ކުޅިވަރު

ބްރެޒިލްގެ ފެޑްރޭޝަންގެ ރައީސްކަމަށް ރޮނާލްޑޯ ޝައުގުވެރިވޭ

ބްރެޒިލްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ކަން ކުރުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް އޭގެ ކުރިން އޭނާ ބޭނުން ވަނީ ބޮޑު ކުލަބެއް ހިންގައި އެކަން ސާބިތު ކޮށްދޭން ކަމަށް ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑަށްވެސް ކުޅުނު ރޮނާލްޑޯ ބުނީ އޭނާ ބޭނުން ވަނީ އިންގްލެންޑް ނުވަތަ ސްޕެއިންގެ ދެ ވަނަ ޑިވިޝަންގެ ކުލަބެއް ގަނެ އެ ކުލަބު ހިންގުމަށް ކަމަށެވެ. ރޮނާލްޑޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2011 ވަނަ އަހަރު އެވެ. އޭރުވެސް އޭނާ ބުނީ އޭނާ އަބަދުވެސް ހުންނާނީ ފުޓްބޯޅައާ ވަރަށް ގާތުގައި ކަމަށެވެ. ރޮނާލްޑޯގެ 50 އެކެޑެމީއެއް ދުނިޔޭގެ ހަތަރު ގައުމެއްގައި ހިންގަ އެވެ. އެއީ އޭނަގެ އަމިއްލަ ގައުމު ބްރެޒިލް، އެމެރިކާ، ޗައިނާ އަދި ހޮންކޮންގައެވެ. އަދި އޭނާ އަކީ ރެއާލް މެޑްރިޑްގެ ގްލޯބަލް އެމްބަސެޑަރު ވެސް މެއެވެ.

"ބްރެޒިލްގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސްކަން ކުރުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް،" ބްރެޒިލް އަށް 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕު ހޯދައިދިން ފޯވަޑް ބުންޏެވެ. "ނަމަވެސް އޭގެ ކުރިން އަހަރެން ބޭނުން ވަނީ ބޮޑު ކުލަބެއް ހިންގައި ތަޖުރިބާ ތަކެއް ހޯދަން."

"ކުލަބެއް ގަނެ އަހަރެން ބޭނުން ކުލަބު ހިންގުމުގެ ސިސްޓަމުގައި އިނޮވޭޓިވް ބަދަލެއް ގެންނަން، އަހަންނަށް ހީވަނީ އަހަރެން މިހުރީ އެ ޗެލެންޖަށް މިހާރު ތައްޔާރު ވެފައި ހެން."

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ބްރެޒިލްގެ ފުޓްބޯޅައަށް މާ ބޮޑު ކާމިޔާބެއް ނުހޯދުނެވެ. އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އެ ޓީމު ކެޓީ ސެމީ ފައިނަލުންނެވެ. ބްރެޒިލްގެ ފުޓްބޯޅަ އަށް އިސްލާހީ ބަދަލު ތަކެއް ގެންނަން ގޮވާލި ކުރީގެ ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ވެސް ހިމެނެ އެވެ،.