ދުނިޔެ

ގާޒާ އަށް މިހާތަނަށް ލިބުނީ އެންމެ ދެ ޕަސެންޓްގެ އެހީ

ގާޒާ އަށް އެހީވުމަށް 5.4 ބިލިއަން ޑޮލަރު އެއްކުރުމަށް ގައުމުތަކުން އެއްބަސްވެފައި ވަނީ މީގެ ދެ މަސް ކުރިން މިސްރުގެ ވެރިރަށް ގާހިރާގަ އެވެ. އެ ބައްދަލުވުން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދިނުމަށް ގަތަރުން އެއްބަސްވެފައިވެ އެވެ.

ސައޫދީ އަރަބިއްޔާ އިން 500 މިލިއަން ޑޮލަރަށް ވައުދުވެފައިވާއިރު އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުން ވަނީ 780 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ވައުދުވެފަ އެވެ.

މި ކެމްޕޭނުގައި އެއްކުރާ އެހީގެ ދެ ބައިކުޅަ އެއްބައި ހޭދަކުރަން ހަމަޖައްސާފައި ވަނީ ގާޒާގެ އުމްރާނީ ތަރައްގީއަށެވެ. އާންމުންގެ ގެތަކާއި ސަރުކާރުގެ އިމާރާތްތައް އަލުން ކޮޅަށް ނެގުމަށެވެ. 

ނަމަވެސް މިހާތަނަށް އެހީގެ ގޮތުގައި ލިބިފައި ވަނީ 100 މިލިއަން ޑޮލަރު ކަމުން، ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުން އަދިވެސް ތިބީ ހަމަ އެގޮތުގަ އެވެ. އެހީއާ ހަވާލުވާ އދ. ގެ ރިލީފް އެންޑް ވޯކްސް އޭޖެންސީން ބުނެފައި ވަނީ 100 މިލިއަން ޑޮލަރުގެ އެހީ އަކީ ބޯހިޔާވަހި ކަމަށާއި އާންމު ހާލަތު ރަނގަޅުކުރުމަށް ބޭނުންކުރާނެ އެހީ ކަމަށެވެ.

އެ ބަޖެޓް ނުވަތަ އެހީގެ ޕެކޭޖު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުސްވާނެ ކަމަށް އދ. އިން ލަފާކުރެ އެވެ. ގާޒާގައި ހާލުގައި ޖެހިފައި ތިބި މީހުންގެ ބޯހިޔާވަހިކަމަށް އެކަނި ވެސް 620 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

ގާޒާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އެހީ ފޯރުކޮށް ދިނުމުގައި އެންމެ ފަހަތުގައި އުޅެނީ އަރަބި ގައުމުތައް ކަމަށެވެ. މިހާތަނަށް ވެސް ރަނގަޅު އެހީއެއް ލިބިފައި ވަނީ ޔޫރަޕުން ކަމަށެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ތުރުކީން ފޯރުކޮށްދޭން ބުނި 200 މިލިއަން ޑޮލަރަށް ވީގޮތެއް ވެސް ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

އެހެންވީމަ ރާއްޖެ އިން ގާޒާގެ ރައްޔިތުންނަށް ފޮނުވި އެހީ އަނެއްކާ ލިބިއްޖެ ހެއްޔެވެ؟