ފިނިޕޭޖް

ފަސް އަހަރަށް ކަރަން ޖޯހަރު ޖަލަށް ދާން ޖެހިދާނެ!

ޑައިރެކްޓާ އަދި ޕްރޮޑިއުސާ ކަރަން ޖޯހަރު މިހާރު އުޅެނީ އޭނާގެ ރިއަލިޓީ ޝޯ "އިންޑިއާސް ނެކްސްޓް ސުޕަސްޓާ" ގެ މަސައްކަތުގައި އަވަދިނެތި އެވެ. ރޯހިތް ޝެއްޓީއާއެކު ފެނިގެންދާ މި ޝޯގައި ޖަޖުކުރަނީ ވެސް އެ ދެ މީހުންނެވެ.

މިދިޔަ ދުވަސްކޮޅު ކަރަން އާއި ގުޅިގެން ބީ ޓައުންގައި އެންމެ ގަދައަށް ދެކެވުނީ އޭނާގެ ޝޯ އިން މަޝްހޫރު ބަތަލާ ކަންގަނާ ރަނާއުތް ފެނިގެން ދިޔުމެވެ. އެއްއިރެއްގައި ދެ ދުޝްމަނުންގެ ގޮތައް ސިފަވި އެ ދެ މީހުން އެއްކޮށް ފެނިގެން ދިޔުމުން ގިނަ ބަޔަކަށް ހައިރާކަން ގެނުވި އެވެ. އަނެއްކާވެސް ކަރަން އާއި ގުޅުންހުރި އެހެން ވާހަކަ އެކެވެ.

އިންޑިއާގެ އާޖް ތަކް ނިއުސް އިން ރިޕޯޓް ކުރި ގޮތުގައި ކަރަންގެ ހިއްސާ އޮންނަ ދަރްމާ ޕްރޮޑަކްޝަން އާއި އެންޑެމޯލް ޕްރޮޑަކްޝަން އަދި ކަމްލާ ޕަސަންދް ބްރޭންޑް އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ. އިންޑިއާގެ ސިއްހަތާބެހޭ އިދާރާއިން ވަނީ އެ ތިން ފަރާތާއި ދެކޮޅަށް ތުހުމަތެއްކޮށް ނޯޓިސް ދީފަ އެވެ.

ސަބަބެއް ކަމަށްވަނީ އިންޑިއާސް ނެކްސްޓް ސުޕަސްޓާ ޝޯ ގެ އިސްތިހާރު ވަގުތު ކަމްލާ ޕަސަންދު -- ދުފުމަށް ބޭނުންކުރާ އެއްޗެއް -- ގެ އިސްތިހާރު ދެއްކުމާއި ގުޅިގެންނެވެ. ކަރަން އަށާއި އޭނާގެ ޕްރޮޑަކްޝަން އަށް ނޯޓިސް ދިނީ ޝޯ ފަށާއިރު އޭނާގެ ޕްރޮޑަކްޝަން ދަރްމާގެ ނަން ޝޯ ދައްކާތީ ކަމަށް މައުލޫމާތު ލިބެ އެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ ސިނގެރޭޓާއި އެކި ކަހަލަ ތުންފަތުގެ ބާވަތްތަކާއި ބެހޭ ޤާނޫނުގެ ދަށުން ކަރަން އަށް މިހާރު ދެ ފަހަރެއްގެ މަތިން ނޯޓިސް ފޮނުވާފައިވެ އެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ އަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި 2000 އިންޑިއަން ރުޕީޒްގެ ޖޫރިމާނާއެއް އަންނާނެ އެވެ.

ކަރަންގެ އިތުރުން މި ޝޯ ގެ ހިއްސާ އޮންނަ އެހެން އެންމެނަށްވެސް ވަނީ ނޯޓިސް ދީފަ އެވެ.