ފިނިޕޭޖް

އޮސްކާ ނޮމޭޝަންގައި ފަޒާލް އަދި އަނޫޕާމްގެ ފިލްމުވެސް

މި އަހަރުގެ އޮސްކާގެ ނޮމިނޭޝަން ލިސްޓު އިއުލާން ކުރިއިރު އެ ލިސްޓުގައި ބޮލީވުޑްގެ ދެ ތަރިން ފެނިގެންދާ ދެ ފިލްމެއްގެ ނަންވެސް ހިމެނެ އެވެ. އެއީ އަލީ ފަޒާލް ފެނިގެންދިޔަ "ވިކްޓޯރިއާ އެންޑް އަބްދުލް" އާއި އަނޫޕާމް ކޭރް ފެނިގެންދިޔަ "ބިގް ސިކް" އެވެ.

ޖުމްލަ 13 ކެޓަގަރީއަކުން ނޮމިނޭޓުވެ 90 ވަނަ އޮސްކާގެ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި އޮތީ ފެންޓަސީ ޑްރާމާ "ދަ ޝޭޕް އޮފް ވޯޓާ" އެވެ.

"ވިކްޓޯރިއާ އެންޑް އަބްދުލް" އަކީ އިނގެރޭސި ރާނީ ކްއީން ވިކްޓޯރިއާގެ އަރިހުގައި މަސައްކަތްކުރި އިންޑިއާގެ ސާހީ ހާދިމަކާއި ރާނީ އާއި ދެމެދު އޮތް ހާއްސަ ގުޅުން ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި ފަޒާލް ކުޅެނީ ހާދިމުގެ ރޯލެވެ. އެ ފިލްމު ނޮމިނޭޓުވެފައި ވަނީ ބެސްޓް ކޮސްޓިއުމް، މޭކަޕް އަދި ހެއާ ސްޓައިލްގެ ކެޓަގަރީންނެވެ.

އަނޫޕާމް ފެނިގެންދާ "ބިގް ސިކް" ނޮމިނޭޓުވެފައި ވަނީ ބެސްޓް އޮރިޖިލް ސްކްރީން ޕްލޭގެ ކެޓަގަރީންނެވެ. އެ ސްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޕާކިސްތާނު އަދި އެމެރިކާގެ ލިޔުންތެރިއަކު ގުޅިގެންނެވެ.

އޮސްކާ ނޮމިނޭޝަންތައް އިއުލާންކުރި ހަފްލާއިން ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެން ގޮސްފައިވެ އެވެ. އެ ހަފްލާގައި ބެސްޓް ސިނެމަޓޯގްރާފީގެ ކެޓަގަރީގެ އިންޓްރޮޑަކްޝަން ދިނީ ޕްރިޔަންކާ އެވެ.

މިފަހަރު އިންޑިއާގެ ފިލްމުފެއާ އެވޯޑުގައި އެއް ވަނަ ހޯދި "ނިއުޓަން" ފިލްމުވެސް އޮސްކާގެ ބެސްޓް ފޮރިންގް ލޭންޖުއޭޖް ފިލްމުގެ ކެޓަގަރީއަށް ވާދަކުރި އެވެ. ނަމަވެސް އެ ފިލްމު ނޮމިނޭޓުވެފައެއް ނުވެ އެވެ. އެ ކެޓަގަރީން ނޮމިނޭޓުވެފައި ވަނީ ސްވިޑެން، ޗިލީ، ލެބަނަން، ރަޝިއާ އަދި ހަންގޭރިއާގެ ފިލްމެކެވެ.