ދެކުނު އޭޝިއާ ސަރަހައްދުގައި އިންޑިއާއަށް ކުރިން އޮތީ ވަރަށް ބޮޑު މަގާމެކެވެ. އެއީ ސަރަހައްދުގައި ދެން ތިބި ކުދި ގައުމުތަކުގެ "ބޮޑުބޭބެ" އެވެ. ގުދުރަތީ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ އަތް ދިއްކޮށްލަން ޖެހޭނީ އެ ބޮޑު ބޭބެއަށެވެ. ތަރައްގީގެ ކަންކަމުގައި ހިނގަން ޖެހޭނީ ވެސް އެ ބޭބެގެ ފަހަތުންނެވެ.
ސަރަހައްދުގައި އިންޑިއާއަށް އޮތް އެ މަގާމު ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް އެ ގައުމަކަށް ނުކުރެވުުނެވެ. އެކަމުގައި ކުރަން ޖެހޭ ހޭދަ ކުރެވޭ ވަރަށް ވުރެ އެގައުމުގެ ދީލަތިކަން ފަހަކަށް އައިސް އޮތީ ކުޑަވެފަ އެވެ. އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އިންޑިއާގެ އޮފު ކެނޑުނީ އެ ގައުމުން މި ސަރަހައްދުގެ ކުދި ގަައުމުތަކަށް ވަމުން އައި އެހީއަކީ ނުރުހިއްޖެ ނަމަ އަދަބުދޭން އޮތް ހަތިޔާރަކަށް ބަދަލު ކުރުމުންނެވެ.
އިންޑިއާ ނުރުހޭ ކޮންމެ ފަހަރަކު ވިސާގެ ނިޒާމަށް ބަދަލު ގެނެއެވެ. އެ ގައުމުން އެހެން ގައުމުތަކަށް އެކި ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރަށް ބަދަލު ގެނެ އެވެ. އެއް ފަހަރު ހިލަވެލި ވިއްކުން ހުއްޓައިލިއްޔާ އަނެއް ފަހަރު ހުއްޓައިލާނީ ފިޔާ އާއި އަލުވި ވިއްކުމެވެ. ޗައިނާއަށް ލިބުނު އިގުތިސާދީ ބޮޑު ކުރިއެރުމާއި އެކުގައި އިންޑިއާއިން އެގައުމުގެ "ބެކްޔާޑް" ކަމަށް ދެކޭ ސަރަހައްދަށް ފޭބީ މި ހުރިހާ ކަމެއް އެނގި ތިބެއެވެ.
ޗައިނާއިން އެމީހުންގެ އިގުސާދީ ނުފޫޒު މި ސަރަހައްދުގައި ފަތުރައިލިކަން އިންޑިއާއަށް ވިސްނުނީ ވަގުތު ފާއިތުވި ފަހުންނެވެ. އަވަށްޓެރި ސްރީލަންކާގައިވާ ސްޓްރެޓެޖިކް ގޮތުން މުހިއްމު ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ދަށަށް ދިޔަ ފަހުންނެވެ. ޕާކިސްތާނުގެ ގައުޑާރްގައި ކަނޑުގެ ސިފައިންގެ ބަނދަރެއް ހަދަން ފެށި ފަހުންނެވެ. ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ފަހުންނެވެ.
ޗައިނާގެ އެ ފިޔަވަޅު ތަކަށް އިގުތިސާދީ ގޮތުން ރަނގަޅު ރައްދެއް ދޭކަށް އިންޑިއާއަކަށް ނޭނގުނެވެ. އޭގެ ބަދަލުގައިި އިޚުތިޔާރު ކުރީ ޝަކުވާ ކުރުމާއި އިންޒާރު ދިނުމާއި ބޮޑާ ހޭކުމުގެ ސިޔާސަތެވެ. އެއިން އެއްވެސް ކަމަކުން މަންފާއެއް ނުކުރުމުން މިހާރު މި ފެންނަނީ އަސްކަރީ ގޮތުން ނުފޫޒު ގަދަކުރުމުގެ މަސައްކަތްތައް ފެށިތަނެވެ.
ނިއުކްލިއަ ވޯހެޑް އުފުލޭ މިސައިލް ޓެސްޓްކުރުން
އިންޑިއާއިންް ވަނީ މިދިޔަ ހުކުރު ދުވަހު އިންްޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓް ކޮށްފަ އެވެ. އެގައުމުން ބުނީ އެއީ 3100 މޭލުގެ ދުރުމިނަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށެވެ. އެގޮތުން ބަލާ ނަމަ އެެއީ ވާދަވެރި ޗައިނާގެ ވެރިރަށް ބެއިޖިން އާއި ޝަންހާއީ ފަދަ ބޮޑެތި ޝަހަރުތަކާ ހަމައަަށް ފޯރާވަރުގެ މިސައިލެކެވެ.
އަގްނީ-5 ގެ ނަން ދީފައިވާ އެ މިސައިލަކީ 1.5 ޓަނުގެ ނިއުކްލިއަ ވޯހެޑެއް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މިސައިލް ޓެސްޓް ކުރުމަށް ފަހު އިންޑިއާ އަސްކަރިއްޔާއިން ބުނެފައި ވަނީ "މިޝަންގެ ހުރިހާ މަގުސަދެއް ހާސިލުވި" ކަަމަށެވެ.
ޗައިނާގެ ކަންބޮޑުވުމާއި ރައްދު
އިންޑިއާއިން މިސައިލް ޓެސްޓް ކުރުމާއިއެކު ޗައިނާއިން ވަނީ އެކަމުގައި އޮތް ކަންބޮޑުވުން ނުސީދާކޮށް ފާޅުކޮށްފަ އެވެ. އެއީ އެގައުމުގެ ސަރުކާރުން ހިންގާ ގްލޯބަލް ޓައިމްސް ނޫހުގެ އެޑިޓޯރިއަލް މެދުވެރިކޮށެވެ. އެ ނޫހުގައި ހުކުރު ދުވަހު ލިއުނު ލިއުމެއްގައި ޗައިނާގެ އަސްކަރީ މާހިރުންނާ ހަވާލާދީ ބުނެފައި ވަނީ "އިންޑިއާގެ މިސައިލް ޓެސްޓަށް ރައްދު ދިނުމަށް އިންްޑިއާ ކަނޑުގައި ޗައިނާގެ މަގާމު ވަރުދަދަ ކުރަން ޖެހޭ" ކަމަށެވެ.
ގްލޯބަލް ޓައިމްސް އަކީ ޗައިނާ ސަރުކާރުގެ ސިޔާސަތުތައް ހާމަކުރަން ކުރިންސުރެ ބޭނުން ކުރަމުން އަންނަ ނޫހެކެވެ. އެ ނޫހުން ބުނާ ވާހަކަތަކީ ޗައިނާގެ ބަހުގެ ގޮތުގައި ދުނިޔޭގެ މީޑިއާއިން ގެނެސްދެ އެވެ. އެކަމަށް ޗައިނާއިން އިންކާރެއް ވެސް ނުކުރެއެވެ.
ޗައިނާގެ އަސްކަރީ މާހިރެއް ކަމަށްވާ ސޮން ޒޮންޕިން އެ އެ ނޫަހަށް ވިދާޅުވެފައި ވަނީ އިންޑިއާއިން ޓެސްޓް ކުރި މިސައިލަކީ ބެއިޖިން އަށް ފޯރާ ވަރުގެ މިސައިލަކަށް ވިޔަސް އިންޑިިއާގެ މިސައިލް ޓެކްނޮލޮޖީ އަދި ކުރި ނާރާ ކަމަށެވެ. ނަމަވެސް އެއީ ޗައިނާއިން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުުވެފައި ވެއެވެ.
ޝަންހާއީ އިންސްޓްޓިއުޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އޮފް ޝަންހާއީ އެކަޑަމީ އޮފް ސޯޝަލް ސައިންސަސްގެ މާހިރެއް ކަަމަށްވާ ހޫ ޒިޔޮން ވިދާޅުވެފައި ވަނީ އިންޑިއާގެ މިސައިލް ޓެސްޓާ ގުޅިގެން ޗައިނާއިން އެގައުމުގެ މިސައިލުން ދިފާއުވާ ނިޒާމު އިތުރަަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ނުތަނަވަސްކަން ވަރަށް ބޮޑު
ބައިނަލް އަގުވާމީ ބައެއް ނޫސްތަކުން ސިފަ ކުރާ ގޮތުގައި މިސައިލް ޓެސްޓަށް ފަހު ޗައިނާއާއި އިންޑިއާ މިހާރު އޮތީ ހަނގުރާމައިގެ ހާލަތުގަ އެވެ. އެގޮތުން އެ ޓެސްޓް ކުރިތާ ކުޑަ އިރުކޮޅެެއްގެ ތެރޭގައި ޗައިނާއިން ވަނީ ދެގައުމުން އަރައިރުންވަމުންދާ ސަރަހައްދެއް ކަމަށްވާ ޑޮކްލާމް ސަަރަަހައްދަށް ގިނަ އަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް ފޮނުވާފަ އެވެ. އެ ސަރަހައްދަކީ މިދިޔަ 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ވެސް ދެގައުމުގެ ސިފައިން ޒުވާބުކޮށް ގާއުކައި ހެދި ސަރަހައްދެވެ.
ނޫސްތަކުން ބުނީ އެ ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ ސިފައިން މިހާރު ތިބީ އެންމެ 10 ވަރަކަށް މީޓަރު ދުރުގައި ކަމަށެވެ.
އިންޑިއާއިން ސިފަކުރާ ގޮތުގައި ޗައިނާގެ އެ ފިޔަވަޅަކީ އޭޝިއާ ސަރަހައްދުގައި ނުފޫޒު ގަދަކުރަން ޗައިނާއިން ކުރާ ބޮޑު ހަނގުރާމައިގެ ބައެެއް ކަމަށެވެ.
އިންޑިއާއާ ޗައިނާއާ ދެމެދު ސީދާ ހަނގުރާމައެއް ފެށިއްޖެ ނަމަ އެތައް މިލިޔަން މީހުންނެއް މަރުވާނެ އެވެ. އަދި އެ ފަދަ ހަނގުރާމައެއް ފެށިއްހެ ނަމަ ދެފަރާތަށް މަދަދުކުރަން ވެސް ގިނަ ގައުމުތަކެއް އެބަ ތިއްބެވެ. އެހެންވީމާ އެކަން ވެގެން ދާނީ ދުނިޔޭގެ ބޮޑު ހަނގުރާމައަކަށެވެ. ސަރަހައްދީ ގައުމުތަކުން އުއްމީދު ކުރަނީ ކުރިމަތިލުމަކަށް ނުދާނެ ކަމަށެވެ.