މާލޭގައި ހުންނަ ވިލާކޮލެޖްގެ މައި ކެމްޕަހުގައި ހިންގާ ކޯސްތައް ދ. އަތޮޅު ކުޑަހުވަދޫގައި ފަށަން ނިންމައި އެރަށު ކައުންސިލާއެކު ވިލާކޮލެޖުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވިލާކޮލެޖްގެ ބައެއް ކޯސްތައް ރާއްޖޭގެ އެކި އަތޮޅު ތަކުގައި މިހާރުވެސް ހިންގަ އެވެ. ނަމަވެސް ކުޑަ ހުވަދޫ ކައުންސިލާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިލާކޮލެޖުން ހިންގާ ހުރިހާ ކޯހެއް ކުދިން ލިބޭ މިންވަރަށް ބަލައި އެރަށުގައި ހިންގާނެ އެވެ.
ކުޑަހުވަދޫގައި ވިލާ ކޮލެޖްގެ ކޯސް ފެށުމަށް މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން އެ ކޮލެޖްގެ ރެކްޓާ އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ، އެއާޕޯޓަކާއެކު ސަރަހައްދީ ރަށެއްގެ ގޮތުގައި ބެލެވޭ ކުޑަހުވަދޫގައި ފުޅާ ދާއިރާއެއްގައި ކޯސްތައް ފެށުމަކީ އަތޮޅުގެ އެހެން ރަށްރަށަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ. މިއަދު ވެވުނު އެއްބަސްވުމާ އެއްގޮތަށް ވިލާކޮލެޖްގެ ހުރިހާ ކޯހެއް ދަރިވަރުން ލިބޭ މިންވަރަކުން ހިންގަމުން ގެންދާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޮލެޖުން ދ އަތޮޅުގެ ރައްޔިތުންނަށް މި ގެނެސްދެނީ އިންގިރޭސި ވިލާތުގެ ހަމަ އެ ފެންވަރުގެ ބޮޑު ކޯސްތަކެއް. އިނގިރޭސިވިލާތަށް ދާން ނުޖެހި ރަށުގައި ތިބެގެން އެފެންވަރަށް ކިޔެވުމުގެ ފުރުސަތު. އަޅުގަނޑު ގަބޫލުކުރަން މިއީ ރަނގަޅު ނިންމުމެއް ކަމަށް. ކުޑަހުވަދޫއަކީ ތަރައްގީގެ ފުރުސަތު އެންމެ ބޮޑު އެއް ރަށް. މިހާރުވެސް އަތޮޅާއި އަތޮޅާ ކައިރި ރަށްރަށުން ކުދިން ކިޔަވަން އަންނަ ރަށެއް. މުސްތަގްބަލުގައި އެރަށުގެ އެއާޕޯޓް އިންޓަނޭޝަނަލް ވެއްޖެނަމަ ބޭރުގެ ކުދިންނަށް ވެސް ކިޔަވަން އައިސް ތިބެވޭނެ ތަރައްގީ ރަށެއް،" އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ، ވިލާކޮލެޖްގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އެކޮލެޖުން ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތްތަކަކީ ވިލާކޮލެޖް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެވެސް ބައެއް ކަމަށާއި ކޮލެޖުން މިހާރު ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދެމުންދާ ހިދުމަތްތަކާއެކު އެންމެ އުންމީދުކުރަނީ ވިލާކޮލެޖް ޔުނިވަސިޓީއަކަށް ބަދަލުވެގެންދިއުން ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލުގެ ފަރާތުން ރައީސް އަހުމަދު ހުށާމް މިއަދު ވިދާޅުވީ، ކުޑަހުވަދޫގައި ފަށާ ކޯސްތަކުގެ މަންފާ މުޅި އަތޮޅަށް ކުރާނެ ކަމަށެވެ. އެ އަތޮޅުގެ އިތުރަށް ރަށާ ކައިރީގައި އޮންނަ ތ އަތޮޅުގެ ބައެއް ރަށްރަށުގެ ކުދިންނަށް ވެސް ކޯސްތަކުގައި ބައިވެރިވުމަށް ދައުވަތުދޭ ކަމަށެވެ.
ދ. ކުޑަހުވަދޫގައި ވިލާކޮލެޖްގެ ކޯސްތައް ހިންގަން ހަމަޖެހިފައިވަނީ މާލޭގައި ވެސް ކޯސްތައް ހިންގާ އުސޫލާ އެއްގޮތަށެވެ. އެގޮތުން އިސްލާމިކް ބޭންކް މެދުވެރިކޮށް ނަގާ ލޯނުގައި ކިޔެވޭނެ ފުރުސަތާއި އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފައިވާ ސްކޮލާޝިޕްތަކަށް އެޕްލައިކުރުމުގެ ފުރުސަތު އެ އަތޮޅުގެ ކުދިންނަށް ވެސް އެބައޮތް ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
".. ރަށްރަށުގައި ކޯސް ފަށަން ކައުންސިލްތަކާއެކު އަޅުގަނޑުމެން މިވާ އެއްބަސްވުމުގެ ދަށުން ކޮލެޖުން ކޮންމެ ކައުންސިލަކަށް ވެސް އެބަ ދޭ ސްކޮލާޝިޕް ފުރުސަތެއް. އެކަމަކު އެއީ އޮޕްޝަނަލް އެއްޗެއް. ކައުންސިލުން އެ ފުރުސަތު އެއް ކުއްޖެއްގެ މުޅި ކޯހަށް ވެސް ދެވިދާނެ، ނޫނީ ޓިއުޝަންފީ އެކި ކުދިންނަށް ބަހާލާގޮތަށް ވެސް ހެދިދާނެ. އެވެސް އަޅުގަނޑުމެން ދޭ ފުރުސަތެއް،" ވިލާކޮލެޖުން ބުންޏެވެ.
ވިލާކޮލެޖުން މިހާރުވެސް މާސްޓާސް ފެންވަރުގެ 7 ކޯހާއި ޕޯސްޓް ގްރެޑުއޭޓް ޑިޕްލޮމާ ފެންވަރުގެ 4 ކޯހާއި ޑިގްރީފެންވަރުގެ 20 ކޯހުގެ އިތުރަށް ޑިޕްލޮމާ އަދި ޗެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިންގަ އެވެ. އޭގެ ތެރެއިން ބައެއް ޕްރޮގްރާމްތަކަކީ އިނގިރޭސި ޔުނިވަސިޓީއެއްގެ ކޯސްތަކެވެ.