ކުރީގެ މެންޗެސްޓާ ޔުނައިޓެޑު މިޑްފިލްޑަރު މެންފިސް ޑެޕާއި މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު އޮލިމްޕިކް ލިއޯން ފްރާންސް ލީގުގެ އެއްވަނަ މަގާމުގައި އޮތް ޕީއެސްޖީ 1-2 ބަލިކޮށްފި އެވެ.
އަނިޔާގެ ސަބަބުން ނޭމާ ޕީއެސްޖީގެ މެޗު ސްކޮޑުގައި ނުހިމެނެ އެވެ. އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ހޯދީ އެންހެލް ޑިމާރިއާ އެވެ. ލިއޯންއަށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައި ނުވުމާއެކު އެޓީމު މެޗަށް ނިކުތީ ކޯޗު ބްރޫނޯ ޖެނޭސިއޯ އާމުކޮށް ޓީމުގައި ހިމަނާ އެގާރަ ކުޅުންތެރިންނާއެކު އެވެ.
މެޗު ފަށައިގެން ދެ ވަނަ މިނިޓުގައި ލިއޯންއަށް ލީޑު ނަގައިދިނީ ކެޕްޓަން ނަބީލް ފެކީރް އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ހިލޭ ޖެހުމަކުންނެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ކަވާނީ އެރިޔާ ތެރޭގައި ހުސްކޮށް ހުރެ ލިބުނު ބޯޅަ ބޮލުން ފޮނުވާލީ ލިއޯންގެ ކީޕަރު ލޯޕޭޒްގެ އަތަށެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑިފެންޑަރު ލެވީ ކުރްޒެވާ ކާމިޔާބުކުރި ލަނޑާއެކު ޕީއެސްޖީ މެޗުގެ ނަތީޖަ އެއްވަރުކުރި އެވެ. އޭރިޔާ ތެރެއަށް ނަގައިދިން ހުރަސް ކުރްޒެވާ އެއްފަހަރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ މެދަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 30 މިނިޓަށް ވެފައިވަނިކޮށް ޕީއެސްޖީގެ ޑިފެންޑަރު ޑެނީ އަލްވޭސްއަށް ރަތް ކާޑު ދެއްކި އެވެ. ލިއޯންގެ ކުޅުންތެރިޔަކަށް ފައުލް ކުރުމަށްފަހު ރެފްރީ އާއި ޒުވާބު ކުރުމުން އޭނާއަށް ވަނީ ސީދަ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
އެއް ކުޅުންތެރިޔަކު މަދުކޮށް ޕީއެސްޖީ ޕޮއިންޓަކާއެކު މެޗު ނިންމާލާނެ ކަމަށް ބެލެވުނު ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅުން ނިކުތް ޑެޕާއި 95 ވަނަ މިނިޓުގައި ޕީއެސްޖީ އޭރިޔާ ބޭރުން ދެކުޅުންތެރިން ކާރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
ލިއޯން އަކީ މިސީޒަނުގައި ލީގުގައި ޕީއެސްޖީ ބަލިކުރި ދެވަނަ ޓީމެވެ. ލިއޯންގެ އިތުރުން ޕީއެސްޖީ ބަލިކޮށްފައި ވަނީ މާސޭ އެވެ. މިމެޗުން 1-2 ނަތީޖާ އަކުން ބަލިވި ނަމަވެސް ޕީއެސްޖީ ލީގުގެ އެއް ވަނަ މަގާމުގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާއެކު އެވެ. ޕީއެސްޖީއަށް 56 ޕޮއިންޓު ލިބިފައިވާއިރު ދެވަނަ މަގާމުގައި އޮތް ލިއޯންއަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.