ކުޅިވަރު

ސަންޗޭޒް ޔުނައިޓަޑަށް، މިކިތާރިޔަން އާސެނަލްއަށް

އާސެނަލް އަށް ކުޅެމުން ދިޔަ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލު ވެއްޖެ އެވެ.

މިދިޔަ ހޫނު މޫސުމުގައި ސަންޗޭޒް ގެންދިއުމަށް، ޔުނައިޓެޑާ، ވާދަވެރި މެންޗެސްޓާ ސިޓީން ވަނީ މަސައްކަތް ކޮށްފަ އެވެ. ހޫނު މޫސުމުގެ ޓްރާންސްފާގެ އެންމެ ފަހު ދުވަހު، ސަންޗޭޒް ސިޓީއަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ އެވެ. ނަމަވެސް އެކަމަށް ހުރަސް ކުރިމަތިވީ، އާސެނަލްއިން ގެންނަން ބޭނުންވި، މޮނާކޯގެ ތޯމަސް ލެމޭ ނުލިބުމުންނެވެ.

މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ޓްރާންސްފާގައި ވެސް ސިޓީން ވަނީ ސަންޗޭޒް ގެންދަން މަސައްކަތް ކޮށްފަ އެވެ. އޭރު ސިޓީގެ ވިސްނުން ހުރީ، ސަންޗޭޒްއަކީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޓީމަށް ގެންނާށެވެ. ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައި އެކަމުގެ ސަބަބުން މަސްލަހަތު ގެއްލިދާނެތީ ސިޓީން ވަނީ ސަންޗޭޒް ހޯދުމުގެ މަސައްކަތް ހުއްޓާލާފަ އެވެ.

އިނގިރޭސި މީޑިއާތަކުން ބުނީ، ޔުނައިޓެޑާއެކު، ހަތަރު އަހަރާއި ހަމަސް ދުވުހުގެ މުއްދަކަށް ސަންޗޭޒް އެއްބަސްވުން ހަދައިފި ކަމަށެވެ. އެ ކޮންޓްރެކްޓްގެ ދަށުން، މުސާރައިގެ ގޮތުގައި އިންކަމް ޓެކްސްއަށް ކަނޑާފައި އަހަރަކު 14 މިލިއަން ޕައުންޑް އޭނާ އަށް ލިބޭނެ އެވެ.

ޔުނައިޓަޑަށް ސޮއި ކުރުމަށްފަހު ސަންޗޭޒް ބުނީ، ޔުނައިޓެޑަށް ބަދަލު ވުމަކީ އޭނާ ކުޑައިރުން ފެށިގެން ދެކޭ ހުވަފެނެއް ކަމަށެވެ. ސަންޗޭޒް ޔުނައިޓެޑްގައި ބޭނުން ކުރާނީ ހަތް ނަންބަރު ޖެހި ޒޯޒީ އެވެ. އެއީ މަޝްހޫރު ޑޭވިޑް ބެކަމް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ޔުނައިޓަޑްގައި ބޭނުން ކުރި ނަންބަރެވެ.

އާސެނަލް އާއެކުއޮތް ސަންޗޭޒް ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމާވާނެ އެވެ. އޭނާ އާސެނަލްއަށް ގުޅުނީ ބާސެލޯނާއިން 2014 ވަނަ އަހަރު އެވެ. އޭނާ ވަނީ އާސެނަލްއަށް 80 ލަނޑު ޖަހައިދީފަ އެވެ.

ސަންޗޭޒްގެ ޑީލްގެ ތެރޭގައި ހިމެނިގެން، ޔުނައިޓަޑުން ވަނީ، އެ ޓީމުގެ އަރުމީނިއާގެ މިޑްފީލްޑާ ހެންރިކް މިކިތާރިޔަން އާސެނަލްއަށް ދޫކޮށްލާފަ އެވެ.

އޭނާ ވަނީ، ޔުނައިޓަޑަށް ކުޅުނު 63 މެޗުގައި 13 ލަނޑު ޖަހާފަ އެވެ. މި ސީޒަންގައި، ޔުނައިޓެޑްގައި ޕްރިމިއާ ލީގްގައި އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނި 10 މެޗުގަ އެވެ.

ސީޒަންގެ ވަކި ހިސާބަކުން ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ އާއި މިކިތާރިޔަންގެ ގުޅުމަށް އަސަރު ކުރިކަމަށް، އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރި އެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ، ބުރޫޝިއާ ޑޯޓަމުންޑުން 2016 ވަނަ އަހަރު އެވެ.