ބޮލީވުޑްގެ ތަރި ސަލްމާން ހާންގެ ފިލްމު "ބަޖްރަންގީ ބައިޖާން" ޗައިނާގައި ސްކްރީން ކުރަން ނިންމައިފި އެވެ.
މި އަންނަ މާޗު މަހުގެ ދެވަނަ ދުވަހު މި ފިލްމު ޗައިނާގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު 8000 އަށް ވުރެ ގިނަ ސްރީންތަކުގައި އަޅުވާނެ އެވެ. މި ފިލްމު އަޅުވާ ދުވަސް ދިމާ ވަނީ ޗައިނީޒް ލެޓާން ފެސްޓިވަލް ހަފްތާ ބަންދާ އެވެ.
ސަލްމާން ހާންގެ ބެނާ ވެންޗާސް އިން ކޯ-ޕްރޮޑިއުސްކޮށް 2015 ވަނަ އަހަރު ނިކުތް މި ފިލްމަށް އިންޑިއާގައި ބޮޑު ތަރުހީބެއް ލިބުނެވެ. ކަބީރު ހާން ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ވެގެންދާނީ ޗައިނާ މާކެޓުގައި އަޅުވާ ސަލްމާންގެ ފުރަތަމަ ފިލްމަަށެވެ.
މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާއަށް ގެއްލިފައިވާ ޕާކިސްތާނުގެ ކުޑަ އަންހެން ކުއްޖެއް، ޕާކިސްތާނުގައި ހުރި އޭނާގެ މަންމަ އާއި ހަމައަށް ގެންގޮސް ދިނުމަށް ސަލްމާން ކަޑައްތުކުރާ އުނދަގޫ ރާސްތާ އެވެ.
ސަލްމާން ޗައިނާގައި މާކެޓުގައި އޭނާގެ ފުރަތަމަ ފިލްމު ދައްކަން ނިންމާފައިވާއިރު ބޮލީވުޑްގެ ބަތަލް އާމިރް ހާން މިހާރު ދަނީ ޗައިނާގެ މާކެޓުގައި އޭނާގެ ދެ ވަނަ ފިލްމު ދައްކަމުންނެވެ. އާމިރް މިދިޔަ އަހަރު ޗައިނާގައި އެޅުވި "ދަންގާލް" އިން ބޮޑު އާމްދަނީއެއް ހޯދާފައިވެ އެވެ. މިހާރު އަޅުވާފައިވާ "ސީކްރެޓް ސުޕާސްޓާ" އަށްވެސް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.