ހޮލީވުޑް

ސޮނީން މިހާރު ބުނަނީ

އުތުރު ކޮރެއާ އިން ސޮނީ ޕިކްޗާސް ހެކުކޮށް ބިރު ދެއްކުމާ ގުޅިގެން "ދަ އިންޓަވިއު" ގެ ޝޯތައް ކެންސަލްކުރި ނަމަވެސް ފިލްމު ދެއްކެން ހުރި އެހެން ގޮތް ބަލައި ފިލްމުގެ ޝޯތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސޮނީން ބުނެފި އެވެ. 

ސޮނީން މިކަން އިއުލާނުކޮށްފައި ވަނީ އުތުރު ކޮރެއާ އަށް ބިރަށް ސޮނީން ފިލްމުގެ ޝޯތައް ކެންސަލްކޮށްލުމަކީ އެ ކުންފުނިން ހެދި ގޯހެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނިކޮށެވެ. 

ނަމަވެސް ސޮނީން މިހާރު ބުނަނީ ކެންސަލްކުރީ ފިލްމުގެ ޕްރިމިއާއާ އެކު ފެށުމަށް ހަމަޖެހިފައިވާ ކްރިސްމަސް ޝޯތައް އެކަނި ކަމަށެވެ.

ފިލްމު ޕްރިމިއާކުރަން ހަމަޖައްސާފައި އޮތީ މި މަހުގެ 25ގަ އެވެ.

"އަޅުގަނޑުމެން މި ދަނީ ފިލްމު ދެއްކޭނެ އެހެން ޕްލެޓްފޯމްތަކެއް ހޯދުމަށް މަސައްކަތްކުރަމުން،" ސޮނީން މިއަދު ބުނެފައިވެ އެވެ.

ސޮނީން އެމީހުންގެ ހިޔާލު ބަދަލުކޮށްފައިވާއިރު، ފިލްމު ކެންސަލްކުރި ކަމަށް ނިންމައި ހެކަރުންގެ ޓީމުން ވަނީ ޝުކުރު ވެސް އަދާކޮށްފަ އެވެ. ނަމަވެސް މި މައްސަލާގައި ވާހަކަ ދައްކަވަމުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް އިޝާރާތްކުރައްވަމުން އޮބާމާ ވިދާޅުވެފައި ވަނީ "ތަނެއްގައި ހުރި ޚުދުމުހުތާރުވެރިޔަކަށް އެމެރިކާގައި ސެންސަރެއް ނުކުރެވޭނެ" ކަމަށެވެ.

އޮބާމާ ވަނީ މި ހަމަލާގެ ބަދަލު އެމެރިކާ އިން ހިފާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.