އަވި ގަދަ ދުވަހެއްގައި އަވި އައިނެއް ނާޅާ ބޭރަށް ދިއުމަކީ ކެތްވާވަރުގެ ކަމެއް ނޫނެވެ. ހޫނު ގަދަކަމުން ދެ ލޮލަށް ބާރުކޮށް ބޮލުގައި ރިހޭ ހިސާބަށް ދެ އެވެ. މިކަހަލަ ދުވަހެއްގައި ލޯ ބޮޑު އަވި އައިނެއް އޮތުން މުހިންމެވެ.
ގިނަ މީހުން އަޅާތީ ފެންނަނީ ވެސް ލޯ ބޮޑުކޮށް ހުންނަ އަވި އައިނެވެ. ރީތި ޑިޒައިނަކަށް އޮންނަ އަވި އައިނެއް ހޯދާއިރު ވެސް އޭގެ ލޯ ކޮޅު ކުޑަވެއްޖެޔާ ބައެއް ފަހަރު ކަމަކު ނުދެ އެވެ. ލޯ ކޮޅު ބޮޑުވި ވަރަކަށް އަވިން ލޮލަށް ކުރާނެ އަސަރު ކުޑަވާނެކަން އެނގޭތީ ކަމަށް ވެސް ވެދާނެ އެވެ.
ލޯ ބޮޑު އަވި އައިނަށް ބޮޑު ސަމާލުކަމެއް އޮތަސް މަޑު މަޑުން ލޯ ކުޑަ އައިނަށް ވެސް ޝައުގުވެރިކަން އުފެދެން މިހާރުވަނީ ފަށާފަ އެވެ. އެއީ މަޝްހޫރު ގިނަ މީހުން މިހާރު ލޯ ކުޑަ އަވި އައިނު އަޅައިގެން ތިބޭ ތަން ފެންނާތީ ކަމަށްވެސް ވެދާނެ އެވެ.
އެގޮތުން ލޯ ކުޑަ އަވި އައިނަކީ އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކާޑޭޝިއަން މިހާރު ފޮލޯކުރާ ސްޓައިލެކެވެ. ކިމް، ލޯ ކުޑަ އަވިއަނަށް ލޯބި ޖެހުނީ އޭނާގެ ފިރިމިހާ މަޝްހޫރު ރެޕާ އަދި ފެޝަން ޑިޒައިނާ ކާންޔޭ ވެސްޓްގެ ފަރާތުންނެވެ. މިކަހަލަ އައިނު އޭނާ އަޅަން ފެށީގެ ކާންޔޭގެ އެދުމަށެވެ.
ނުވަދިހައިގެ އަހަރުތަކުގައި ވައިގަހިފި މި ކަހަލަ އައިނު މިހާރު އާންމުކޮށް އަޅާ އެހެން މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ކިމްގެ ކޮއްކޮ ކައިލީ ޖެންނާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ގެ އިތުރުން އެމެރިކަން މޮޑެލް ބެއްލާ ހަދީދް ހިމެނެ އެވެ. އެމެރިކަން އެކްޓްރެސް ޒޯއީ ކްރާވިޓްޒް އާއި "ސްޓްރޭންޖާ ތިންގްސް" ގެ ތަރި މިލީ ބޮބީ ބަރައުން ވެސް މިކަހަލަ އައިނު އަޅާތަން މިހާރު ގިނައިން ފެނެ އެވެ.
ލޮލަށް މާގިނަ ފައިދާތަކެއް މި އައިނުތަކުން ނުކުރިޔަސް، ބަލާލުމަށް މި އައިނު އަޅާފައި ހުންނައިރު ވެސް ނިކަން ޗާލެވެ. މިހާރު އާންމުކޮށް ޓްރެންޑުތަކަަށް ވަނީ މަޝްހޫރު ފަރާތްތަކުން ފޮލޯ ކުރާ ސްޓައިލްތަކެވެ. އެހެން ކަމުން މި ސްޓައިލަށް އަވި އައިނު އެޅުން ދުވަސްކޮޅަކުން އާންމުވުމަކީ މާ ދުުރުގައި އޮތްކަމެއް ނޫނެވެ.