ކުޅިވަރު

އަށް އަހަރަށް ފަހު މެޝަރާނޯ ބާސާ ދޫކޮށްލަނީ

ބާސެލޯނާ ދޫކޮށް ޑިފެންޑަރު ހާވިއާ މެޝަރާނޯ، ޗައިނާގެ ސްޕަލީގްގެ ކުލަބު، ހެބެއި ޗައިނާ ފޯޓުން އެފްސީއަށް ބަދަލުވާން ތައްޔާރު ވެއްޖެ އެވެ.

ބާސާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޓީމުގެ ޑިފެންޑަރު މެޝަރާނޯ ޓީމު ދޫކޮށް ދާތީ، އޭނާ އަށް އަލްވާދާއު ކިޔުމުގެ ގޮތުން ފެއާވެލްއެއް މިއަދު ބާއްވާނެ ކަމަށެވެ. ބާސެލޯނާގެ ސްޓޭޑިއަމް ކޭމްޕް ނައުގެ ހޯލްގައި ބާއްވާ ހަފުލާގައި، ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓަމައު އާއި ކުލަބުގެ ބޯޑުގެ ހުރިހާ މެންބަރުން ބައިވެރި ވާނެ އެވެ.

މާދަމާ ރޭ ސްޕެނިޝް ކަޕުގައި ކުޅޭ މެޗުގައި، ސަޕޯޓަރުންނާ އަލްވަދާއު ކިޔުމަށް، މެޝަރާނޯ އަށް ފުރުސަތު ދޭނެ ކަމަށެވެ. އެ ކަމަށް ބާސާގެ ސަޕޯޓަރުންވެސް ދަނީ ހަރަކާތްތަކެއް ހިންގުމަށް ތައްޔާރު ވަމުންނެވެ.

މެޝަރާނޯ ބާސެލޯނާއަށް ބަދަލުވީ ލިވަޕޫލުން 2010 ވަނަ އަހަރު އެވެ. ގާތްގަނޑަކަށް އަށް އަހަރުގެ މުއްދަތެއް ބާސާގައި އޭނާ ވަނީ ހޭދަ ކޮށްފަ އެވެ. އެ މުއްދަތުގައި ބާސާ އަށް 18 ތަށި ހޯދައިދިނުމުގައި މެޝަރާނޯ މުހިންމު ދައުރެއް އަދާ ކުރި އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގްގެ ދެ ތަށި ވެސް ހިމެނެ އެވެ.