ކަރަބާއޯ ކަޕް ނުވަތަ ލީގް ކަޕްގެ، ސެމީފައިނަލުގައި ދެ ވަނަ ޑިވިޝަންގެ ބްރިސްޓޮލް ސިޓީއާ ދެކޮޅަށް ދެ ވަނަ ލެގްގައި، 3-2 ން ކާމިޔާބު ހޯދައި މެންޗެސްޓާ ސިޓީއާއެކު ގާޑިއޯލާ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ފުރަތަމަ ލެގް 2-1 ން ކާމިޔާބު ކޮށްފައި ވުމުން، ސިޓީ ފައިނަލަށް ދަތުރު ކުރީ، 5-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ފައިނަލަށް ދިއުމުން، ގާޑިއޯލާ ބުނީ އެހިސާބަށް އާދެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި ފައިނަލާ ހަމަޔަށް ދެވުނީ ޓީމުގެ ހުރިހާ މެންބަރުންގެ މަސައްކަތުން ކަމަށެވެ.
ގާޑިއޯލާއަށް މިހާރު މިވަނީ އިންގެލެންޑްގައި، އޭނާގެ ފުރަތަމަ ތަށި ހޯދަން ދޮރު ހުޅުވިފަ އެވެ. އޭނާ ބުނީ، އޭނާ އަށް ވުރެ އެ ތަށި މުހިންމީ ކުލަބަށް ކަމަށެވެ.
"ތަށި ލިބިއްޖެނަމަ އެއީ އަހަންނަކަށް ނޫން، އެއީ މެންޗެސްޓާ ސިޓީ މަސައްކަތް ކުރަނީ އެހެން ލެވަލްއަކަށް ދާން،" ގާޑިއޯލާ ބުންޏެވެ. "ކުރީގައި [ރޮބާޓޯ] މަންޗިނީ އަދި [މެނައުލް] ޕްލެގްރިނީ ވަނީ އެ ކާމިޔާބު ހޯދާފަ، އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ އެ ލެވަލްއަށް ދިއުމަށް، އަހަންނަށް މުހިންމު ކަމަކީ އެހިސާބަށް ދެވުން އަދި ކޮންމެ މެޗެއްގައިވެސް މިގޮތަށް މަސައްކަތް ކުރުން."
ލިރޮއީ ސަނޭ އާއި ސާޖިއޯ ކުން އަގްއޭރޯ، ސިޓީއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައި ވަނިކޮށް، ބްރިސްޓޮލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ މާލޯން ޕެކް އަދި އެޑެން ފްލިންޓް އެވެ. ފްލިންޓް ލަނޑު ޖެހީ މެޗުގެ 94 ވަނަ މިނެޓްގައެވެ. އޭގެ ދެ މިނެޓްފަހުން ސިޓީ މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ ކެވިން ޑި ބްރޭނޭ އެވެ.
ފައިނަލުގައި ސިޓީއާ ކުޅެން ޖެހޭނީ، ޗެލްސީ އާއި އާސެނަލް ކުޅޭ ސެމީ ފައިނަލުގައި މޮޅުވާ ޓީމެކެވެ. އެ ދެ ޓީމު ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގް މެޗު އޮންނާނީ، ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގަ އެވެ. ފުރަތަމަ ލެގް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.