ލައިފްސްޓައިލް

އެންމެ އަގު ބޮޑު ފައިވާން!

ހާއްސަ މުނާސަބަތަކަށް ނޫނީ ހާއްސަ މުނާސަބަތެއް ނޫނަސް ރީތި ފައިވާނަކަށް އަރާލައި ފަރި ދައްކާލުމަކީ ބައެއް އަންހެން ކުދިން ނިކަން ފޯރި ހުންނަ ކަމެކެވެ. ރީތި ފައިވާނަކަށް އަރާލުމުން އެ ލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ.

އެ ކުދިން މި ފައިވާނަށް އަރަން ބޭނުންވާނެ ކަމާއި މެދު ޝައްކެތްނެތެވެ. މި ފައިވާން ކިތަންމެހާ ވެސް ރީއްޗެވެ. އެކަމަކު މި ފައިވާނުގެ އަގު އެހާ ރީތި ނުވެދާނެ އެވެ. މީއީ ދުނިޔޭގެ މިހާރު ލިބެންހުރި އެންމެ އަގުބޮޑު ފައިވާނެވެ.

ލަގްޒަރީ މި ފައިވާނުގެ އަގަކީ 15 މިލިއަން ޑޮލަރެވެ. އާންމުނަށް މި ފައިވާން ދައްކާލުމަށް ދުބާއީގެ ރެފުލްސް ދުބާއީ ހޮޓެލް އިން މި ފައިވާން މިއަދު އެ ހޮޓެލްގައި ޑިސްޕްލޭ ކުރާނެ އެވެ.

ޑެބީ ވިންހަމް ކިޔާ ޑިޒައިނަރަކު ޖަރީކޮށްފައިވާ މި ފައިވާނުގައި ޕްލެޓިނަމް މެޓަލްގައި ހަރުކޮށްފައިވާ ހާހަކަށްވުރެ ގިނަ ޖާވާހިރާއި ރަން މެޓަލް ޕްލޭޓުގައި ހަރުކޮށްފައިވާ 24 ގޯގު ރަނުގެ ބާތައް ހިމެނެ އެވެ.

މީގެ އިތުރުން މި ފައިވާނުގައި 1.4 މިލިއަން ޑޮލަރުގެ އަގުހުރި ތިން ކެރެޓްގެ ފިޔާތޮށި ދެ ޖަވާހިރާއި، 1.9 މިލިއަން ޑޮލަރުގެ އަގުހުރި އެއް ކެރެޓްގެ ނޫކުލައިގެ ދެ ޖަވާހިރާއި، ތިން ކެރެޓްގެ ހުދު ހަތަރު ޖަވާހިރު ކޮޅު ވެސް ހިމެނެ އެވެ.