ހަބަރު

ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ހަތަރު ބޭފުޅަކު ވާދަކުރަނީ

May 6, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ހަތަރު ބޭފުޅެއްގެ ޝަރުތު ހަމަވާ ކަމަށް ނިންމައި، އެ ބޭފުޅުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން އެ ބައި އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރާޒީ އާއި ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރާ ދެ ބޭފުޅުން ކަމަށް ވާ މޫސާ ނަސީރު އަހުމަދާއި ޝަމީމް އަލީ އެވެ.

އެ ހަތަރު ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގައިގެން ކެންޑިޑޭޓް ނަމްބަރު ވެސް މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ. އެގޮތުން ޝަމީމަށް ކެންޑިޑޭޓް ނަމްބަރު 1 ލިބުނުއިރު މޫސާ ނަސީރު އަހުމަދަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު 2 އެކެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރާޒީއަށް ކެންޑިޑޭޓް ނަމްބަރު 3 ލިބުނުއިރު ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝަށް ލިބުނީ ކެންޑިޑޭޓް ނަމްބަރު 4 އެކެވެ.

އަންނަ ޖޫން މަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަކީ އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރުމުން އޭނާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުމުންނެވެ.