ރިޕޯޓް

ގާނޫނުން ކޯލިޝަން "ބަނދެ"ލުމުގެ އެޖެންޑާއެއް!

ދެހާސް އަށްވަނަ އަހަރު ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ ކޯލިޝަން، "ވަތަން އެދޭ ގޮތަށް" ނިމިގެން ދިޔައީ ވަތަން އެންމެ އެދުނު ގޮތަކަށް ނޫނެވެ. ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލު ކުރަން ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމާއި ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލާއި ޑރ. އަހުމަދު ޝަހީދާއި އުމަރު ނަސީރުގެ އައިޑީޕީ އޤއި އަދާލަތު ޕާޓީއާ އެކުވެ ވަރުގަދަ ކޯލިޝަން އުފައްދައިގެން ނުކުމެ ވެރިކަން ހޯދި އެވެ. ނަމަވެސް އެ ކޯލިޝަން "ރުއްސައިގެން" މަހެއްހާ ދުވަސް ވެސް އެމްޑީޕީގެ ސަރުކާރަކަށް ހިފަހައްޓެއް ނުލެވުނެވެ. ކޯލިޝަަން ރޫޅި، މައްސަލަ ހޫނުވެ، އޮތީ ސަރުކާރު ވައްޓާލާ ހިސާބުގަ އެވެ. އެންމެ ފަހުން އެތައް އެތައް ސަބަބެއް މެވެރިވެ އެ ސަރުކާރު ވެއްޓުނީ އެވެ.

އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ފަރާތެއް އެކުވެ 2013 ވަނަ އަހަރު ވެސް ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް އުފައްދައިގެން މަސައްކަތް ފެށި އިރު ރައީސް ނަޝީދާއެކު ހެދި ކޯލިޝަން ރޫޅުނީ ނަޝީދާއި އެމްޑީޕީއާ ހެދި ކަމަށް އެ ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އެއާ ހިލާފަށް ރައީސް ޔާމީނާއެކު ހެދި "ބޮޑު ފަޅީ" ގެ ކޯލިޝަން ދެމި އޮންނާނެ ކަމުގެ އުންމީދު ދައްކަމުން ދިޔަ އެވެ. ނަމަވެސް 2015 ވަނަ އަހަރަށް އެޅި އިރު ހަމަ ކުރިއެކޭ އެއްގޮތަށް ކޯލިޝަން ރޫޅިގެން ދިޔައީ އެވެ. މިހާރު ހަމަ އެ ޕާޓީތަކަކުން ނިކުމެ ރައީސް ޔާމީނާ ދެކޮޅު ކޯލިޝަނެއް އުފައްދައިގެން "ސަރުކާރު ވައްޓާލަން" ގޮވަނީ އެވެ.

މާޒީގެ އެ ފިލާވަޅުތަކުން ކޯލިޝަންގެ މި ހިތި ތަޖުރިބާ ސިޔާސީ ލީޑަރުންނަށް ދަސްކޮށްދީފައިވީ ނަމަވެސް އަނެއްކާ ވެސް މި ދެކެވެނީ އެއް ބަޔަކު ކޯލިޝަނެއް ހަދައިގެން ތިން ވަނަ ފަހަރަށް އެ ފޯމިއުލާ ވޯކް ކުރަން މަސައްކަތް ކުރާ ވާހަކަތަކެވެ.

މިދިޔަ 10 ވަރަކަށް އަހަރު ކޯލިޝަނަކާ ޖެހި ގައުމުގެ އެއްވެސް ކަމެއް ކުރި ނާރައި ހިފެހެއްޓިފައި އޮތް އިރު އަނެއްކާ ވެސް ހަމައެއް ކޯލިޝަން ހަދަން އުޅޭތީ ދިވެހިންގެ ހިތުގައި އެންމެ ބޮޑަށް އުފެދޭ އެއް ސުވާލަކީ، މި ފަހަރު އަންނާނީ ވަކި ކޮން ތަފާތެއް ހެއްޔޭ އެވެ.

ސަރުކާރެއް ގާއިމްވުމުން އަލުން ކޯލިޝަން ޕާޓްނަރުންނާއެކު ޖެހޭ މައްސަލަތަކުގެ ސަބަބުން ސަރުކާރާ ވަކިވެ، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ނުކުންނަން ވީ ހެއްޔެވެ؟ އެހެން ވެއްޖެ ނަމަ، ރާއްޖޭގައި ދެން މި ކަމަކަށް ނިމުމެއް އެބައޮތް ހެއްޔެވެ؟

ރިޔާސީ ނިޒާމެއް ޕްރެކްޓިސް ކުރަމުން ކޯލިޝަންގެ ބޭނުން ހިފައި އެއަށް އިތުބާރު ގެއްލި ޖޯކަކަށް އެކަން ވެފައި ވަަނިކޮށް، ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްތިހާދަކަށް އުންމީދު އާ ކުރުވާ ފަދަ ވާހަކަފުޅުތަކެއް ދައްކަވާ، އިދިކޮޅު ކޯލިޝަން ދަމަހައްޓަން ވިސްނާފައި އޮތް އާ ގޮތްތައް ރައްޔިތުންނާ ހަމަޔަށް ތިލަކޮށްދެއްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އެ މަނިކުފާނަށް ނުވަތަ އިދިކޮޅު ފަރާތްތަކަށް ސަރުކާރެއް އެކުލަވައިލެވޭ ގޮތް ވެއްޖެނަމަ ވެސް ކޯލިޝަން ދަމަހައްޓަން ބޭނުންވެއްޖެ ނަމަ ޕާޓީތައް ގާނޫނު އަސާސީން "ބަނދެލަން" ޖެހެ އެވެ. އެގޮތުން ރައްޔިތުން ވޯޓު ލައިގެން ހޮވީ ކޯލިޝަން ރޫޅިއްޖެ ނަމަ ސަރުކާރު ވެސް ރޫޅޭ ގޮތަށް ގާނޫން އަސާސީ އިސްލާހު ކުރާނީ އެވެ.

"ކޯލިޝަން ރޫޅެނީ އެކަމަށް ގާނޫނީ ފަރުވާއެއް ކަނޑައަޅާފައި ނެތީމަ، ރައްޔިތުން އިއްތިހާދަކަށް ވޯޓް ދިނަސް އިއްތިހާދު ރޫޅި ބައިބައިވުމުން ވެސް ސަރުކާރު ދެމި އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން، ސަރުކާރު ވެސް ރޫޅޭ ގޮތަށް ގާނޫން އަސާސީ ބަދަލު ކުރާނަން،" އަވައްޓެރި ސްރީލަންކާގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ހިޔާލަކީ ކޯލިޝަން ރޫޅުމުގެ މައްސަލައަށް ލިބޭނެ ފަރުވާއެއް ހެއްޔެވެ؟ އަދި އިއްތިހާދު ހިފަހައްޓަން ގާނޫނީ ފަރުވާއެއް ގެނައުމަކީ ޕާޓީތަކުގެ ދެބަސްވުންތައް އެއްފަރާތްކޮށް، ގުޅިގެން މަސައްކަތް ކުރަން މަޖުބޫރު ވެދާނެ ކަމެއް ހެއްޔެވެ؟

ރައީސް ނަޝީދުގެ ވާހަކަފުޅަށް ކުޑަ ތަފްސީލެއް އަރުވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މިވަގުތު އޮތް ހުރިހާ ޕާޓީއެއް ވެސް ވަނީ ކޯލިޝަނެއް ތަޖުރިބާކޮށްފަ އެވެ. އަދި މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އެންމެ މަގުބޫލު ކެނޑިޑޭޓެއްގެ ބަދަލުގައި ކޯލިޝަނެކެވެ. އަދި އެގޮތަށް އިންތިހާބުވާ ސަރުކާރެއް އަންނަ އިރު ކޯލިޝަނުގައި ބަނދެވުންތަކެއް ނެތް ނަމަ ރޫޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އެހެންކަމުން ރައީސް ނަޝީދު އެ ވިދާޅުވަނީ އެމްޑީޕީގެ ވިސްނުމުގައި އޮތީ ކޯލިޝަން ސަރުކާރެއް އުފެދުމަށް ފަހުގައި ކުރިޔަށް އޮތް ތަނުގައި ވެސް ކޯލިޝަނެއް ގޮތުގައި މަސައްކަތް ކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން މުހިންމުވާ ވާހަކަ އެވެ. ހަސަން ލަތީފު ވެސް އެ ވިދާޅުވަނީ އެހެނެވެ.

"ބައެއްގެ މެދުގައި ވެވޭ އެއްބަސްވުމަކަށް ވުރެ ބާރުގަދަ އެއްޗަކަށް ގާނޫނު ވެގެން ދާނެ، އެހެންވެ އެއީ ކޯލިޝަން ދަމަހައްޓަން ވަރަށް މުހިންމު ފިޔަވަޅެއް، މިހާރު މި އޮތް ހަތަރު ޕާޓިއެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެން ދާނެ ގާނޫނީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި އިންތަކެއް ކަނޑައެޅިއްޖެ ކަމަށް ވަންޏާ، ސަރުކާރު އުފެދުމަށް ފަހު އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންކަމަށް މިހާރު ވެސް އަޅުގަނޑުމެން އެއްބަސްވެ، ގާނޫން ހަދާ މަޖިލީހުގައި އަގުލަބިއްޔަތު ލިބުނީމަ ގާނޫން އަސާސީއަށާއި ގާނޫނަށް ގެނައުން މުހިންމު،" ލަތީފް ވިދާޅުވި އެވެ.

ގައިމުވެސް އެ ގޮތަށް ގާނޫން އަސާސީ ބަދަލު ކޮށްފި ނަމަ، އެއީ ކޯލިޝަން ދަމަހައްޓާ އެއްބަސްވުންތަކަކަށް އާދެވެން އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ހިޔާލު ތަފާތުވުން ބޮޑު ލީޑަރުން ގުޅިގެން މަސައްކަތް ކުރާއިރު އެފަދަ ގޮތަކަށް ގާނޫން އަސާސީ ބަދަލުކޮށްގެން ކޯލިޝަން ދަމަހައްޓަން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ.

ނަމަވެސް ވޯޓުން ގޮތެއް ނިންމުމުގެ ކުރިން އޭގެ އަނެއް ފަޅިއަށް ވެސް ވިސްނާލަން ޖެހެ އެވެ. ގާނޫން އަސާސީގައި ބުނެފައިވާތީ އެކުގައި މަސަައްކަތް ކުރާ ސަރުކާރެއް ހިންގާއިރު ކޯލިޝަން "ބުނިހާ ގޮތެއް ހަދައިގެން" ރައީސުލްޖުމްހޫރިއްޔާއަށް ހުންނަވާ ބޭފުޅަކަށް ކިހާ ދުވަހަކު ހިފަހައްޓާލެވޭނެ ހެއްޔެވެ؟

އަދި އިއްތިހާދު ރޫޅުމުން ސަރުކާރު ރޫޅޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުން އޭގެ ނާޖާއިޒް ފައިދާ ނަގައި އަނެއް ފަޅިއަށް އަނބުރާލާ، ސަރުކާރު ރޫޅާ ލުމަށް ބޭނުން ކުރާ ހަތިޔާރެއް ގޮތުގައި ގާނޫން އަސާސީގެ އެ އިސްލާހު ބޭނުން ކުރެވިދާނެ ހެއްޔެވެ؟

ޑރ. މުހައްމަދު ޝައިނީ ވިދާޅުވި ގޮތުގައި ކޯލިޝަނެއްގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވާ ގޮތަށް މަސައްކަތް ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. ބަރުލަމާނީ ނިޒާމެއްގައި ވެސް ކޯލިޝަން ރޫޅިއްޖެ ނަމަ ސަރުކާރު ވެއްޓޭނެ އެވެ. އެކަން އަވައްޓެރި ގައުމުތަކުން ފެނިގެންދެ އެވެ. ނަމަވެސް އެފަދަ ގޮތަކަށް ދެ ދުވަހުން އެއް ދުވަހު ސަރުކާރު ވެއްޓެން ޖެހިއްޖެ ނަމަ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އިގްތިސޯދު ކުރިއަރައިގެނެއް ނުދާނެ އެވެ،

"މިހާރު ވެސް އެނގިވަޑައިގަންނަވާނެ މެންބަރުންގެ ގޮނޑި ގެއްލިގެން އެއަށް މީހުން އައްޔަން ކުރުމަށް ވެސް ބަޖެޓުގައި ފައިސާ ނެތިގެން އުޅެން ޖެހެނީ. އެހެންވެ އެހާ އިގްތިސޯދު ނާޒުކު ގައުމެއްގައި ކޯލިޝަނެއް ރޫޅިގެން ދެ ދުވަހުން އެއް ދުވަހު ވެރިކަން ވެއްޓެން ވެއްޖެ ކަމަށް ވަންޏާ އެއީ ވަރަށް ފަސޭހައިން އިގްތިސޯދު ހަލާކުވާނެ ކަމެއް،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ތިއްބެވި ލީޑަރުންގެ މެދުގައި ހުރި ސިޔާސީ ހިޔާލު ތަފާތުވުންތައް އާދަޔާ ހިލާފަަށް ބޮޑެވެ. އަދި އެކަހަލަ ކަންކަމާ ގުޅިގެން ސަރުކާރު ވެއްޓި އޭގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރަން ފެށުމަކީ ރާއްޖޭގެ މުސްތަގުބަލަށް އެހާ ރަނގަޅު ކަމެއް ގޮތަށް ފެނި ވަޑައެއް ނުގަންނަވަ އެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ޕޮލިޓިކަލީ އިންފްލުއަންސް ކުރެވޭ ދެތިން ބޭފުޅުން ތިއްބެވި އިރު އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ނަގާފައި ދިވެހި ރައްޔިތުންނަށް އިސްކަން ދެވޭ އެއްވެސް މަސްލަހަތެއް ނޯންނާނެ ކަމެވެ. ނުވެސް އޮވެ އެވެ.

"މިސާލަކަށް ގާސިމަކީ ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް ގެނައުމަށް ބޮޑު ބާރެއް އަޅުއްވާ ބޭފުޅެއް، ނަމަވެސް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބުން، އެ ނުލިބޭ ކޮންމެ ވަގުތެއްގައި ސަރުކާރުގެ ތެރެއިން ނިކުމެގެން ވަޑައިގަންނަވަން އެބަ ޖެހޭ، އެހެންވީމަ އެކަހަލަ މާހައުލެއްގައި އަލުން ބަރުލަމާނީ ނިޒާމެއްގެ ސިފައެއް އަންނަން ވެއްޖެ ނަމަ، ގައުމު ކުރިއެރުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އުޅޭނީ ސަަރުކާރު ހިމާޔަތް ކުރަން ކޯލިޝަން ޕާޓްނަރުންނަށް ފައިދާ ލިބޭނެ ގޮތްތައް ހެދުން،" ޝައިނީ ވިދާޅުވި އެވެ.

ކޯލިޝަނަކީ ބަރުލަމާނީ ސިފަ އެވެ. އޭގެ އިތުރުން މިފަދަ އިސްލާހުތައް ގެނައުމުން ޑިމޮކްރަސީ ކިލަނބުވެ ރައްޔިތުންގެ ސަރުކާރަކަށް ވުރެ ބޮޑަށް ކޯލިޝަންގެ ސަރުކާރަކަށް ވެދާނެ އެވެ. ރައީސް ނަޝީދުގެ އެ ހިޔާލު އަދި ވަނީ އެމްޑީޕީގެ ފަރާތުން އިދިކޮޅު މަޝްވަރާތަކަށް ހުށަހެޅިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޮތްތަކެއް އަދިއެއް ނުހޯދެ އެވެ. ހޯދޭނެ ހެނެއްވެސް ހީއެއް ވެސް ނުވެއެވެ. އެކަމަކު އެމްޑީޕީ އާއި ރައީސް ނަޝީދުގެ އޮތީ ގާނޫނުގެ ތެރެއިން ކޯލިޝަން ބަނދެފައި ބޭއްވުމުގެ އެޖެންޑާއެއްކަން އެނގެ އެވެ.