ޑރ. އަހުމަދު ޒިޔާދު ބާގިރު

"އޮތީ އަނބިންނަށް އޯގާތެރިވުން، އަނިޔާވެރިވުމެއް ނޫން،"

ހުރިހާ ކަމެއްގައި ވެސް ފިރިންނަށް އޮތީ އަނބިންނަށް އޯގާތެރިވުމާއި އަޅައިލުމާއި ހަމްދަރުދީވުން ކަމަށާއި ގަދަކަމުން ގަދަބާރުގައި އެއްވެސް ކަމެއް ކުރުމަށް އިސްލާމްދީނުގައި އަންގަވާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުން އެއީ ރޭޕް ކުރުމަށް ނުވާނެ ކަމަށް ދީނީ އިލްމުވެރިއެެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފު ވިދާޅުވުމުން އެކަން ހޫނުވެ ބަހުސަކަށް ވެފައި ވަނިކޮށް މިނިސްޓަރު މިރޭ ވަނީ އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވާފަ އެވެ. "އަވަސް" އަށް ވިދާޅުވީ، ދެމަފިރިންގެ ގުޅުމަކީ އިސްލާމްދީނުގައި ވަރަށް މާތް މަތިވެރި ގުޅުމެއް ކަމަށާއި އިސްލާމް ދީނުގައި އަންގަވާފައިވަނީ ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭނީ ލޯއްބާއި އެކުވެރިކަމާއި އެއްބައްވަންތަކަން ކަމަށެވެ.

އިސްލާމްދީނުގައި ރީތި އުސޫލުތަކެއްވާ ކަމަށާއި ގަދަކަމުން ފިރިމީހާގެ ހައްގު ހޯދަން ނުވަތަ އެދުން ފުއްދުމަށް މަސައްކަތް ކުރުމުން ބައެއް ފަހަރު އެކަމުގެ ގެއްލުމެއް އަނބިމީހާއަށް ލިބެމުންދާ ކަަމަށެވެ. އަދި އިސްލާމްދީނުގައި އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާ ކަމަށާއި ފިރިންނަށް އޮތީ އަނބިންނަށް އޮގާތެރިވުމާއި އަޅާލުމާއި ހަމްދަރުދީވުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސައިކޮލޮޖިކަލް ގޮތުން އަންހެނުންނަށް ތަފާތު އެކިއެކި އަސަރުތަކެއް ކުރާނެ، އެދުވަސް ވަރު ފިރިން ޖެހޭނެ ދެނެގަންނަން، އިސްލާމްދީން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރޭ، ފިރިންނަށް އޮތީ އަނބިންނަށް އޯގާތެރިވުމާއި އަޅާލުމާއި ހަމްދަރުދީވުން ހުރިހާ ކަމެއްގައިވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިސްލާމްދީނުގައި އުސޫލުތަކާއި މިންގަނޑު ތަކެއް ކަނޑަ އަޅުއްވާފައިވާ ކަމަށާއި އެ އުސޫލުތަކާއި މިންގަނޑު ހިފަހެއްޓުމަކީ ފިރިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ގަދަކަމުން ގަދަބާރުގައި އެއްވެސް ކަމެއް ކުރުމަށް އިސްލާމްދީނުގައި އަންގަވާފައެއް ނުވާ ކަމަށެވެ.

"ކީރިތި ރަސޫލާ އަނބިން ސިފަ ކުރައްވާފައިވަނީ ބިއްލޫރި ފުޅިއެއް ނުވަތަ ތައްޓެއްގެ ސިފައިގައި، އެހެން ކަމުން އެގޮތަށް އޯގާތެރިކަމާއި އަޅާލުމަށް އަންގަވާފައިވަނީ، ރަސޫލާ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވެސް އަންގަވާފައިވޭ، ހުރިހާ ގޮތަކުން ބެލި ކަމުގައިވީ ނަމަވެސް އެނގިގެން އެބަދޭ އަނބިންނާއެކު އުޅުމަކީ އަރާމާއި ލޯތްބާ ހިތްހަމަ ޖެހުންކަން. އެހެން ކަމުން ގަދަކަމުން ކިހިނެތްތޯ ލޯތްބާއި އަޅާލުމާއި ހިތްހަމަޖެހުން ހޯދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" ގައި މީހަކު އަހާފައިވާ ސުވާލަކީ، ފިރިމީހާ، އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިގެން އެ ރޭޕަށް ވާނެ ހެއްޔޭ އެވެ. އެ ސުވާލުގެ ޖަވާބުގައި އިޔާޒު ވިދާޅުވެފައިވަނީ އެކަން ރޭޕަށް ނުވާނެ ކަމަށެވެ.

އެސުވާލަށް ކުރު ޖަވާބެއް ދެއްވުނު ކަމަށްޓަކައި މާފަށް އެދިފަ އެވެ. އޭނާ ވިދާޅުވީ، އަނބިމީހާ ނުުރުމުގައި އަނބިފިިރިކަމުގެ ގުޅުން ހިންގުމާ ގުޅޭގޮތުން އެނާއާ ކުރެވުނު ސުވާލެއްގެ ޖަވާބު ދެވިފައިވާ ގޮތުން ބޮޑެތި އޮޅުންތަކެއް އަރަމުންދާ ކަމަށެވެ. އަދި އެސުވާލުގެ ޖަވާބު އެގޮތަށް ދީފައިވަނީ، އެފަދަ ހާލަތެއްގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އުފުލި ހުކުމް ތަންފީޒް ކުރުމާމެދު ކުރެވޭ ބަހުސަކަށް ރިއާޔަތްކޮށް ކަމަށެވެ. އެކަމާ ގުޅިގެން ބޮޑު ބަހުސެއް އުފެދުނު ފަހުން އިޔާޒު ވަނީ މާފަށް އެދިވަޑައިގެންފައެވެ.