ކުޅިވަރު

ސެވިއްޔާ އަތްދަށުވެ އެތުލެޓިކޯ ކަޓައިފި

ދެ ވަނަ ލެގް މެޗުގައިވެސް ސެވިއްޔާ އަތްދަށުވެ، އެތުލެޓިކޯ މެޑްރިޑް ސްޕެނިޝް ކަޕުގެ ކްއާޓާ ފައިނަލުން ކަޓައިފި އެވެ. ސެވިއްޔާއިން މެޗު ކާމިޔަބު ކުރީ، 3-1 ން ނެވެ.

ފުރަތަމަ ލެގް މެޗު ސެވިއްޔާ ކާމިޔާބު ކުރީ 2-1 ން ނެވެ. އެ ޓީމު ސެމީ ފައިނަލަށް ދިޔައީ 5-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖުންވެސް އެތުލެޓިކޯ ވަނީ ކަޓާފަ އެވެ. އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ، ޗެމްޕިއަންސް ލީގުންނާއި ކޮޕަޑެލްރޭއިން އެތުލެޓިކޯ ކެޓުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

"ޓީމުގައި އެދިޔަ ހުރިހާ ކަމަކީ ހަމަ އަހަރެންގެ ޒިންމާ، އެކަމުގެ ޒިންމާ އަހަރެން ނަގަން،" 2011 ވަނަ އަހަރުން ފެށިގެން އެތުލެޓީކޯގެ ކޯޗުކަން ކުރަމުން އަންނަ ސިމިއޯނޭ ބުންޏެވެ.

"ޗެމްޕިއަންސް ލީގުގެ ނާކާމިޔާބާއި ކަޕުން ކެޓުމުގެ ޒިންމާވެސް އަހަރެން ނަގަން، ދެން އޮންނާނީ ޓީމުގެ ހާލަތު ރަނގަޅު ކުރުން، އެކަމަށް ހަތަރު މަސް އެބައޮތް، އަހަންނަށް އެނގޭ އަހަރެންގެ ޓީމު، އަހަރެންގެ ކުޅުންތެރިން، އަހަރެން މިހުރީ ހަމަޖެހިގެން."

ރޭގެ މެޗު ފެށިގެން 25 ވަނަ ސިކުންތުގައި، ސެވިއްޔާއިން ވަނީ އެތުލެޓިކޯގެ ގޯލް ހުޅުވާފަ އެވެ. މިއީ ސިމިއޯނޭގެ ކޯޗު ކަމުގައި އެތުލެޓިކޯ ކޮޅަށް ވަން އެންމެ އަވަސް ލަނޑެވެ. އެ ލަނޑު ކާމިޔާބު ކުރީ ސާޖިއޯ އެސްކުރޭޑޯ އެވެ.

ސިމިއޯނޭގެ ކޯޗުކަމުގައި އެތުލެޓިކޯ ކޮޅަށްވަން އަވަސް ގޯލްތައް

  • ސާޖިއޯ އެސްކުރޭޑޯ - 25 ވަނަ ސިކުންތުގައި
  • ވަލްމީރޯ ލޯޕޭސް ރޮޗާ (ވަލްޑޯ) - 59 ސިކުންތުގައި
  • އަންޑްރެއަސް އިވާންސްޗިޓްޑްޒް - 59 ސިކުންތުގައި
  • ކޯކް - އެއް މިނެޓް 19 ސިކުންތު
  • ކަރީމް ބެންޒެމާ - ދެ މިނެޓް 14 ސިކުންތު
  • ލަސް ބަނގައުރާ - ދެ މިނެޓް 27 ސިކުތު
  • ޖޯނަސް - ހަތަރު މިނެޓް 18 ސިކުންތު

މެޗުގައި ސެވިއްޔާ ދެއްކި ކުޅުމަށް ސިމިއޯނޭ ވަނީ ތައުރީފް ކޮށްފަ އެވެ. ދެ ލެގްގައި ވެސް ސެވިއްޔާގެ ކީޕަރު ސާޖިއޯ ރިކޯ ދެއްކި ކުޅުން ސިމިއޯނޭ ފާހަގަ ކުރި އެވެ.

މެޗުގެ 13 ވަނަ މިނެޓްގައި، އެންޓްއާން ގްރީޒްމަން، އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، އެވާ ބެނާގާ އާއި ސަރާބިއާ ވަނީ ދެ ވަނަ ހާފު ކާމިޔާބު ކުރި ލަނޑުތަކުން ސެވިއްޔާ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. ބެނާގާ ކާމިޔާބު ކުރި ލަނޑަކީ ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ.