ހަބަރު

ނޫސްވެރިންގެ ދިފާއުގައި ނިހާން: ލިޔެވޭނެ، އެހީވެސް ވާނަން!

ނޫސްވެރިންނަށް ތެދު މައުލޫމާތުތައް ލިޔުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި އަދި އެފަދަ މައުލޫމާތުތައް ލިޔެގެން ބަޔަކު ދައުވާ ކޮށްފި ނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި މަޖިލީހުގައި ވިލިމާލޭ ދާއިރާ ތަމްސީލު ކުރާ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ނޫސްވެރިންނަށް ގެއްލުން ލިބޭ މައްސަލަތަކުގައި ޕީޕީއެމްއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުގެ ރަނގަޅު ކަންކަމާ ގޯސް ވާހަކަތައް ވެސް ހަަގީގަތަށް ރިޕޯޓުކުރުމަކީ ނޫސްވެރިންނަށް ކުރެވެން ޖެހޭނެ ކަމެއް ކަމަށާއި ހަގީގަތަށް ލިޔެގެން ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ މެންބަރެއް ކަމަށްވާ ޝޭހް ނަސްރުﷲ މުސްތަފާ ދާދި ފަހުން ނޫސްވެރިންނަށް ދައުވާ ކުރި މައްސަލައަށް އިޝާރަތް ކުރައްވާ ނިހާން ވިދާޅުވީ މީހަކު ކަމެއް ކުރިކަން ރަސްމީކޮށް އެނގޭ މިންވަރަށް އޮއްވާ އެކަން ރިޕޯޓު ކުރުމުން ދައުވާ ކުރަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރާ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ނޫސްވެރިންނަށް ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ނޫސްވެރިޔަކު ރިޕޯޓު ކުރި މައްސަލައެއްގައި އަޅުގަނޑުމެން ދާދި ފަހުން ފާސް ކުރި ގާނޫނެއްގެ ބޭނުން ހިފައިގެން ބައެއް ބޭބޭފުޅުން ވަރަށް ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން އެބަ ދައުވާ ކުރައްވާ، އަޅުގަނޑު ގަބޫލު ކުރާގޮތުގައި މީހަކު ކުރި ކަމެއް ކަމަށް ރަސްމީކޮށް އެނގޭ މިންވަރަށް އޮތް ކަމެއް ރިޕޯޓު ކުރުމަކީ މައްސަލައެއް ނޫން، އެއީ ނޫސްވެރިން ކުރަން ޖެހޭ މަސައްކަތެއް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް އުޅެން ޖެހޭނީ އެ ބޭފުޅުންގެ ވާހަކަތައް ހަބަރުތަކުގައި މާ ބޮޑަށް އަންނާނެކަން އެނގިގެން ކަމަށެވެ. އަދި ފުލުހަށާއި މޯލްޑިވްސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި ހުރި ނޫސްވެރިންނާ ގުޅުން ހުރި މައްސަލަތައް ވީހާ ވެސް އަވަހަށް ބައްލަވާ އެކަންކަން ކުރިޔަށް ގެންދިޔުމަށް ވެސް ނިހާން ގޮވާލެއްވި އެވެ.

"އެއީ އަޅުގަނޑާ މެދު ވިޔަސް ކުރި ކަމެއް ވެއްޖެއާ ފަލަ ސުރުހީ ކީއްކުރަން ހަފްތާއެއްގަ ހަތް ފަހަރު އެންމެ ބޮޑު ސުރުހީގައި އެކަން އަރުވަންވީ،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރަން ނޫސްވެރިން ލިޔަން ޖެހޭކަން، އެކަން ލިޔަން ޖެހޭނީ ހަގީގީ ވާހަކަ، ނޫސްވެރިޔާ ލިޔުނީތީ ގޯސްވެގެން ނޫސްވެރިން ގޯސްވެގެން ކޯޓަށް މިދަނީ މީހުން އެކަހަލަ މައްސަލަތަކުގައި ދެވެން ހުރި އެއްބާރުލުންތަކާއި އެހީތެރިކަން ހަމަގައިމު ވެސް އަޅުގަނޑު ނޫސްވެރިންނަށް ދޭނަން،"

ނިހާން މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި މެންބަރުން ވަނީ އެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ރިޕޯޓު ކުރާ ނޫސްވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.