ދެހާސް ފަނަރަ ވަނަ އަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ސަލްޓަން ޕާކުގައި ހެދި ލެޑް ގާޑެންގެ ގަސްތަކާއި އެއާ ގުޅޭ އެހެނިހެން ތަކެތި ބަދަލުކުރީ ސިޓީ ޕާކަށް (އެންސީ ޕާކް) އަށެވެ. އެއީ މިހާރު އޮތް ގޮތަށް "ރަސްރަނި ބަގީޗާ" އަށް ސަލްޓަންޕާކު މުޅިން ބަދަލު ކޮށްލުމަށެވެ. ހަމަ އެގޮތަށް ސިޓީ ޕާކަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުވާން އެ އަހަރު ނިންމި އެވެ.
ސަލްޓަން ޕާކު މިވަނީ "ރަސްރަނި ބަގީޗާ" ގެ ނަމުގައި ތަރައްގީކޮށް ޕާކުގެ ބައެއް ހުޅުވާފަ އެވެ. އެހެން ނަމަވެސް މާލޭގައި ޕާކް ހެދުމުގައި ކާމިޔާބީތަކެއް ހޯދާފައިވާ މި ސަރުކާރަށް ލެޑްލައިތްގެ ގަސްތަކުން ޖަރީ ކުރަން އުޅުނު ސިޓީ ޕާކް ދިއްލައެއް ނުލެވުނެވެ.
ކުރިން ދިރުމާއި އުންމީދު އޮތް އެ ޕާކަކީ މިހާރު މީހެއްގެ ހިލަމެއް ވެސް ނުވާ ފަޅު ބިމެކެވެ. އަގު ބޮޑުކޮށް އެތަނަށް ވެއްދި ލެޑް ގަސްތައް ވަނީ ވީރާނާވާން ދޫކޮށްލާފަ އެވެ. ސަލްޓަން ޕާކުގައި އެގަސްތައް ދިއްލާފައި ހުރި މީހުން އެ ގަސްތައް ކައިރިން އުފާ ހޯދާ ފޮޓޯ ނަގައި ހެދި އެވެ. ދިވެހިންގެ މެދުގައި ލެޑްގާޑެން މަގުބޫލު ވެސް ވިއެވެ.
ސިޓީ ޕާކަށް ބަދަލުތަކެއް ގެނެސް ހުޅުވަން ނިންމި ފުރަތަމަ ތާރީހަކީ ޖުލައި 26، 2016 އެވެ. އެ ތާރީހަކަށް ނުނިންމުނެވެ. އޭގެ ފަހުން ޕާކު ހުޅުވަން ދުވަސް ނަގަނީ ބޭރުން ގެންނަން އުޅުނު އިތުރު ތަކެތި ނުގެނެވިގެން ކަމަށް ހައުސިންގް މިންސްޓްރީން ބުންޏެވެ.
ލެޑް ގަސްތައް ސިޓީ ޕާކަށް ބަދަލުކޮށް އެ ޕާކު ބަންދު ކުރުމަށްފަހު އެތާ ތެރޭގެ މަސައްކަތް ކުރިއަށްދާ ގޮތް އެއްވެސް ބަޔަކަށް ނުފެނެ އެވެ. ނަމަވެސް ވަށައިގެން ޖެހި ފިލާތައް މިހާރު ވަނީ ވެއްޓިފައެވެ. ޕާކުގެ އެތެރެ ފެންނާން އެބައޮތެވެ. އެއީ ވީރާނާވެފައިވާ ގަސްތަކާއި ހަލާކުވެފައިވާ ރަބަރު ޖަނަވާރުތަކެވެ.
މުޅި ޕާކުގައި ކާޕެޓް އަޅާފައި ވިނަމަވެސް ގިނަ އަދަދެއްގެ ކާޕެޓް ތަކެއް ޕާކުތެރޭގައި އެއްވެސް މީހެއްގެ ބެލުމެއް ނެތި ހަލާކުވުމަށް ދޫކޮށްލާފައިވެއެވެ. ބޮޑު ހަރަދު ކުރުމަށްފަހު ފެށި އެ ޕްރޮޖެކްޓް ގޮނޑަކަށް ވެފައި އޮތުމުގެ ޒިންމާ ސަރުކާރުގެ ކޮންމެވެސް ދިމާއަކުން ނަގަން ޖެހޭނެ އެވެ.