ޕީޕީއެމްގެ އިންތިހާބީ މަގާމުތަކުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިލެކްޝަން ކޮމިޝަންގެ ސަމާލުމަކަށް ގެނައި މައްސަލާގައި އަޑު އިއްޔެ އާއި ރޭ މީޑިއާގައި ވަރަށް ގަދަކޮށްލާފައި އޮތެވެ. އެހެންނަމަވެސް އިއްޔެވެސް ރޭވޭ އަދި މިއަދު ވެސް ޕީޕީއެމުން އެކަމަށް ސަމާލުކަން ދީ އަޅައެއް ނުލިއެވެ.
ޕީޕީއެމާ ގުޅޭ ކަންކަމުގައި އާދަވެ ސޯޝަލް މީޑިއާ އާއި ރަސްމީ މީޑިއާގައި ރައްދު ދެއްވާ ބޭފުޅުން ކަމަށްވާ އަހުމަދު ނިހާން ހުސައިން މަނިކާއި ޑރ. އަބްދުﷲ ހަލީލާއި ރިޔާޒް ރަޝީދާއި އަދި އެ ޕާޓީގެ ވާހަކަތައް ފަތުރާ ސޯޝަލް މިޑިއާ ގްރޫޕްތަކަށް ވެސް މައުމޫނުގެ ވާހަކައިގެ އަޑު އިވުނު ކަމަށް ނުހެދި އެވެ.
އިލެކްޝަން ކޮމިޝަންގެ އީސީގެ ރައީސް އަހުމަދު ސުލައިމާނަށް މިދިޔަ ބުރާސްފަތި ދުވަހު މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ ގަވާއިދާއި އެއްގޮތަށް ޕާޓީ ހިންގުމަށްޓަކައި ކައުންސިލާއި އެންމެހާ ކޮމިޓީތައް އިންތިހާބު ކޮށްފައިވާ ކަމަށާއި ގަވައިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު އެ މަގާމްތަކުގެ މުއްދަތަކީ ފަސް އަހަރު ކަމަށެވެ.
ޕާޓީގެ އިންތިހާބީ މަގާމްތަކުގެ މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވެފައިވާ ކަމަށް އެ ޕާޓީގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން އީސީގެ ސަމާލު ކަމަށް ގެނައެވެ. -- މައުމޫނު ވަނީ ޕާޓީގެ މެންބަރުން ކަމުން ވަކިކޮށްފައެވެ.
މައުމޫންގެ ވާހަކަތަކަށް ފަހު ގިނަ ފަރާތްތަކަކުން އަންނަނީ ޕީޕީއެމްގެ ތެރޭގައި ގާނޫނީ ހުސް ކަމެއް އުފެދިފައި ކަމަށް ބުނަމުންނެވެ. އަދި ޕީޕީއެމްގެ ހިންގުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބުނެ އިދިކޮޅު އެހެން ފަރާތްތަކުން ވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އެ މައްސަލަ ފެންމަތިވެ، ހޫނުވެފައި ވަނިކޮށް މިއަދު ޕީޕީއެމުން ނިއުސްކޮންފަރެންސެއް ސެޑިއުލް ކުރުމުން ބެލެވުނީ މައުމޫނުގެ ވާހަކަތަކަށް ރައްދު ދޭން ތައްޔާރުވީ ކަމަށެވެ. ނަމަވެސް ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް އާއި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އަދި ތަރުޖަމާނު އަލީ އާރިފް ބައިވެރިވެ ވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވީ މުޅިން އެހެން ވާހަކަ އެކެވެ.
ޕީޕީއެމްގެ ކަންބޮޑުވީ ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންނާއި ކަސްޓަމްސްގެ ނަންތައް ހާމަ ކުރި މައްސަލަ އެވެ. ރައީސް މައުމޫން ފާހަގަ ކުރެއްވި ޕީޕީއެމްގެ އެއްވެސް މައްސަލައަކަށް އިޝާރަތް ކުރައްވާ އެއިން އެއްވެސް ބޭފުޅަކު ވާހަކަފުޅެއް ނުދައްކަވަ އެވެ. އަދި އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރެއްވުމުން ވެސް ވިދާޅުވީ "ފަހުން އެކަމާ ބެހޭ ގޮތުން މައުލޫމާތު އަރުވާނެ" ކަމަށެވެ.
ކޮންގްރެސްއެއް ބާއްވަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ އިރު ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ވެސް މުސްތަޝާރު އަދި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށް އަރުވަން ނިންމާފަ އެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އަސާސީ ގަވައިދުގެ ދަށުން ޕްރައިމެރީގައި ކުރިމަތިލާން ޝައުގުވެރިވާ ފަރާތެއް ހުރިތޯ ބެލުމަށް ޕާޓީގެ ތެރޭގައި އިއުލާންކޮށް ފުރުސަތު ހުޅުވާލަން ޖެހޭ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ނަމަ ކޮންގްރެސް ބާއްވާ ޕްރައިމެރީއެއް ބާއްވާނެތޯ ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.