ކުޅިވަރު

ކުރީގެ ގަދަބާރު ވިކްޓަރީ ހިމޭން ވެފައި

މަޝްހޫރު ވިކްޓަރީ ސްޕޯޓްސް ކުލަބަކީ، ރާއްޖޭގެ ކުޅިވަރުގައި ކުރީގެ ގަދަ ބާރެކެވެ. އެއީ މެދުކެނޑުމެއް ނެތި ދިވެހި ކުޅިވަރުގައި ހަރަކާތްތެރިވާ އެންމެ ދުވަސްވީ ކުލަބެވެ. ހާއްސަކޮށް ދިވެހި ފުޓްބޯޅައިގައި ވިކްޓަރީގެ ވިދުން ގަދަ އެވެ. ރާއްޖޭގެ ކުޅިވަރުގައި އެންމެ ގިނަ ތަށި ހޯދި ޓީމަށް އެ ޓީމު ވާނެ އެވެ.

ވިކްޓަރީގެ ކޯޗް އަލީ ސުޒޭން، މިދިޔަ އަހަރު ވިކްޓަރީގެ ކޯޗް ކަމާ ހަވާލުވަމުން ބުނި ވާހަކަ މިއޮތީ އެވެ.

"ދެހާސް ބާރަ ވަނަ އަހަރާ ހަމަޔަށް، ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ތަށި ގިނަ ޓީމަކީ ވިކްޓަރީ، މިދިޔަ ފަސް އަހަރު ތެރޭ ނިއު ރޭޑިއަންޓުން ވިކްޓަރީގެ މައްޗަށް އޯވާ ޓޭކް ކޮށްފި." މިއީ ސުޒޭން ދެއްކި ވާހަކައެއްގެ ބައެކެވެ.

ތަށީގެ ވާހަކަ އާއި ކާމިޔާބުގެ ވާހަކައަކީ، ވިކްޓަރީގެ މާޒީ އެވެ. ތާރީހުގައި އެ ވާހަކަ ލިޔެވިފައި އެބަހުއްޓެވެ. ނަމަވެސް މިހާރު ވިކްޓަރީގެ އަޑު މަޑުވެއްޖެ އެވެ. މިދިޔަ ފަސް އަހަރު ތެރޭ ވިކްޓަރީ ފެނުނީ ވަނދު ކޮށެވެ. ދެހާސް ތޭރަ ވަނަ އަހަރު އެ ޓީމު ރެލިގޭޓް ނުވީ ހަމަ ކިރިޔާ އެވެ. ވީބީ ސްޕޯޓްސްއާ ދެކޮޅަށް ނައިޖީރީއާގެ ކުޅުންތެރިޔާ ޗިންޑަ ކަކާ ކާމިޔާބު ކުރި ލަނޑުން ވިކްޓަރީ ސަލާމަތްވީ ކިރިކިރިޔާ އެވެ.

އެފްއޭއެމްގެ ކޮންމެ އިންތިހާބަކާ ދިމާކޮށް، އެންމެ ފަސޭހައިން ދެ ފަޅިވާ ކުލަބަކީ ވިކްޓަރީ އެވެ. އޭގެ ހިތިކަން އެ ކުލަބު ތަޖުރިބާ ވެސް ކޮށްފި އެވެ. ދެހާސް ބާރަ ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި، ވިކްޓަރީގެ ތެރޭގައި ތިބި އެއް ބަޔަކު ބޭނުންވީ އިލްހާމް އަހްމަދަށް ތާއީދު ކުރާށެވެ. އަނެއް ބަޔަކު ބޭނުންވީ އޭރު ރައީސް އަކަށް ހުންނެވި އަލީ އާޒިމް އަށް ތާއީދު ކުރާށެވެ. މައްސަލަ އުފެދި ވިކްޓަރީ ދެ ފަޅި ވެގެން ދިޔައީ އެވެ.

އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިންތިހާބު ކުރުމަށް ބޭއްވި، އިންތިހާބު ކައިރިވެފައި ވަނިކޮށް ވިކްޓަރީ ދެ ފަޅި ކޮށްލީ "ގާނޫނީ ފުށު އެރުމެއް" މެދުވެރި ކޮށެވެ. ވިކްޓަރީގެ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި ހޯރަފުށީ ދާއިރާގެ މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލްގެ ހައިސިއްޔަތު ދުއްވާލީ، ގާނޫނީ ނުކުތާއެއްގައި ހިފައި ދަމައިގަނެގެންނެވެ.

އެ ވާހަކަ އެއްފަރާތް ކުރުމަށްފަހު މިހާރުގެ ވާހަކަ އެވެ. ރާއްޖޭގެ މި އަހަރުގެ ފުޓްބޯޅަ ފުޓްބޯޅަ ސީޒަން ފެށެން އޮތީ 10 ވަރަކަށް ދުވަހެވެ. ފުރަތަމަ ޑިވިޝަންގެ އަނެއް ހަތް ކުލަބަށް ކުޅުންތެރިން ހޯދުމާއި ކޯޗުން ހޯދުމުގެ މަސައްކަތް ދަނީ ކުރި އަށެވެ. ބައެއް ޓީމު ތަކުން ޕްރެކްޓިސް ވެސް ފަށައިފި އެވެ. ނަމަވެސް ވިކްޓަރީގެ ހަމަ އެއްވެސް ޚަބަރެއް ތިލަ ނުވެ އެވެ.

އެތައް ބައެއްގެ ސުވާލަކަށް އެކަން ވުމުން، އެ ސުވާލު ހިފައިގެން ގޮސް، ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމަށް ހުށަހެޅުމުން އޭނާ ވިދާޅުވީ، އާ ސީޒަނަށް ޓީމު ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

"ވަރަށް އަވަހަށް ޚަބަރު ތަކަކާއެކު އަޅުގަނޑުމެން ބައްދަލު ކުރާނަން، މި ސީޒަނަށް ގެންނާނެ ކޯޗުގެ ކަންކަން ވެސް ވަނީ ގާތްގަނޑަކަށް ހަމަޖެހިފައި،" ކުރިން ބާސެކެޓްބޯލް އެސޯސިއޭޝަންގައި ވެސް މަސައްކަތް ކުރެއްވި ނަޒީމް ވިދާޅުވި އެވެ. "ޓީމަށް ގެންނާނެ ކުޅުންތެރިންނާ ވެސް އަޅުގަނޑުމެން ވާނީ ވާހަކަ ދައްކާފަ، މީޑިއާ އާ ހަމަޔަށް އަދި މައުލޫމާތު ނުދިޔަ ނަމަވެސް މަސައްކަތްތަކެއް އެބަ ހިނގާ."

އާ ސީޒަނަށް ވަގުތު ކުޑަތަން ވެފައިވާއިރު، އަލުން ޓީމެއް އެކުލަވާލައިގެން މަސައްކަތް ފަށަން އެންމެ އެދެވޭ ވަގުތު އޮތްތޯވެސް މިއީ ސުވާލެކެވެ.