ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) އޭނާގެ އަމިއްލަ ރަށް ޅ. ހިންނަވަރުގައި ފުޓްބޯޅަ އެކެޑެމީއެއް ހުޅުވައިފި އެވެ.
ލިލީގެ ފުޓްބޯޅަ އެކެޑެމީއަށް ނަން ދީފައި ވަނީ، އޭނާގެ ނަމާ ގުޅުވައި "ލިލް" އެކެޑަމީގެ ނަމުގަ އެވެ. އެކެޑެމީގެ މޮޓޯ ކަނޑައަޅާފައި ވަނީ ތިން ލަފުޒެއްގެ މައްޗަށެވެ. އުންމީދު ކުރާށެވެ. ގަބޫލު ކުރާށެވެ. ހާސިލު ކުރާށެވެ.
އަމިއްލަ ރަށުގައި ފުޓްބޯޅަ އެކެޑެމީއެއް ހުޅުވުމުން، މިހާރުގެ ކުޅުންތެރިންނާއި ކޯޗުން ވަނީ ލިލީގެ އިސްނެގުމަށް މަރުހަބާ ކިޔާފަ އެވެ. ރާއްޖޭގެ މަޝްހޫރު ކޯޗް އަލީ ސުޒޭން ބުނީ ލިލީގެ އަމިއްލަ އެ އިސް ނެގުމަކީ ފުޓްބޯޅައިގެ ކުރިމަގަށް މުހިންމު މަސައްކަތެއް ކަމަށެވެ.
"މިއީ ފުޓްބޯޅައިގެ ކުރިއެރުމަށް ލިލީގެ ނެގި ވަރަށް މުހިންމު އިސް ނެގުމެއް،" ސުޒޭން ބުންޏެވެ. "މިއީ ދުޅަހެޔޮ ލައިފް ސްޓައިލެއް ހިންވަރުގެ ޒުވާނުންނަށް ހޯދައިދިނުމަށް ނެގި ރަނގަޅު އިސް ނެގުމެއް."
ހިންވަރަކީ 4000 މީހުންގެ އާބާދީ އެކެވެ. ލިލީގެ އެކެޑެމީ އޭނާ ހާއްސަ ކޮށްފައި ވަނީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެކެޑެމީގެ ޓްރެއިނިންތައް މިހާރު ވަނީ ފަށާފަ އެވެ. އެކެޑެމީގައި ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ އޭއެފްސީ ސީ ލައިސެންސް އޮތް ކޯޗުންނެވެ.