ބޮލީވުޑް

ކުރީގެ މަޝްހޫރު ތިން ބަތަލާއިންގެ މަޖާ ދިރިއުޅުން

ބަތަލާއިން އެކަކު އަނެކަކާ ނުގުޅޭނެއޭ ބުނަނީ ކާކުހެއްޔެވެ؟ އަދި މުސްކުޅިވީމަ ތިބެން ޖެހޭނީ ގޭތެރޭގައި ކަމަށް ގަބޫލު ކުރަނީ ކޮން ބައެއް ހެއްޔެވެ؟ ހަމަ ގައިމުވެސް ކުރީގެ ފިލްމުތަކުން ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ މި ތިން ބަތަލާއިންގެ މެދުގައި އޮތީ ވަރަށް ގާތް އެކުވެރި ކަމެކެވެ. އެ މީހުންގެ ރަން ޒަމާނުއްސުރެ މިއަދާ ޖެހެންދެން ވެސް މި ތިން ބަތަލާއިންނަކީ ބެސްޓް ފްރެންޑުންނެވެ. އަދި އުމުރުން ދުވަސް ވިޔަސް އެމީހުން ކޮންމެހެން ގޭގޭގައި ބިއްޖެހިފައި ތިބޭކަށް ވެސް ބޭނުމެއް ނުވެ އެވެ. ރިޓަޔަމަންޓް އުމުރު އެމީހުން ހޭދަކުރަމުންދަނީ އުފަލާއި މަޖަލުގަ އެވެ.

މި ތިން ބަތަލާއިންނަކީ ވަހީދާ ރަހްމާނާއި އާޝާ ޕާރެކް އަދި ހެލަން އެވެ. ވަހީދާގެ އުމުރުން މިހާރު 83 އަހަރެވެ. އާޝާ އަށް 78 އަހަރެވެ. އަދި ހެލަން އަށް 72 އަހަރެވެ. ނަމަވެސް އެމީހުން އުޅޭ އުޅުމަކުން މިހާ އުމުރުން ދުވަސް ވެފައި ތިބި ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

އެމީހުން އެކުގައި ތަންތަނަށް ޗުއްޓީ ހޭދަ ކޮށްލަން ގޮސް މަޖާ ކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ދެއެވެ. އަދި މި މަންޒަރުތައް ފެނިފައި މި އުމުރުގައި ވެސް އެމީހުން އުޅޭލެއް މަޖާކަމާއި އެކުވެރިކަމުން ގިނަ ބަޔަކު ހައިރާންވެގެން އެ ވާހަކަ ދައްކަ އެވެ.

ދާދިފަހުން އެމީހުން އިންޑިޔާގެ އަންޑަމަންގައި ޗުއްޓީ ހޭދަ ކުރަމުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވެ އަނެއްކާ ވެސް މި ތިން ބަތަލާއިންގެ ވާހަކަ ނޫސްތަކުގައި ލިޔަން ވަނީ ފަށާފަ އެވެ.

ބޮލީވުޑް ޕްރޮޑީއުސަރު ތަނޫޖް ގަރްގް އިންސްޓަގްރާމްގައި ޝެއާކުރި މި ފޮޓޯތަކުން އެއް ފޮޓޯގައި ވަހީދާ އާއި އާޝާ އަދި ހެލަން ޔޮޓެއްގައި ތިއްބާ ފެނެ އެވެ. އަނެއް ފޮޓޮއެއްގައި ވަހީދާ ޔޮޓްގެ ހުންގާނުގައި އިންދާ ފެނެ އެވެ. ތިން ވަނަ ފޮޓޯގައި ވަހީދާ އާއި އާޝާ ވަރަށް ފުން ވާހަކައަކަށް ގެއްލިފައި ތިއްބާ ފެނެ އެވެ. ހެލަން އަށް 82 އަހަރެވެ. ނަމަވެސް ތިން އެކުވެރިން އުޅޭލެއް މަޖާ ކަމުން އެއްގޮތަކަށް ވެސް އެމީހުންނަކީ މިހާ އުމުރުން ދުވަސްވެފައި ތިބި ބައެއް ކަމެއް ނޭނގެ އެވެ.

މި ފޮޓޯތައް ޝެއާކުރަމުން ގަރްގް ބުނެފައިވަނީ މާޒީގެ ހަނދާންތަކާއި ލޯބި އަދި އެކުވެރިކަމުގެ ގުޅުން މި ފޮޓޯތައް ބަޔާންކުރާ ކަމަށެވެ.

މަޝްހޫރު ހިންދީ ފިލްމު "ދިލް ޗާހްތާ ހޭ" އަލުން އުފައްދާނަމަ މި ތިން އެކުވެރިން އާޝާ، ވަހީދާ އަދި ހެލަންގެ ވާހަކަ އަށް އުފައްދަން ރަނގަޅުވާނެ،" ގަރްގް ލިޔެފައި ވެއެވެ.

މި ފޮޓޯތަކުގެ އިތުރުން ވަހީދާ އޭނާގެ ދަރިފުޅު ކަޝްވީ އާއެކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ކަޝްވީ ވަނީ ސޯޝަލް މީޑީއާގައި ޝެއާ ކޮށްފަ އެވެ.

އެކުގައި ޗުއްޓީ ހޭދަކުރުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކަށް ވެސް ޚާއްސަ މެހެމާނުންގެ ގޮތުގައި މި ބަތަލާއިން ދެއެވެ.

އާޝާ އާއި ހެލަން އަދި ވަހީދާގެ ތެރެއިން އާޝާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރެ އެވެ. ހެލަން ކައިވެނި ކޮށްގެން އުޅެނީ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާނާ ދެ އަންބަށެވެ. އެ ދެ މީހުންނަށް ދަރިއެއް ލިބިފައި ނެތަސް ސަލްމާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާ ޚާން އަކީ ސަލީމް އާއި ހެލަން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. ސަލްމާނާއި އޭނާގެ އެއްބަނޑު އެއްބަފާ ހުރިހާ އެންމެން ވެސް ހެލަން އަކީ މަންމައެއްގެ ގޮތުގައި ބަލައިގެން މަންމައެއްގެ ލޯބި ދެމުން އަންނަ ކަން ފާހަގަ ކޮށްލެވެ އެވެ.

ކައިވެނިކޮށްގެން ދަރިން ލިބިފައިވަނީ ހަމައެކަނި ވަހީދާ އަށެވެ. ވަހީދާ 1974 ގައި ކައިވެނިކުރީ އޭނާއާއެކު ފިލްމު ކުޅުނު އެކްޓަރެއް ކަމަށްވާ ޝަޝީ ރެކީ (ފިލްމީ ނަމުން ނަމަ ކަމަލްޖީތު) އާއެވެ. ކައިވެނި ކުރުމުގެ ކުރިން 1964 ގައި މި ދެ މީހުން ވަނީ "ޝަގޫން" ކިޔާ ފިލްމެއް އެކުގައި ކުޅެފަ އެވެ.

ޝަޝީ އާއި ވަހީދާ އަށް ދެ ކުދިން ލިބިފައި ވެއެވެ. ސޮހައިލް ރެކީ އާއި ކަޝްވީ ރެކީ އެވެ. މި ދެބެންނަކީ ވެސް ލިޔުންތެރިންނެވެ. ކައިވެންޏަށްފަހު ވަހީދާ ދިރިއުޅުނީ ބެންގަލޫރުގެ ފާމްހައުސްއެއްގަ އެވެ. ނަމަވެސް 2000 ގައި ފިރިމީހާ މަރުވުމުން އަނެއްކާވެސް މުމްބައިގެ ބާންޑްރާގައި ހުންނަ އޭނާގެ އަމިއްލަ ބަންގްލޯއަކަށް ދިރިއުޅުން ބަދަލުކޮށް މިއަދާ ޖެހެން ވެސް ދިރިއުޅެނީ އެ ތަނުގަ އެވެ.