ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނެލަ ފައިނަލަށް

ސެމީ ފައިނަލުގެ ދެ ވަނަ ލެގް މެޗުގައި، ޗެލްސީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކަރަބާއޯ ކަޕް ނުވަތަ ލީގް ކަޕްގެ ފައިނަލަށް އާސެނަލް ދަތުރު ކޮށްފި އެވެ.

މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައިި، ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑެން ހަޒާޑް އެވެ.

އޭގެ ކުރިން ޕެޑްރޯ ވަނީ ޗެލްސީން ފޮނުވަލި ހަމަލާއެއް ބޮލުން ގޯލް ތެރެއަށް ފޮނުވާލާފަ އެވެ. ނަމަވެސް އޭނާ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގަ އެވެ.

މެޗުގެ 12 ވަނަ މިނެޓްގައި އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޮޒިލް ނެގި ކޯނަރު ޑިފެންޑަރު ނަޗޯ މޮންރެއާލް ފޮނުވާލުމުން، އެ ބޯޅަ ގޯލްތެރެއަށް ވަނީ ޗެލްސީގެ އެންޓޯނިއޯ ރޫޑިގާގެ ބޮލުގައި ޖެހިފަ އެވެ.

އާސެނަލް މެޗުން މޮޅުކޮށްދިން ލަނޑު 60 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ގްރެނިޓް ޒަކާ އެވެ. ފައިނަލުގައި އާސެނަލް ވާދަ ކުރާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

ފައިނަލު މެޗު އޮންނާނީ އަންނަ މަހު 25 ވަނަ ދުވަހުގަ އެވެ.