ފިނިޕޭޖް

"ލީނާ" ގެ ވިލަންއަކީ ކާކުކަން މާދަމާ އެނގޭނެ

މި އަހަރަށް ތާވަލު ކުރެވިފައި ހުރި ފިލްމުތަކުގެ ތެރެއިން ތާފަތު ފިލްމަކަށް ވާނެ ކަމަކަށް ބެލެވޭ އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓު ކުރާ ފިލްމު "ލީނާ" ވާނެ އެވެ.

މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނަ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ޝޫޓިން މާދަމާ ފަށާނެ އެވެ.

ފުރަތަމަ ޑްރާމާއެއް ގޮތަށް މި ވާހަކަ ގެނެސްދިން ނަމަވެސް ފަހުން ފީޗާ ފިލްމަކަށް ބަދަލުކޮށް ފިލްމުގެ ކާސްޓު މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އއ. އުކުޅަހުގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓު އިއުލާނުކުރި އިރު މި ފިލްމުގެ ވިލަން ފިޔަވާ އެހެން ހުރިހާ ތަރިން ވަނީ ހާމަކޮށްފަ އެވެ. އަޒްލީނާގެ ގާތިލް އަބްދުﷲ ޒުހޭރުގެ ނުވަތަ ފިލްމުގައި ޒުހޫރުގެ ރޯލުން ފެނިގެންދާނެ ތަރިއަކު މާދަމާ އިނގިގެންދާނެ ކަމަށް މުއާ ބުންޏެވެ. އެ ރޯލަށް ކުރިން ހަމަޖެއްސީ އަހްމަދު އަޒްމީލް (އަޒޭ) އެވެ. ނަމަވެސް ފަހުން މުއާ ވަނީ ތަރިން ފައިނަލް ނުކުރާ ކަމަށް ބުނެފަ އެވެ.

މި ފިލްމުގައި "ލީނާ" ގެ ރޯލުން ފެނިގެންދާނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހްމަދު ސައީދު، އަދި މަރިޔަމް ހަލީމް އެވެ.

ދޮން އައްޔަ ފެނިގެންދާނީ "ލީނާ" ނުވަތަ އަައްޒަގެ ލޯބިވެރިޔާގެ ރޯލުންނެވެ. ނުޒޫ ކުޅޭނީ އައްޒަގެ ބެސްޓް ފްރެންޑުގެ ރޯލެވެ. އައްޒަގެ މަންމަގެ ރޯލުން މަރިޔަމް ހަލީމް ފެނިގެންދާއިރު ޒުހޫރުގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ ޒީނަތެވެ. ސައީދު ކައުންސިލުގެ ރައީސްގެ ރޯލުން ފެނިގެދާއިރު ނިމާލްގެ ކުޑަ ރޯލެއް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އަހްމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމަކީ މުއާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެއެވެ. ފިލްމުގައި އެސިސްޓެންޓް ޑައިރަކްޓަރެއްގެ ގޮތުގައި ނިމާލް ހަރަކާތްތެރިވާނެ އެވެ.

މުއާ އަދި ސައްޔާހު އައްބާސް ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ނިންމާ މި އަންނަ މާޗު މަހުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ ބަލާނެކަމަށް މުއާ ބުންޏެވެ.