ބޮލީވުޑް

މަންމައަކީ ސަނީ ލިއޯނީ ކަމަށް ބުނި ޒުވާނަކު ހޫނުފެނަށް

އޭނާއަކީ ބޮލީވުޑް ބަތަލާ ސަނީ ލިއޯނީ އާއި ބަތަލު އިމްރާނު ހާޝިމީގެ ދަރިއެއް ކަމަށް އިންޑިޔާގެ ބިހާރުގެ 20 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނި ގޮތުގައި މި ކުއްޖާ އިމްތިހާނު ހަދަން ހުށަހެޅި ފޯމުގައި އޭނާގެ މަންމަގެ ނަމަކަށް ޖަހާފައިވަނީ ސަނީ ލިއޯނީ އެވެ. ބައްޕަގެ ނަމަކަށް އިމްރާން ހާޝިމީ އެވެ.

މިހާރު މި ފޯމުގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އަދި ގިނަ ބަޔަކު މިއީ މަޖާ ކަމަކަށް ވެގެން މި ވާހަކަ މުޅި ސޯޝަލް މީޑިއާގައި އަޑު ހިއްޕާލާފައި ވެއެވެ. ސަނީއަށް ވެސް މި ހަބަރު ލިބި އޭނާ ވަނީ މި ކުއްޖާ ކުރި ކަންތަކަށް އޭނާގެ ހިތަށް އެރި ވާހަކަތައް ޓުވީޓެއްގައި ހިއްސާ ކޮށްފަ އެވެ.

"މި ކުދިން ހާދަ ފައްކަލޭ. ބޮޑެތި ހުވަފެންތައް ދެކެން މީ ރަނގަޅު ގޮތެއް. ހާހާޙާ،" ސަނީގެ ޓުވީޓްގައި ވެއެވެ.
އިމްރާން ހާޝިމީ ވެސް މި ކުއްޖާ މި ބުނާ ވާހަކައަށް ސޯޝަލް މީޑިއާގައި ޖަވާބު ދިނެވެ.

"ﷲ ގަންދީ ހުވާކޮށްފައި ބުނަން އެއީ މަގޭ ދަރިއެއް ނޫން،" އިމްރާންގެ މެސެޖުގައި ބުނެފައި ވެއެވެ.

މި ކުއްޖާ އިމްތިހާނު ހަދަން ފޯމު ހުށަހެޅި ޔުނިވސިޓީގެ ރެޖިސްޓްރާރް ރާމް ކްރިޝްނާ ޓާކޫރް ހިންދުސްތާން ޓައިމްސް އަށް ބުނެފައިވާ ގޮތުގައި މި ކުއްޖަކު މަޖަލަކަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް މިކަން ތަހުގީގު ކުރުމަށް ފަހު އެކުއްޖާ އަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުންޏެވެ.

އިމްރާން އާއި ސަނީ ވަނީ "ބާދުޝާހޯ" ކިޔާ ލަވައެއް އެކުގައި ކުޅެފަ އެވެ.

ސަނީގެ ތިން ދަރިން އެބަތިއްބެވެ. އެތަނުން ދޮށީ ދަރިފުޅަކީ އޭނާ އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. އަދި ދެ ކުދިންނަކީ އެއްމާބަނޑު ދެބެންނެވެ. އެ ދެކުދިން ލިބިފައިވަނީ ސަރަގަސީ މަންމައެއްގެ ފަރާތުންނެވެ. އިމްރާން ހާޝިމީގެ ވެސް ފިރިހެން ދަރިއަކު ހުރެ އެވެ.