ލައިފްސްޓައިލް

ދުވާލަކު ތިން ކޮފީ: ގެއްލުމަށްވުރެ ފައިދާ ބޮޑު!

ކޮފީއަކީ ކުރިންވެސް މިހާރު ދުނިޔޭގައި އެންމެ ގިނައިން މީހުން ބޮއި އުޅޭ ބުއިމެވެ. ގިނަ ދިވެހިންނަށް އެންމެ ކަމުދާ ބުއިމަކީ ވެސް މިހާރު ކޮފީ ކަމަށް އޮންނަނީ ވެފައެވެ.

ކޮފީ ހައުސްތަށް ވެސް ރާއްޖޭގައި މިހާރު ގިނަ އެވެ. ރައްޓެހިންނާއި ބައްދަލުކޮށްލާއި ވާހަކަ ދެއްކުމަށާއި އެކި ކަހަލަ ވިޔަފާރީ އާއި ރަސްމީ ބައްދަލުވުންތައް ވެސް ހިންގާލަނީ ކޮފީ އަކުން ކޮފީ މޭޒުގައެވެ. މިގޮތަށް ކޮފީ ބޯ މީހުން ދުވާލަކު ތިން ހަތަރު ތަށީގެ ކޮފީ ވެސް ދަމާލަ އެވެ.

މާ ގިނައިން ކޮފީ ބޯ ނަމަ ސިއްހަތަށް ގެއްލުންވާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް ދޭތެރެއަކުން އަޑު އިވެ އެވެ. އެއިން ކުރާ ފައިދާތަކުގެ ވާހަކަތައް ވެސް އިވޭލެއް ވަކި މަދެއް ނޫނެވެ. އިވޭ މި ތަފާތު އަޑުތަކަށްފަހު ގިނަ ފަހަރަށް މީހުން ތިބެންޖެހެނީ ހަނދާނެ ގޮތެއް ނޭނގިފަ އެވެ. ކޮފީ ބޯންވީތޯ ނޫނީ ނޫންތޯ ފަދަ ސުވާލު މާކުގެ ތެރޭގަ އެވެ.

އަނެއްކާވެސް މިއޮތީ ހަމަ އެކަހަލަ ވާހަކައެކެވެ. މި ފަހަރުގެ ވާހަކައަކީ ދުވާލަކު ތިން ތަށި ކޮފީ ބޯނަމަ އެއިން ސިއްހަތަށް ލިބޭނެ ގެއްލުމަށް ވުރެން ބޮޑަށް ކުރާނީ ފައިދާ އެވެ. މިއީ އިނގެރޭސިވިލާތުގެ ސައުތްހެމްޓަން ޔުނިވާސިޓީގައި ޕަބްލިކް ހެލްތު ސްޕެޝަލިސްޓަކު ހެދި ދިރާސާއެއްގެ ނަތީޖާ އެވެ.

އެ ދިރާސާ ކޮށްފައިވާނީ މީގެ ކުރިން ކޮފީ އާއި ބެހޭގޮތުން ކޮށްފައިވާ 200 އަށް ވުރެ ގިނަ ދިރާސާ އާއި އޮބްޒަވޭޝަނަލް ރިސާޗެއްގެ އިތުރުން އެކި ގައުމުތަކުގައި ހަދާފައިވާ ކްލިނިކަލް ޓްރައަލްސްތަކުގެ މައްޗަށް ބިނާކޮށެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ކޮފީ ބޯނަމަ ޑައިބެޓިސް އާއި ސިކުނޑީގެ ތަފާތު ބަލިތަކުގެ އިތުރުން ލިވާ، ޕްރޮސްޓޭޓް އަދި ހަމުގެ ކެންސަރުފަދަ ކެންސަރުގެ ބަލިތަކުން މީހާ ސަލާމަތް ކޮށްދޭނެ އެވެ.

މީގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނީ ދުވާލަކު ތިނެއް ނޫނީ ހަތަރު ކޮފީ ތަށި ބޯ މީހުނަށް ކަމަށް އެ ދިރާސާގައި ވެއެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި ކަށި ބަލި މީހުނަށް މިއީ ކުރުން ރަނގަޅު ނޫން ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކޮފީ ބޯ ނަމަ އާންމުކޮށް މީހުން މަރުވާން މެދުވެރިވާ ހިތުގެ ބަލިތައްފަދަ ބަލިތަކުން މިހާ ސަލާމަތް ކޮށްދެ އެވެ. މިގޮތަށް މަރުވާ މީހުންގެ އަދަދު އެންމެ މަދީ ދުވާލަކު ތިން ތަށި ކޮފީ ބޯ މީހުންގެ މެދުގަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާ ހެދި ފަރާތުން ބުނީ މި ދިރާސާގައި ގިނައިން ބޭނުން ކޮށްފައިވަނީ އޮބްޒަވޭޝަނަލް ޑޭޓާއަށް ވުމުން، މި ނަތީޖާއަކީ އެންމެ ސައްހަ ނަތީޖާއަށް ނުވެދާނެ ކަމަށެވެ. އެހެން ނަމަވެސް ކޮފީއަކީ އެތަށް ގޮތަކުން ހަށިގަނޑަށް ފައިދާތައް ލިއްބާދޭ އެއްޗެއްކަން ކުރީގެ ދިރާސާތަކުން ކަށަވަރުކޮށްދީފައި ކަމަށް އެ ދިރާސަގައި ބުނެފައިވެ އެވެ.