އަމިއްލަ ދަނޑުގައި ލެގަނޭޒް އަތުން 2-1 ބަލިވެ، ސްޕެނިޝް ކަޕުގެ ކްއާޓާ ފައިނަލުން މަޝްހޫރު ރެއާލް މެޑްރިޑް ކަޓައިފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް، ރެއާލް ނިކުތީ، ފުރަތަމަ ލެގް މެޗުގައި ރަށުން ބޭރުގައި، ލެގަނޭސް އަތުން މޮޅުވުމުން އެ ހިތްހަމަ ޖެހުމާއެކު އެވެ.
ނަމަވެސް، ރެއާލްގެ ދަނޑުގައި ފެށި މެޗުގައި، ފުރަތަމަ ލީޑް ނެގީ، ލެގަނޭޒް އިންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި، އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ، ހާވިއާ އިރާސޯ އެވެ.
ސްޕެނިޝް ކަޕްގައި، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން، އާންމު ގޮތެއްގައި ފުރުސަތު ދެނީ ރެއާލްގެ ޒުވާން ކުޅުންތެރިންނަށެވެ. ރޭގެ މެޗުގެ ފުރަތަމަ 11 އިން، ކެޕްޓަން ސާޖިއޯ ރާމޯސް އަށް ވަނީ ފުރުސަތު ދީފަ އެވެ. އޭނާ އެނބުރި ކުޅުމަށް އައީ އަނިޔާގައި ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު އެވެ. އަދި މި ސީޒަންގައި ފޯމު ގެއްލިފައިވާ ސްޓައިކަރު ކަރީމް ބެންޒަމާ އަށް ވެސް ފުރަތަމަ 11 އިން ފުރުސަތު ދިނެވެ.
މެޗުގެ ދެ ވަނަ ހާފު ފެށުނު ތަނުން، ބެންޒެމާ ވަނީ، ރެއާލް ލަނޑު ޖަހައިދީ ހިތްހަމަޖެހުން ހޯދައި ދީފަ އެވެ. އޭނަ ލަނޑު ޖެހީ ލޫކަސް ވަޒްކްއޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މެޗުގެ ނަތީޖާ އެއްވަރު ކޮށްލުމުން، ރެއާލް އަށް އެގްރިގޭޓް ނަތީޖާއިން ލީޑް ލިބުނެވެ. ނަމަވެސް، މެޗުގެ 55 ވަނަ މިނެޓްގައި ގެްބްރިއަލް އަޕޭޓް ޕިރޭސް ވަނީ ލެގަނޭޒްއަށް ލީޑް ނަގައިދީފައެވެ. އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރުވި ނަމަވެސް، ލެގަނޭޒް ސެމީ އަށް ދިޔައީ އަވޭ ގޯލްގެ ފައިދާއިން ނެވެ.
މި ސީޒަންގެ ލޯކަލް އެއްވެސް މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތެއް ރެއާލް އަށް މިހާރު ނެތެވެ. ލީގްގައި އެ ޓީމު އޮތީ، އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ 19 ޕޮއިންޓްގެ ފަހަތުގަ އެވެ. ރެއާލްއަށް މިހާރު އޮތް ހަމައެކަނި އުންމިދަކީ، ޗެމްޕިއަންސް ލީގެ އެވެ. ޗެމްޕިަންސް ލީގްގެ ދެ ވަނަ ބުރުގައި އެ ޓީމު ވާދަ ކުރާނީ ޕީއެސްޖީއާ ދެކޮޅަށެވެ.