(21 ޖެނުއަރީ 2018 އާ ގުޅޭ)
އަޒާންގެ އަތަށް ބާރުކޮށްލަމުން އަނެއްއަތުން އިށީނދެ އިން އަޒާންގެ ބޮލުގައި ޝަމްލާ ފިރުމާލިއެވެ.
"އާމީން... އަހަރެން ވެސް ބޭނުން މި ފަސްގަނޑުގައި ހުރެ މިންނުއާ ބައްދަލުކޮށްލުމުގެ ނަސީބު ނުލިބުނުނަމަވެސް މިންނުގެ މަހާނަ ދުށުމަށް ދާން. ނޭނގުމުގެ ތެރޭ މިންނުއަށް އުނދަގޫ ކުރެވިއްޖެ" މިންނު އަބަދަށްޓަކައި ވަނީ ވަކިވެފައިކަން އެނގޭ ކޮންމެ ފަހަރަކު އަޒާންގެ ހިތަށް ފުންތަދެއް އިހުސާސް ކުރެވެއެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟" ހިމޭންކަމުގައި ވަގުތުކޮޅެއް ދިއުމަށްފަހު ޝަމްލާ ވާހަކަދެއްކިއެވެ.
"ބުނޭ!...ޝަމްގެ ހުރިހާ ވާހަކައެއްވެސް އަހަރެން އަޑުއަހާނަން" އަޒާންގެ ލޮލުން ފެންނަމުން ދިޔައީ މީގެ އެތަކެއް އަހަރުތަކެއްވަންދެން ޝަމްލާ އިންތިޒާރުކުރަމުން ދިޔަފަދަ ލޯބިވެތި އަސަރެކެވެ. ޝަމްލާއަށް ހިތާ ހިތުން އަދިވެސް އެއްފަހަރު މިންނުއަށް ޝުކުރުވެރިވިއެވެ. މިއަދު އަޒާންގެ ހިތުގައި މިންނުގެ ހަނދާންތައްވީ ނަމަވެސް އެ ހިތްވަނީ ޝަމްލާއަށް ޓަކައި އެއްކޮށް ހުޅުވާލެވިފައެވެ.
"ޔާނާ ދިރިއުޅުމެއް ފަށަން ބޭނުންވަނީ ޒޭންއާއެކު. އަހަންނަށ ވެސް ޒޭން ވަރަށް ކަމުދޭ... ކަންތައް ހިނގައިދިޔަ ގޮތުން ޔާނާ ވަރަށް ބޮޑަށް ދެރަވެފައި ހުރީ. އަޒާން! ފަހަރެއްގައި ޒޭންނޫން އެހެން ކުއްޖެއް ޔާނާގެ ކައިވެންޏަށް އެދިގެން އައިނަމަ މިހާވަރަށް ޤަބޫލުނުވެވޭނެކަންނޭގެ" އަޒާންގެ ވައަތްފަރާތުން މޭޒުދޮށުގައި ހުރި ގޮނޑި ދަމާލާފައި ޝަމްލާ އިށީނެވެ. އަޒާންއަށް ބަލަން އިންގޮތުން ހީވަނީ ޒޭންއާއި ޔާނާގެ ކައިވެންޏަށް ރުހުންދޭށޭ ބުނާ ހެނެވެ. އަޒާން ލުއި ހިނިތުންވުމެއް ޝަމްލާއަށް ދެމުން ބޯޖަހާލިއެވެ.
"އަހަރެން ކީއްވެ ޤަބޫލު ނުވާންވީ... އަހަރެންގެ ދަރިފުޅަށް އަހަރެން އިތުބާރުކުރަން. މިންނުގެ ދަރިފުޅުގެ ކައިވެންޏަށް އަހަރެންގެ ޔާނާ ނޫން އެހެން ކުއްޖެއް އެކަށީގެނެއްނުވޭ. އަހަންނާ ހަމައަށް މިންނު ގެނެސްދިނީ އެ ކުއްޖާ. ޔާނާ ބުނިހެން ޒޭންގެ ގައިގާ ހަރުދަނާ ޒުވާނެއްގެ ފަރާތުން ފެންނާނޭ ފަދަ ސިފަތައް އެބަހުރި. ޝަމް! އަހަރެން ހައިކަލްއާ ބައްދަލު ކުރާނަން... ހަމަގައިމު ވެސް މިންނުއަށް ހައިކަލް އެހާ މަޤުބޫލު މީހަކަށްވެގެން ދާނީ އޭނައަކީ ވަރަށް ޚާއްޞަ މީހަކަށްވީމަ، އަހަރެން ޔާނާއާ ވެސް ވާހަކަ ދައްކާނަން" އަޒާންގެ މޫނަށް ވެރިވި ހިނިތުންވުމަކީ އޭނަގެ ހިތަށް ލިބުނު ހަމަޖެހުން ރަމްޒުކޮއްދިން ކަމެކެވެ. އޭނަ ޝަމްލާގެ ދެ އަތްތިލާގައި ބޮސްދިނީ އެއީ ބަދަލުވުމެއްނެއް މީހަކަށް ވީތީއެވެ. އޭރާއި މިހާރު ވެސް އަޒާންގެ ހިތުގެ ހިނގުމާއި މިންނުއާ ގުޅިފައިވާކަން އެނގުމުން ވެސް ޝަމްލާއަށް އެއްވެސް ބަދަލެއް ނައިތީއެވެ.
ސައިބޮއެ ނިމުމާއިއެކު އަޒާން މިސްރާބުޖެހީ ޔާނާގެ ކޮޓަރިއާ ދިމާލަށެވެ. އޭނަގެ ލައްޕާލެވިފައިވާ މުށުގެ ތެރޭގައި ފިލުވާލަން އުނދަގޫވި ހަނދާންތައްވިއެވެ. އަދި މިންނުގެ ޑައިރީ ވެސް އަތުގައި އޮތެވެ. ޔާނާގެ ކޮޓަރީގެ ދޮރުގައި ޓަކިދީފައި އަޒާން ދޮރު ހުޅުވާލިއެވެ. އޭރު ޔާނާ ކޮޓަރީގެ ފޮތްހަރުގަނޑު ކައިރީ ދެފައިވަށްކޮއްލައިގެން ފޮތްތަށް ސާފުކުރަން އިނެއެވެ. އަޒާން ފެނުމާއެކު އޭނައަށް ފުންމައިގެން ތެދުވެވުނެވެ. އަޒާންގެ އަތުގައި އޮތް ޑައިރީއަށް ނަޒަރު ހިންގާލެވުނެވެ. ހައިރާންކަން ޔާނާއަށް ވެރިވީ އަޒާންގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމެވެ. އަޒާން އައިސް ރީތިވާމޭޒުގެ ގޮނޑި ޔާނާއާ ކައިރިއަށް ޖައްސާލާފައި އިށީނެވެ. އަދި ޔާނާއަށް ވެސް އިށީނުމަށް އިޝާރާތްކޮށްލިއެވެ. އެއާއެކު ހުރި ދިމާ ތިރީ ކާޕެޓުގެ މަތީގައި ކުރީން ވެސް އިންހެން ޔާނާ އިށީނދެއްޖެއެވެ.
"ދަރިފުޅަށް ދޮގު ހަދާކަށް ނޫން މިންނު ނުދަންނަމޭ ބުނީ، އެކަމަކު އެހެން ބުނެވުނީތީ ވަރަށް ދެރަވެއްޖެ، ޒޭންގެ މަންމައަށް އެގޮތަށް އެއްޗެހި ކިޔާކަށް ނުވާނެކަން ބައްޕައަށް އެނގޭ.... އެކަމަށް ދަރިފުޅު މަޢާފު ކުރާނަންތަ" އަޒާން އަހާލީ އޯގާތެރިކަމާއެކުއެވެ.
"އަޅުގަނޑު އަސްލު ބައްޕަ ގާތުން މަޢާފަށް އެދެންވާނީ، އަޅުގަނޑު މި ހުރިހާ ކަމެއް ކުރީ ބައްޕަ ދެރަކުރާކަށް ނޫން. ޒޭންއާ އަޅުގަނޑާ ބައްދަލުވީ އިރު ވެސް ނޭނގެ އެއީ މިންނުގެ ދަރިފުޅުކަމެއް. ބައްޕަ! ޒޭން ވެސް އަޅުގަނޑާއި މި ޢާއިލާ ނުރުހޭވަރު ކަމެއް ނުކުރާނެ. އަޅުގަނޑުމެން ޑްރާމާގަނޑެއް ކުޅުނީ މިންނުގެ ވާހަކަތައް ބައްޕަ ދައްކަން ބޭނުންނުވާކަން އެނގިގެން" ޔާނާ މާޔޫސްކަމާއިއެކު ބުނެލިއެވެ.
"ބައްޕައަށް އެނގޭ... ދަރިފުޅުމެން ތިވަރުގެ ކަމެއް ނުކުރިނަމަ މިންނުގެ އެއްވެސް ހަޤީޤަތެއް ބައްޕައަށް ނޭނގުނީސް، އެހެންނޫނަސް ބައްޕަގެ ކުރިމައްޗަށް ޒޭން އަރައިފިނަމަ އެއީ ކާކުގެ ދަރިއެއްކަން ބައްޕައަށް ނޭނގިއެއް ނުހުންނާނެ. އެއީ ނަކަލުކުރެވިފައިވާ ހައިކަލްގެ ސޫރަ. މިންނުގެ ޑައިރީ ނެތްނަމަ ދަރިފުޅުމެންގެ ވާހަކަ ބައްޕައަށް ޤަބޫލެއް ނުކުރެވުނީސްކަންނޭގެ، އެކަމަކު އެ ޑައިރީގައި އެ ވަނީ މިންނުގެ ލިޔުންކަން ޑައިރީގެ ފުރަތަމަ ސަފުހާ ފެނިފައި ވެސް އެނގުނު. މިންނު! ޝީޒް ސޯ އިނޮސެންޓް. އިޓްސް ސޭޑް ބަޓް އައި އޭމް ހެޕީ... މިންނުދެކެ ލޯބިވާނެ އަދި މިންނު ވެސް އެ މީހެއްދެކެ ލޯބިވާ މީހާއާއެކު ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރިކަން އެނގޭތީ. ޔާނާ! ތިމަ އެމީހެއްދެކެ ލޯބިވާ މީހަކު ލިބޭނީ ނަސީބުވެރީންނަށް. ބައްޕައާއި މިންނުގެ ދެމެދުގައި އޮތް ގުޅުމަކީ ޕާސްޓު، ބައްޕަގެ ޕްރެޒެންޓްއާއި ފިއުޗާރ ގުޅިފައިވަނީ ދަރިފުޅުގެ މަންމައާއެކު. މިންނު ވެސް މޫވްއޮން ކުރީނު، ބައްޕަ ކުރިން ވެސް ބުނީމެއްނު ފާއިތުވި ދުވަހެއް އަނބުރާނުލިބޭނެއޭ، ދެން އޮތީ ކުރައަށް އޮތް ދުވަސްތައް އުޖާލާ ކުރުން... އުފަލުގައި މިއަދު ދެމިހުންނަން މަސައްކަތް ކުރުން. މިއަދު ކުރެވުނުކަމެއް މާދަމާ ފެންނަން އޮންނާނީ ވެސް. ޔާނާ އެނގޭތަ! ބައްޕަ ހިތްހަމަޖެހިއްޖެ ޔާނާގެ ކައިވެންޏަށް އެދި މިންނުގެ ދަރިއެއް އައިކަން" އަޒާން ހީނލާފައި ޔާނާގެ ބޮލުގައި ފިރުމާލިއެވެ.
"ސޯ... ބައްޕަ ޤަބޫލު ދޯ" ޔާނާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ.
"ޔެސް! މިފަހަރު މީ އަހަރުމެން އެގެއަށް ދާންވީ ފަހަރު، ޒޭންގެ ބައްޕައާ ބައްދަލުކުރަން، ޒޭންއާއި ދަރިފުޅުގެ ކައިވެނީގެ ވާހަކަ ދެއްކުމަށް، ބައްޕަ ދުވަހަކުވެސް ދަރިފުޅުގެ ހިތަކު ނުޖައްސާނެއެއްނު، އަދި އެއްކަންތަ... އަން! މީ ދަރިފުޅަށް ބައްޕަ ދޭ ހަދިޔާއެއްކަމުގައި ޤަބޫލުކުރޭ، މިންނުއާއި ބައްޕަގެ ފަރާތުން ދިން ހަދިޔާއެއްކަމުގައި ހީކުރޭ" އަޒާންގެ މުށުތެރޭގައި އޮތް ރިހި އަނގޮއްޓިއާއި ފަށް ޔާނާގެ އަތަށް ލާދިނެވެ.
"ބައްޕަ ގާތު ވާހަކައެއް ބުނަންތަ، މިންނުއަށް ވެސް އެކަމެއް ނޭނގޭ އެހެންވެ ތި ޑައިރީގައި އެ ވާހަކަ ލިޔެފައި ނެތީ" ޔާނާ ދެ ޚިޔާލެއްގައި އިނދެފައި އަހާލިއެވެ.
"ކޮންވާހަކައެއް..." އަޒާންއަށް ހައިރާންކަމެއް ލިބުނެއެވެ.
"މިންނުއަށް އެހެން ހަދާކަށް އަސްލު ޒޭންގެ ބައްޕަ ބޭނުމެއްނޫން، މިންނުގެ ކޮޓަރީގެ ތަޅުދަނޑި ދީ އެކަން ކުރުވީ މިންނުގެ ދައްތަ.... އޭނަ އަޅުގަނޑާއި ޒޭންއަށް އެ ވާހަކަތައް ކިޔާދިނީ، މަޢާފަށް ވެސް އެދުނު... ޒޭންގެ ބައްޕަ އެކަމާ އަދިވެސް ރިގްރެޓްކުރާކަން އެނގޭ" ޔާނާ ވާހަކަދައްކާ ނުނިމެނީސް އަޒާން ވާހަކަދައްކަން ފެށިއެވެ.
"ކާކު....ކާކު އެއީ.........ސުހައްތަ ނުނީ ހަފިއްތަ ތަ" އަޒާން ހައިރާންކަމާއިއެކު އަހާލިއެވެ.
"ހަފިއްތަ" ޔާނަ މަޑުމަޑުން ބުނެލިއެވެ.
"ސުބްޙާނަﷲ! އޭނައަށް އެކަން ކުރަން ކެރުނުކަން" ބޭއިޚްތިޔާރުގައި އަޒާނަށް ބުނެލެވުނެވެ. އެއާއެކު އެ މޫނުމަތިން ފެނުނީ ފޫހިކަމާއި ރުޅިވެރިކަމެވެ.
"ހަފިއްތަ ވަރަށް ބަލި! ކިރިޔާ ދުނިޔޭގައި އިންކަން، ޝީ ގޮޓް ކެންސަރ" ޔާނާ ބުނެލިއެވެ.
"ހަމަ ރަނގަޅު!... އެނގޭ މިހެން ބުނަން ނުވާނެކަން ވެސް އެކަމަކު އެހާ ނުބައިވާކަށް ނުވާނެ، އިންސާނާއަށް މަގު އޮޅިއްޖެއްޔާ ދިމާވާނީ އެފަދަ ދެރަކަންތައްތައް" އަޒާން ދެފަރާތަށް ބޯހޫރާލިއެވެ. ދަތްކުނޑިވިކާލެވުނެވެ.
"ބައްޕާ! ދެން އެ ހުރިހާ ކަމެއް ބަހައްޓާފަ އަޅުގަނޑުމެން ޒޭންގެ ބައްޕައާ ބައްދަލު ކުރަން ދާނީ ކޮންއިރަކުންތަ" ޔާނަ އިތުރަށް ހައިފާގެ ވާހަކަތައް ދައްކަން ބޭނުންނުވީއެވެ.
"ދަރިފުޅު ތައްޔާރުވީމަ ހަމަ ދާންވީ، އެކަމަކު ނުބުނާތި ޒޭން ގާތު. މިފަހަރު ބައްޕަ ދޭނީ ސަޕްރައިޒެއް" އަޒާން ތެދުވަމުން ޔާނާގެ ބޮލުގައި ފިރުމާލިއެވެ.
އަޒާން ހިނިތުންވެފައިވަނީ ހަމައެކަނި މިއްނުއަށް ޓަކައެވެ. މިންނު އެހީތެރިކަމަކަށް އެންމެ ބޭނުންވި ދުވަހު އޭނަގެ ގާތުގައިވީ ހައިކަލްއެވެ. މިންނު ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް ހައިކަލް އެންމެ ހިނދުކޮޅަކަށް ވެސް މިންނުއާ ވަތްކެއްނުވެއެވެ. މިންނުއަށް ހުރިހާ އުފަލެއް ހައިކަލް ހޯދާދިނެވެ. ހައިކަލް އާއިއެކު އުޅެން މަސައްކަތްކުރިގޮތަށް މިއަދު އަޒާންވެސް ޝަމްލާއާއިއެކު އުމުރުގެ ހުރިހާ ދުވަހެއް ވޭތުކުރަން ބޭނުންވިއެވެ. އެ ހިތުން މިންނުގެ ލޯބި ނުފޮހެވުނަސްއެވެ. އެއީ ހުރިހާ ކަމެއް އެނގުމުން މިންނުއަށް އެ ހިތުން ދެވުނު ޖާގަ އިތުރުވެ ފުންވެއްޖެއެވެ. އެ ހަނދާންތައް ހަށިގަނޑުގެ ކޮންމެ ނާރަކާއި ގުޅިލާމެހިއްޖެއެވެ. އެހެންނަމަވެސް ދެން ދުވަހަކުވެސް މިންނު އެނބުރި ނާންނާނެކަން އެނގެއެވެ. މިންނު ދިރިހުރި ނަމަވެސް އަޒާންގެ ގާތަށް މިންނު ނާންނާނެކަން އަޒާނަށް ޔަގީންވެއެވެ. އަޒާންއަށް އެ ހުރިހާ ކަމެއްގައި ކުއްވެރިވަނީ ހައިފާކަން އެނގުނު ހިނދު އޭނާ ދުވަހަކުވެސް މަޢާފުނުކުރަން ނިންމިއެވެ. އެދުވަހު އެކަމަށް އޭނަ ބާރު ނުދިންނަމަ މިއަދު މިންނު ވީހީ އޭނަގެ މީހަކަށެވެ. އަޒާން މިންނު ފަދަ މާފުކުރަން ދަންނަ މާތްމީހަކަށް ވާކަށް ބޭނުމެއްނޫނެވެ. އެ ހިތުގައި ހައިފާ ކުރި ކަންތައްތައް އަބަދުގެ އަބަދަށް ދެމިގެން ދާނެ ލަކުނަކަށްވެގެން ދާނެއެވެ. ދުވަހަކުވެސް ހައިފާއަށް އަޒާންގެ މަޢާފެއް ނުލިބޭނެއެވެ. (ނުނިމޭ)