އާރްޑީސީ

އެމްއާރްޑީސީ އުވުނަސް މުވައްޒަފުންނަށް ގެއްލުމެއް ނެތް: އެމްޑީ

Jan 23, 2018
4

އުވާލަން މަސައްކަތް ފަށާފައިވާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދީ އަގީލް ވިދާޅުވެއްޖެ އެވެ.

ކުންފުނި އުވާލަން އުޅޭ ކަމުގެ އަޑުތައް ފެތުރުމާއެކު، މުވައްޒަފުންގެ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމުން، އެމްޑީ ހަމްދީ އިއްޔެ ވަނީ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ހަމްދީ ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުންނަށް ނުތަނަސް ކަމެއް ލިބޭނެ ކަމެއް ނުކުރާނެ ކަމަށެވެ. އަދި މިހާރު އިވޭ އަޑުތައް ފިޔަވައި ސަރުކާރުގެ ފަރާތުން "އޮފިޝަލީ އެއް ވެސް އެއްޗެއް" ރަސްމީކޮށް އަންގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގުނުހާ އަވަހަށް ހިއްސާ ކުރާނަން. ކުންފުންޏަށް ބަދަލެއް އަޔަސް އެވާނީ ސަރުކާރުގެ ނިންމުމަކަށް. ކުންފުންޏަށް ބަދަލެއް އަޔަސް މުވައްޒަފުންނަށް އިރާދަކުރެއްވީއްޔާ ދެރަ ގޮތެއް ނުވާނެ. ކުންފުނި އުވާލި ކަމަށް ވިއަސް ކުންފުނިން ކުރާ މަސައްކަތް ކުރާނެ. މަސައްކަތް ކުރަން ޖެހޭނީ ތިޔަ ސްޓާފުން،" އެމްޑީ ވިދާޅުވެފައިވެ އެވެ.

އެމްއާރުޑީސީގެ މުވައްޒަފުންނާ އެމްޑީ ބައްދަލު ކުރެއްވިއިރު، އެމްއާރްޑީސީ އުވާލަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން "އަވަސް" އަށް ވަނީ ކަށަވަރު ކޮށް ދެއްވާފަ އެވެ. އެނގިފައިވާ ގޮތުގައި އެ ނިންމުން ނިންމަވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން އެވެ. އަންނަ ބުރާސްފަތި ދުވަހު އެ ނިންމުން ސަރުކާރުން އާންމު ކުރާނެ އެވެ. އަދި އެ ކުންފުނީގެ މަސައްކަތަކާއި މުވައްޒަފުން އަދި ކުންފުނީގެ ހަރު މުދާ ބަދަލު ކުރަނީ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް ކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް "އަވަސް" އިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކާ ގުޅުމުން ވިދާޅުވީ، އެކަމާ ގުޅޭމާ ގިނަ މައުލޫމާތު ތަކެއް އަދި ނެތް ކަމަށެވެ. އަދި އުވާލަން ނިންމީ ތޯ ސުވާލުކުރުމުން ވެސް އެ އޮފިޝަލް އެކަން ދޮގު ނުކުރައްވާ ވިދާޅުވީ، މި ވަގުތު އަދި ތިކަމާ އެއްޗެއް ނުބުނެވޭނެ ކަމަށެވެ.

އެމްއާރްޑީސީ އުވާލަން ނިންމިއިރު ބޮޑެތި ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން އެބަ ކުރި އަށް ގެންދެ އެވެ. އެގޮތުން ގިނަ ރަށްތަކެއްގެ މަގުގެ މަސައްކަތް ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ އެޕްރޯން އާއި ޓާމިނަލްގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ތެރެއިން ބޮޑެތި ހިޔާނާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލަތައް އޭސީސީ އިން ވަނީ ބަލައިފަ އެވެ.