ރިޕޯޓް

ވިލާ ރިސޯޓުތަކާ ދިމާއަށް އިގްތިސޯދީ ނަޒަރެއް!

ރާއްޖޭގެ ޓޫރިޒަމަށް ދިރުން އައީ "ވިލާ" ގެ ނަމާއެކުގަ އެވެ. ޓޫރިޒަމް ފަށައި ކުރި އެރުވި ބާނީންގެ ފަހަތުން އެ ދާއިރާ ތަރައްގީ ކުރި ބާނީންގެ ތެރޭގައި ވެސް ވިލާ ގްރޫޕުގެ ވެރިޔާ ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ. ހަމައެހެންމެ، ވިލާގެ ރިސޯޓުތައް ވެފައިވަނީ ދިވެހި ޓޫރިޒަމްގެ "ބްރޭންޑެއް" ގެ ގޮތުގަ އެވެ. ނަމަވެސް ދައުލަތަށް ދައްކަން ޖެހޭ އެތައް މިލިއަން ޑޮލަރެއްގެ މައްސަލައެއްގައި ވިލާގެ ރިސޯޓުތަކަށް ފިޔަވަޅު ތަކެއް ވަނީ އަޅާފަ އެވެ. އެ ފިޔަވަޅުތަކާއެކު، ވިލާގެ ރިސޯޓުތައް "ހުއްޓިދާނެ" ކަމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ. މި ސުވާލު މިހާރު އެންމެންގެ ވެސް ހިތުގައި ވެސް އޮންނާނެ އެވެ. އެއީ ވިލާގެ ރިސޯޓުތަކަކީ ރާއްޖޭގެ އިގްތިސޯދުގައި ކިހާވަރެއްގެ ރޯލެއް އަދާކުރާ ތަންތަން ހެއްޔެވެ؟

ރާއްޖޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޓްރެވަލް ކުންފުންޏެއްގެ ވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ހަގީގަތުގައި ވިލާގެ ރިސޯޓުތަކަކީ ދިވެހި ޓްރެވަލް ކުންފުނި ތަކަށް އެންމެ އެހީވާ ފަރާތެވެ. މިއަދު އަލަށް ބަޔަކު ޓްރެވެލް ކުންފުންޏެއް ހެދިއަސް، ވިލާގެ ރިސޯޓު ތަކުން އެ ބަޔަކަށް ޕެކޭޖް ދެއެވެ.

ރާއްޖޭގައި އެތައް ސަތޭކަ ދިވެހި ޓްރެވަލް ކުންފުނި ހަރަކާތެރިވި ނަމަވެސް ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުން އެ މީހުންނަށް ރަނގަޅު އަގެއް ނުލިބުމަކީ އަބަދު ވެސް ޝަކުވާ އެކެވެ. ނަމަވެސް ދިވެހި ޓްރެވަލް ކުންފުނިތައް ބުނާ ގޮތުގައި ވިލާގެ ރިސޯޓުތައް ވެފައިވަނީ ދިވެހި ކުންފުނި ތަކަށް އެންމެ ބޮޑު އެހީތެރިކަމެއްދޭ ރިސޯޓުތަކަށެވެ. ދިވެހި 100 އެއްހާ ކުންފުންޏަށް ވިލާގެ ރިސޯޓުތަކުން ހާއްސަ އަގެއް ދެ އެވެ. ވީއިރު، ޓޫރިޒަމްގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޓްރެވަލް އެޖެންޓުންނަށް ވެސް މި ރިސޯޓުތަކުން ބޮޑު އެހީތެރިކަމެއް ލިބެއޭ ބުނެވިދާނެ އެވެ.

ވިލާ ގްރޫޕުން، ރާއްޖޭގައި ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ރާއްޖޭގެ އެންމެ ގިނަ އެނދު ހުރި ސަން އައިލެންޑާއި މާލެ ކައިރީގައި އޮތް އެންމެ ބޮޑު އަދި އެނދު ގިނަ ރިސޯޓް ކަމަށްވާ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އިތުރުން އަދި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.

މި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ބޮޑު ބަޔަކީ ދިވެހިންނެވެ. ވިލާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު 3،000 އަށްވުރެ އިތުރެވެ. މި ބޮޑު ގްރޫޕުގެ ރިސޯޓުތައް ހުއްޓުމަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނާނެ ކިހާވަރެއްގެ އިމްޕެކްޓަކަށް ވެގެންދާނެ ހެއްޔެވެ؟ އަދި އޭގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

ވިލާގެ ގްރޫޕުގެ ރިސޯޓުތަކުގެ ގްރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅި ގޮތުގައި ރިސޯޓުތައް ހުއްޓޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެއީ ރާއްޖޭގެ މުޅި އިކޮޮނޮމީ އަށް އަންނާނެ ލޮޅުމަކަށްވާނެ އެވެ. އަދި އެ ލޮޅުން ދުވަސްގަނޑަކަށް ދެމި އޮންނާނެ އެވެ.

"ވިލާގެ ރިސޯޓުތަކުގައި ގިނަ އިން ތިބޭނީ ދިވެހިން. ހާއްސަކޮށް ހުރިހާ ސީނިއަ މަގާމުތަކުގައި މި ތިބީ މުޅީން ދިވެހިން. އެހެންވީ އިރު މި މީހުން ވަޒީފާ އިން ވަކިވާން ޖެހޭނެ ހާލަތެއް އަތުވެއްޖެނަމަ އެއީ ބޮޑު މައްސަލައަކަށް ވާނެ. ވަޒީފާ ދަތިކަން ބޮޑު ދުވަސްވަރެއްގައި ވަރަށް ބޮޑު ދަތި ކަމެއް ލިބިގެންދާނެ ކަމެއް މިއީ. އެވާނީ ވަރަށް ބޮޑު ނިކަމެތި ކަމަކަށް، އަދި އިގްތިސޯދީ ލޮޅުމަކަށް،" ގައިސަރު ވިދާޅުވި އެވެ.

ވިލާގެ ރިސޯޓުތަކުގައި އުޅޭ 3،000 މުވައްޒަފުގެ، ކޮންމެ މީހެއްގެ ފަހަތުގައި ބޮޑު އާއިލާއެއް ވެސް އޮންނާނެ އެވެ.
މީގެ ކޮންމެ މުވައްޒަފެއްގެ ފަހަތުގައި "އެންމެ ހަތަރު މީހުން" ތިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިކަމުގެ ސަބަބުން 12،000 ދިވެހިންނަށް އަސަރު ކުރާނެ އެވެ. އަދި އޭގެ ސަބަބުން އެތައް އާއިލާ އެއް ބިކަ ވެގެންދާނެ އެވެ. މިކަން ވެގެންދާނީ ސަރުކާރުން ވައުދުވި، 95،000 ވަޒީފާ އުފެއްދުމުގެ ވައުދަށް ވެސް ކުރިމަތިވާނެ ގޮންޖެހުމަކަށެވެ.

ސަން އައިލެންޑް ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުގެ މަގާމު ފުރަމުން ގެންދަވާ، އަދުނާން މުހައްމަދު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުޅި އާއިލާ ބެލެހެއްޓުން ބިނާވެފައި އޮންނަނީ އެތަނުން ލިބޭނެ އާމްދަނީއެއްގެ މައްޗަށެވެ. އެހެންވެ، ވަޒީފާ އަށް ލޮޅުމެއް އަރައިފިނަމަ މުޅިއާއިލާ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.

ދެން އޮތީ ލޯކަލް ވިޔަފާރި އެވެ. ރިސޯޓެއް އޮޕަރޭޓް ކުރުމަށް އެންމެ މުހިންމު ބަޔަކީ ގެންނަ މުދަލެވެ. ހާއްސަކޮށް ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ކެއިން ބުއިމަށް ބޭނުންވާނެ "ޑެއިލީ" ސާމާނު ކޮންމެހެން ވެސް ބޭނުންވެ އެވެ.

އެހެންވެ، ގިނަ ރިސޯޓުތަކަށް ބޭނުންވާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރަނީ އެވެ. ނަމަވެސް ވިލާގެ ރިސޯޓުތަކުން ރާއްޖޭގެ ލޯކަލް ބާޒާރުން ވެސް ގިނަ އަދަދެއްގެ މުދާ ނަގަ އެވެ. އެހެންވެ އެ ވިޔަފާރި އަށް އަންނަ ކޮންމެ ރޯޅިއެއްގެ އަސަރު މި ވިޔަފާރިތަކަށް ވެސް ކުރާނެ އެވެ.

މި ހުރިހާ ސަބަބެއް ގުޅި ލާމެހިގެންދާއިރު ބުނެވޭނީ، ވިލާގެ ރިސޯޓުތައް ވަނީ ރާއްޖޭގެ މުޅި އިގްތިސާދާ ގުޅިލާމެހިފަ އެވެ. އެހެންވެ ވިލާ އަށް އަންނަ ކޮންމެ ރޯޅިއެއްގެ ނިޝާންތައް މުޅި އިގްތިސާދުން ފެންނާނެ އެވެ.