ޕްރިޔާންކާ ޗޯޕްރާ

ފިލްމުގެ ޕްރޮމޯޝަނަށް ޕީސީ ސަންޑޭންސްގައި

ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ގިނަ ބަޔަކު ދީވާނާ ކުރުވަމުން އަންނަ ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަކީ ޝޯޝަލް މީޑިއާގައި މިހާރު އެންމެ އެކްޓީވް އެއް ތަރި އެވެ.

އޭނާ ފެނިގެންދާ އެމެރިކަން ކްރައިމް ތްރިލާ ސީޒީޒް ކުއެންޓިކޯގެ ތިން ވަނަ ސީޒަންގެ ޝޫޓިންގައި އަވަދިނެތި އުޅެމުން ދަނިކޮށް ޕީސީ މިހާރު ވަނީ ބްރޭކެއް ނެގުމަށްފަހު އޭނާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓް ކުރުމަށްޓަކައި ސަންޑޭންސް ފިލްމު ފެސްޓިވަލަށް ގޮސްފަ އެވެ.

ޔޫޓާގައި އޮތް މި ފެސްޓިވަލްގައި އޭނާ ޕްރޮމޯޓް ކުރާ ފިލްމަކީ "އަ ކިޑް ލައިކް ޖޭކް" އެވެ. ފިލްމު ޕްރޮމޯޓް ކުރަން ގޮސް ނަގާފައިވާ ވީޑިއޯތައް ޕީސީ ވަނީ އިންސްޓަގްރާމްގައި ފޭނުންނާއި ހިއްސާކޮށްފަ އެވެ. ފިލްމުގެ ޕްރޮމޯޝަންއަށް ކުރަމުންދާ މަސައްކަތްތައް ވެސް އޭނާ ގެންދަނީ ދައްކަމުންނެވެ.

ފިލްމުގެ ޕްރޮމޯޝަން ކަންތައް ނިމުނުހާ އަވަހަކަށް އޭނާ އެނބުރި ކުއެންޓިކޯގެ ޝޫޓިން އަށް ނިއު ޔޯކަށް ދާނެ އެވެ. ކުއެންޓިކޯގެ ތިން ވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނީ އޭޕްރީލް 26 ގަ އެވެ.

އޭރަށްވެސް ޕީސީއަށް އަދި ހަމަޖެހިލެވޭކަށް ނެތެވެ. އަންނަ އަންގާރަަ ދުވަހު މި އަހަރުގެ އޮސްކާ ނޮމިނީސްތައް އިއުލާންކޮށް ދޭނީ ވެސް އޭނާ އެވެ.