ފިލްމްފެއާ އެވޯޑްސްގައި ރެޑް ކާޕެޓް ކޮންމެ އަހަރަކުވެސް ވެގެންދަނީ ފެޝަންގެ ކާނިވަލަކަށެވެ. ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި ބޭއްވި 63 ވަނަ ފިލްމްފެއާ އެވޯޑްސް ހަފްލާގެ ރެޑް ކާޕެޓުން މަޝްހޫރު އަދި ހުނަރުވެރި ބޮލީވުޑްގެ އެތައް ތަރިންނެއް ފެނުނީ ތަފާތު ޑިޒައިންތަކަށް ތައްޔާރުކޮށްފައިވާ ހެދުންތަކާއި ސޫޓްތަކުގަ އެވެ.
މިގޮތުން އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ޕަރިނީތީ ޗޯޕްރާ ލައިގެންހުރި އޮފް ޝޯލްޑާ ގައުން އާއި، ޝާހިދު ކަޕޫރު ލައިގެން ހުރި ފުލް ވައިޓް ސޫޓެވެ.
އުނަގަނޑާއި ހިސާބުން ބެލްޓްއެއް އެޅުމަށްފަހު ޕަރިނީތީ ލާފައިހުރި މެޓަލިކް ވޮލްމިނަސް ގޯން އާއެކު އެރޭގެ ހަފްލާގައި އެންމެންގެ ލޯތަކުގައި ރަނިކަންކުރީ އޭނާ އެވެ. އަދި ސިމްޕަލް މޭކަޕްއަކާއެކު އޭނަ ހީވީ ހަމަ ޕްރިންސެސްއެއް ހެނެވެ.
މުޅިން ހުދު ކުލައިގެ އެޓައާ އަކާއެކު ޝާހިދު ހަމަ ހިތްތައް ކަތިލި އެވެ. ހުދު ސޫޓާއެކު އޭނާގެ ހުރީ ސިމްޕަލް އަދި ކްލެސީ ލުކް އެކެވެ.
އިތުރު ތަރިންނަށް ބަލާލާނަމަ ކާޖަލް ލައިގެން ހުރި ވައިން ހިއުޑް އޮފް ޝޯލްޑާ ގޯން އާއެކު އޭނާ ތުންފަތުގައި ޖައްސާފައިހުރި ވައިން ކަލާޑް މޭކަޕް ވެގެންދިޔައީ ކިލާ ކޮންބޯ އަކަށެވެ.
ލިލެކް ބޯލް ރޫމް ލޭޔާޑް ގައުންއަކާ އެކު އާލިއާ ބަޓް ހަމަ ހީވީ ބާބީއެއް ހެނެވެ. މަޑު ދަނބު ކުލައިގެ އެ ހެދުމާއެކު އާލިއާ ކޮށްފައި ހުރީ އާދައިގެ މޭކަޕް އެކެވެ.
ރަންވީރު ސިންގް ބޮލީވުޑް އަށް ކުރާ ލޯބި އޭނާ އެ ހަފްލާގައި ލައިގެން ހުރި ސޫޓަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ. ރަންވީރު ލައިގެން ހުރި ޖެކެޓް އާއި ޓްރައުޒާގައި ހުރީ ބޮލީވުޑްގެ ކުރީގެ ފިލްމުތަކުގެ ޕޯސްޓަރުތައް ޕްރިންޓް ކޮށްފަ އެވެ. ރޭގެ ހަފްލާގައި ފެނުނު އެންމެ ތަފާތު ސްޓައިލަކީވެސް މި އެވެ. މީގެ ކުރިންވެސް ތަފާތު ސްޓައިލްތަކަކާ އެކު ރަންވީރު ވަނީ ބެލުންތެރިން ސިއްސުވާލާފަ އެވެ.
ޕްރިތީ ޒިންތާ ލައިގެންހުރި ފިޔާތޮށި ފްލޯރަލް ލޭސް އެމްބްރޮއިޑަރީ އޮފް ޝޯލްޑާ ގޯން އާއި، ސޯނަމް ކަޕޫރު ލައިގެންހުރި ބްލޭޒާ އާއި ކަކުލާ ހަމައަށް އަރާ ސޯޓްސް އަަށްވެސް ތައުރީފުތައް ލިބުނެވެ. ސޯނަމް ހިފަހައްޓައިގެން ހުރި ރަންކުލައިގެ ކްލަޗް އާއި އޭނާ އަރައިގެން ހުރި ހައި ހީލްސްއަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތެވެ.
މީގެ އިތުރުންވެސް އެކި ކަހަލަ އާ ސްޓައިލްތަކުގެ ހެދުންތައް މި ހަފްލާއިން ފެނިގެން ގޮސްފައިވެ އެވެ. މިހާ ހިސާބުން ތި ބޭފުޅުނަށް އެންމެ ކަމުދާ ހެދުމެއް އިހްތިޔާރުކުރުމަށް ފުރުސަތު ދޭނަމެވެ.