ފްލައިމީ

ފްލައިމީގެ ބައެއް މުވައްޒަފުން ވަކި ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ވިލާ ގްރޫޕަށް ކުރިމަތިވި މާލީ ދަތިކަމާ ހެދި، ހަރަދު ކުޑަ ކުރަން ވިލާ އެއާގެ ބައެއް މުވައްޒަފުން ވަކި ކުރަން ނިންމައި އެކަން ބައެއް މުއައްޒަފުންނަށް އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ފްލައިމީގައި ވަޒީފާ އަދާކުރާ ހަ މުވައްޒަފަކު މާދަމާ ވަޒީފާއިން ވަކި ކުރާނެ ކަމަށް މިހާރު ވެސް ވަނީ އަންގާފަ އެވެ. އެ މީހުނަށް އަންގާފައި ވަނީ މާދަމާ ލިޔުމުގެ ސޮއި ކުރުމަށް އެޗްއާރް އަށް ދިއުމަށެވެ.

އެކާމާ ގުޅޭގޮތުން ވިލާ އެއާގެ އެޗްއާރް މެނޭޖަރަށް "އަވަސް" އިން ގުޅުމުން ވިދާޅުވީ އެފަރާތަށް އެފަދަ ކަމެއް އެނގިފައިނުވާ ކަމަށެވެ.

ވިލާ ގްރޫޕަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ވިލާ އެއާގެ ހުރިހާ މުއައްޒަފުންނަށް ސާކިއުލާއެއް ނެރެފަ އެވެ. ވިލާ އެއާގެ އެމްޑީ އަބުދުﷲ ނާޝިދު ސޮއި ކުރައްވާ ނެރުއްވާފައިވާ ސާކިއުލާގައިވަނީ، ކުންފުންޏަށް އާންމުދަނީ ލިބެނީ މަތިންދާބޯޓް ތަކުގައި ފަސިންޖަރުން އުފުލައިގެން ކަމަށާއި ސަބަބުތަކާ ހުރެ ބޯޓްތަކުގައި އުފުލާ ޕަސެންޖަރުން އިތުރު ނުކުރެވި އާންމުދަނީބ ލިބުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައި ކަމަށެވެ. އަދި މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ދެމުން ގެންދަނީ ލޯނުގެ ގޮތުގަ އާއި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދައިގެން ކަމަށެވެ.

"... މިދިޔަ އަހަރު މޭމަހު އިތުރު ބޯޓެއް ގެނެސް ސ. [އަތޮޅުގެ] ދަތުރު ކުރުމުގެ ހުއްދަ އަށް އެދުމުން ހުއްދަ ލިބިފައިނުވާތީ ދަތުރުތައް ވަނީ ނުފެށިފަ، އަދި ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން ސަރުކާރުން އުވާލައި އެއާޕޯޓް އަަތުލުމާއި، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެގްރީމަންޓް ކުރެވިފައިވާ ބ. މެންދޫ ސަރުކާރުން ނުދިނުމުގެ ސަބަބުން ވަނީ ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައި، އިސްވެ ދެންނެވުނު ސަބަބުތަކާހުރެ ދުވަހުން ދުވަހަށް ކުރަމުން ގެންދާ ހަރަދުތައް ކުޑަކުރުމަށް ކުންފުނީގެ ބޯޑުން ވަނީ ނިންމާފަ،" އެ ސާކިއުލާގައި ވެއެވެ.

ސާކިއުލާގައި ވަނީ، ކުންފުނި ރީސްޓްރަކްޗާކޮށް ހަރަދުތައް ކުޑަކޮށްގެން ނޫން ގޮތަކަށް ކުންފުނި ދެމެހެއްޓޭނެ ކަމަށް ނުފެންނާތީ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ބަލައި ހަރަދު ކުޑަ ކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އިތުރަށް ތިބި މުއައްޒަފުން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަމުންދާނެ ކަމަށސް ސާކިއުލާގައި ވެއެވެ.

"... ކުންފުނީގެ ދަތުރުތަކަށް ބޭނުންކުރާ މަތިންދާބޯޓްތަކާއި ދަތުރުކުރެވޭ އެއާޕޯޓް ތަކާއި ކުރެވޭ ދަތުރުތަކަށް ބޭނުންވާ މިންވަރަަށްވުރެ އިތުރަށް ތިބި މުއައްޒަފުން ދޫކޮށްލަން މަޖުބޫރުވެފައިވާ ކަން ހިތާމައާއެކު ދަންނަވަން، ވީމާ މިއަދުން ފެށިގެން މި ފިޔަވަޅުތައް އަޅަމުން ގެންދެވޭނެކަން އުއައްޒަފުންނަށް އާންމުކޮށް އަންގަން،" ސާކިއުލާގައި ވެއެވެ.

ވިލާ ގްރޫޕަށް ކުރިމަތިވި މާލީ ދަތިކަމާ ހެދި، ހަރަދު ކުޑަ ކުރުމަށް ވީމީޑިއާއިން މިދިޔަ މަހު ވަނީ 15 މުވައްޒަފަކު ވަކިކޮށްފަ އެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބުރާހީމަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އޭނާ ބޭސްފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު އެތަނުން ޖަރުމަނަށް ވަޑައިގެން މިހާރު ހުންނެވީ ޖަރުމަނުގައެވެ. ގާސިމްގެ ވިލާ ގްރޫޕަށް ދީފައިވާ ބައެއް ރަށްތައް ނެގުމާއި އެނޫންވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

އޭގެ އިތުރުން މިމަހު ވަނީ ވިލާ ކުންފުނީގެ ބައެއް ރިސޯޓް ތަކަށް ގަވާއިދާ ހިލާފަށް ރަލާއި އޫރުމަސް އެތެރެކޮށްފައިވާ ކަމަށްބުނެ ކަސްޓަމްސް އިން އެތަކެތި އަތުލާފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިލާގެ ރިސޯޓްތަކުގައި ބަނގުރަލާއި އޫރުމަސް ގެންގުޅުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދީފަ އެވެ.