ހަބަރު

ދަރިވަރުން މަދު ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދެނީ

ރާއްޖޭގައި ފަންސާހުން ދަށުގެ އާބާދީ ހިމެނޭ ސްކޫލްތަކުގެ ތައުލީމީ ފެންވަރު މަތިކުރުމަށް އެ ސްކޫލްތަކުގައި ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ކިޔަވައިދޭ ފެށުމަށް ސްކޫލްތައް ވާޗުއަލްކޮށް އިސްކަންދަރް ސްކޫލާ ގުޅުވާލައިފި އެވެ. ރާއްޖޭގައި 50 އިން ދަށުގެ އާބާދީ ހިމެނޭ ނުވަ ސްކޫލެއް އެބަހުއްޓެވެ.

ނުވަ ސްކޫލެއް އިންޓަނެޓް ވިއުގައަކުން އިސްކަންދަރް ސްކޫލާ ގުޅުވާލުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ފައްޓަވައިދެއްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ޓެކްނޮލޮޖީއަކީ ކުރިއަރަމުންދާ ގައުމެއްގައި އެއާ ނުލާ ދިރިނޫޅެވޭނެ އެއްޗެއް ކަމަށެވެ. މިއަދުގެ ކިޔަވާކުދިންނަކީ ޓެކްނޮލޮޖީއާ ރައްޓެހި ބަޔަކަށްވެފައި ސްކޫލްތަކުގައި އެ ވަސީލަތްތައް ބޭނުންކުރަން ކުދިންނަށް ފުރުސަތު ދެވިގެން ދިއުމަކީ ކުދިން ތައުލީމަށް ދޭ ޝައުގުވެރިކަން އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްލާސްތައް ނަގައިދޭން ފަށާފައިވާއިރު، 10 ސްކޫލެއް އެއް ވިއުގައަކުން ގުޅާލުން ވެގެންދާނީ އާބާދީ މަދު ސްކޫލްތަކުގެ ދަރިވަރުންނަށް އެހެން ސްކޫލްތަކުގެ ކުދިންނާ ގުޅިގެން ކިޔެވޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ދިމާވެފައިވާ އެންމެ ބޮޑު ޖޮންޖެހުމަކީ ބެހިފައިވާ ގޮތް. މާސިންގާ ކަނޑުތަކަުން ވަކިވެފައިވާ ރަށްތަކެއް އޮތް ގައުމަކަށް ވީ ނަމަވެސް ރާއްޖެއަކީ މި ސަރަހައްދުގައި ނަމޫނާ ގައުމެއް. ތައުލީމަށް ކުރާ ލޯބި ބޮޑު ގައުމެއް. މިއަދު މިކުރާ މަސައްކަތަކީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ސްކޫލްތަކުގައި ކިޔަވައިދިނުން މުޅިން އާ ހަރުފަތަކަށް ގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްކަންދަރް ސްކޫލުން ވީޑިއޯ ކޮންފަރެންސް ކޮށް ކިޔަވައިދޭނެ ސްކޫލްތައް

  • ހއ. ތަކަންދޫ
  • ހއ. މޮޅަދޫ
  • ނ. ފޮއްދޫ
  • ބ. ފޮޅުދޫ
  • އދ. ދިއްދޫ
  • މ. ރަތްމަންދޫ
  • މ. ވޭވަށް
  • ގއ. ކޮނޑޭ
  • ނ. މަންދޫ

އިސްކަންދަރް ސްކޫލާއެކު މި ނުވަ ސްކޫލްގެ ކިޔެވުން އަންނަ ހަފުތާގައި ފަށާނެ އެވެ.

މިއަދު އިފްތިތާހުކުރި މަޝްރޫއުގެދަށުން ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް ކިޔަވައިދިނުމަށް ނުވަ ސްކޫލެއްގައި ވަނީ ހުރިހާ ވަސީލަތެއް ގާއިމްކޮށްފަ އެވެ. އެކަމަށް ހަރަދުކޮށްފައިވަނީ ވޯލްޑް ބޭންކް އިން ލިބުނު ލޯނު އެހީގެ ދަށުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހަރަދުގެ ތަފްސީލެއް ނުދެއްވަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ނުވަ ސްކޫލުގައި ވެސް އެކި ދުވަސްތަކަށް ބަހާލައިގެން ވީޑިއޯ ކޮންފަރެންސްކޮށް އެކި ގްރޭޑްތަކުގެ އެކި ގަޑިތައް އިސްކަންދަރް ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާއެކު އެ ސްކޫލްތަކުގައި ކިޔަވައިދޭނެ އެވެ. ހާއްސަކޮށް ޖީސީ ހަދާ ސްކޫލްތަކުގައި ޖީސީއަށް ކުދިން ތައްޔާރުކުރުމަށް ނަގާ ކްލާސްތައް ވެސް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.