ކުޅިވަރު

ހައްލުހޯދަން އިތުރު ކުޅުންތެރިޔެއް ބޭނުމެއްނުވޭ: ޒިދާން

ސްޕެނިޝް ލީގްގައި ރެއާލް އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ނަމަވެސް ޖަނަވަރީ ޓްރާންސްފާގައި ޓީމަށް އިތުރު ކުޅުންތެރިޔެއް ނުގެންނާނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޓްރާންސްފާ ޕީރިއަޑް ފެށުމުގެ ކުރިން، ޒިދާންގެ ޓީމަށް އެތުލެޓިކް ކުލަބުގެ ކީޕަރު ކެޕާ އަރިއްސަބަލަގާ ގެނައުމަށް، ރެއާލްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް ޝައުގުވެރިވި ނަމަވެސް، ޒިދާން ކުރިން ބުނެފައި ވަނީ ޓީމަށް އިތުރު ކީޕަރެއް ބޭނުން ނުވާ ކަމަށެވެ. ޕެރޭޒް އާއި ރެއާލްގެ ބޯޑުން ކުޅުންތެރިން ގެންނަން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި ނަމަވެސް އިތުރު ކުޅުންތެރިޔެއް ސްކޮޑަށް ގެނައުމަށް ޒިދާން ގަބޫލު ނުވާތީ ރެއާލްގެ ޑިރެކްޓަރުންގެ ބޯޑާއި ކޯޗިން ޓީމާ ދެމެދު ރަނގަޅު ގުޅުމެއް ނެތް ކަމުގެ ޚަބަރުތައް ފެތުރިގެން ދިޔަ އެވެ.

ނަމަވެސް ޒިދާން ބުނީ، ޓްރާންސްފާގައި ކުލަބުގެ ބޯޑާއި ކޯޗުން ސްޓާފުންވެސް ދައްކާނީ އެއް ވާހަކަ އެއް ކަމަށެވެ. އިތުރު ކުޅުންތެރިޔެއް ނުގެންނަން ކޯޗާއި ޑިރެކްޓަރުންގެ ބޯޑުންވެސް ނިންމާފައިވާ ކަމަށް ޒިދާން ބުންޏެވެ.

"ކުލަބުގެ ޑިރެކްޓަރުންގެ ބޯޑާއި ކޯޗުން ސްޓާފުންނާ ދެމެދު އެއްވެސް މައްސަލައެއް ނެތް، އަހަރެމެން ކަންކަން ނިންމަނީ ގުޅިގެން،" ކަލޭމެން [ނޫސްވެރިން] އަހަރެންގެ ގާތުން އެހިނަމަވެސް އަހަންނާއި ކުލަބުގެ ދެ ވިސްނުމެއް ނެތް، އޮތީ އެއް ހިޔާލެއް،" އަމިއްލަ ދަނޑުގައި މިރޭ ޑިޕޯޓީވޯ ލަކަރޫނިއާ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ. "ފިނި މުސުމުގައި [ޖަނަވަރީ ގައި] އަހަރެމެން އެއްވެސް ކުޅުންތެރިޔެއް ޓީމަކަށް ނުގެންނާނަން."

ރެއާލުން، ޕީއެސްޖީގެ ނޭމާ ގެންނަން ޝައުގުވެރިވާ ވާހަކަ މީޑިއާގައި ދަނީ ދެކެވެމުންނެވެ. ޒިދާން ބުނީ ނޭމާ އަކީ، މުޅި ފުޓްބޯޅައިގެ ދުނިޔެ އެ ކުޅުންތެރިޔަކާ މެދު ޝައުގުވެރިވާ ކުޅުންތެރިޔެއް ކަމަށެވެ.

ރެއާލްގެ ޓީމު މިހާރު އޮތް ހާލަތާ މެދު ޒިދާންގެ ކަންބޮޑުވުމެއް ނެތެވެ. އޭނާ ބުނީ އެކަމާ މާ ކަންބޮޑުނުވާ ކަމަށާއި އެކަމުގެ ހައްލު ރެއާލްގެ ޓީމުގައި އެބައޮތް ކަމަށެވެ.

"އަހަރެމެން ކުރަން ޖެހޭނެ ކަމަކީ، އަހަރެމެންނަކީ ކުރިންވެސް އޮތް ވަރުގަދަ ޓީމު ކަމަށް ދެއްކުން، ޓީމު އަލުން ރަނގަޅު ފޯމަކަށް އެޅުމުގެ ގާބިލުކަން އަހަރެމެންގެ ކިބައިގައި އެބަހުރި،" ޒިދާން ބުންޏެވެ. "ހުރިހާ މެޗެއްގައިވެސް އަހަރެމެން ބުރަކޮށް މަސައްކަތް ކުރާނަން ސީޒަން ނިމެންދެން، އަހަރެން ވިސްނަނީ ރަނަގަޅަށް، އަހަރެން ފަހަތަކަށް ނުޖެހޭނަން، އެއީ މިކުލަބުން ހިފަހައްޓާ އަގުތަކުގެ ތެރެއިން އެއް އަގުވެސް ވެސްމެ."