހޮވުނީ "ނިއުޓަން" އެވެ. ކްރިޓިކްސް އިން އެންމެ މޮޅު އެކްޓާއަށް "ޓްރެޕްޑް" އިން ރާޖްކުމާރް ރާއޯ ހޮވުނުއިރު، އެންމެ މޮޅު އެކްޓްރެސްއަކަށް ހޮވުނީ "ސީކްރެޓް ސުޕާސްޓާ" އިން ޒައިރާ ވަސީމް އެވެ.
ރާޖްކުމާރް ރާއޯ އަށް ވަނީ "ބަރްލޭކީ ބަރްފީ" އިން ބެސްޓް އެކްޓާ އިން ސަޕޯޓިންގް ރޯލްގެ އެވޯޑްވެސް ލިބިފަ އެވެ. މި ކެޓަގަރީން ބެސް އެކްޓްރެސްއަކަށް ހޮވުނީ "ސީކްރެޓް ސުޕަސްޓާ" އިން މެހެރް ވިޖް އެވެ.
އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ "ބަރްލޭކީ ބަރްފީ" ގެ ޑައިރެކްޓާ އަޝްވަނީ އައްޔަރް އެވެ. އަދި އެންމެ މޮޅު ޑެބިއުޓް ޑައިރެކްޓާ ކާމިޔާބުކުރީ "އަ ޑެތް އިންދަ ގުންޖީން" ކޮންކޮނާ ސެން ޝަރުމާ އެވެ.
މިއުޒިކް އެވޯޑްސްއަށް ބަލާއިރު އެންމެ މޮޅު އަލްބަމަކަށް "ޖައްގާ ޖާސޫސް" ހޮވުނުއިރު އެންމެ މޮޅު ލިރިކްސްވެސް ކާމިޔާބުކުރީ "ޖައްގާ ޖާސޫސް" ގެ ލަވަ އެކެވެ. އެއީ އަމީތާބް ބައްޗަން ލިރިކްސް ތައްޔާރުކުރި "އުއްލޫކާ ޕައްޓާ" ލަވަ އެވެ.
މިފަހަރުވެސް އެންމެ މޮޅު ފިރިހެން ޕްލޭބެކް ސިންގާގެ އެވޯޑު ގެންދިޔައީ އަރްޖިތް ސިންގް އެވެ. އެއީ "ބަދްރީ ނާތްކީ ދުލްހަނިއާ" އަށް އޭނާ ކިޔާދީފައިވާ "ރޯކެ ނާ ރުކޭ ނޭނާ" ލަވަ އިންނެވެ. އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގާ އަަކަށް ހޮވުނީ މޭގްނާ މިޝްރާ އެވެ. އެއީ "ސީކްރެޓް ސުޕާސްޓާ" އަށް އޭނާ ކިޔާދީފައިވާ "ނަޗްދީ ފީރާ" އިންނެވެ.
އެންމެ މޮޅު ސްރީން ޕްލޭއަކަށް "މުކްތީ ބަވަން" ހޮވުނުއިރު އެންމެ މޮޅު އެޑިޓިންއަކަށް ހޮވުނީ "ޓްރެޕްޑް" އެވެ. އެންމެ މޮޅު ސިނަމަޓޯގްރާފީ އެވޯޑް ގެންދިޔައީ "އަ ޑެތް އިންދަ ގުންޖީން" އެވެ.
މިފަހަރު ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ގެންދިޔައީ މަލާ ސިންހާ އަދި ބައްޕީ ލަހިރީ އެވެ.