ފިނިޕޭޖް

ނެޓްފްލިކްސްއަށް 39 މިލިއަން ޑޮލަރުގެ ގެއްލުމެއް

ނެޓްފްލިކްސްގެ މަގުބޫލު ޕޮލިޓިކަލް ޑްރާމާ "ހައުސް އޮފް ކާޑްސް" ގެ ލީޑު އެކްޓާ ކެވިން ސްޕޭސީ އެ ސީރީޒް އިން ވަކި ކުރުމުން ނެޓްފްލިކްސްއަށް ބޮޑު ގެއްލުމެއް ދައްކައިފި އެވެ.

ކުރިއަށް އޮތް އެ ސީރީޒް ފަހު ސީޒަން އިން ސްޕޭސީ ވަކި ކުރުމުން ނެޓްފިލްކްސްއަށް 39 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައްކާފައިވާ ކަމަށް ނެޓްފިލްކްސްގެ ހަތަރު ވަނަ ކްއާޓާގެ އާންމްދަނީ ރިޕޯޓުންވަނީ ހާމަވެފަ އެވެ.

އެ ސީރީޒް އިން ސްޕޭސީ ވަކިކުރަން ނިންމީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރާއިގެ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ނިންމުންމާއެކު "ހައުސް އޮފް ކާޑްސް" ގެ ޕްރޮޑަކްޝަން ވެސް ވަނީ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފަ އެވެ.

"ހައުސް އޮފް ކާޑްސް" ގެ ފަހު ސީޒަންގައި ސީރީޒްގެ ބޮޑު ބައި ދެން ފޯކަސްކޮށްފައި އޮންނީ އެ ސީރީޒްގެ ލީޑު އަންހެން ތަރި ރޮބިން ރައިޓްގެ ކެރެކްޓާއަށެވެ.

ސްޕޭސީ އާއެކު ނެޓްފިލްކްސް އިން ހަދާފައިވާ އެހެން އެއްބަސްވުމެއް ވެސް ވަނީ އުވާލާފަ އެވެ. އެއީ ސްޕޭސީ ކޯޕްރޮޑިއުސްކޮށް ކުޅެން ނިންމި "ގޯރް ވިޑަލް" ގެ ބަޔޮޕިކް ފިލްމު ގެ އެއްބަސްވުމެވެ.