ދިވެހި ސިނަމާ

"ލީނާ" ގެ ގާތިލުގެ ރޯލަށް މުއާ

"ލީނާ" ފިލްމުގެ ކާސްޓު އިއުލާނުކުރި އިރު މި ފިލްމުގެ ވިލަން ފިޔަވާ އެހެން ހުރިހާ ތަރިން ވަނީ ހާމަކޮށްފަ އެވެ. މި ފިލްމުގެ ވިލަން އަކަށް ފެނިގެންދާނީ ކާކުތޯ ބަލަން ބެލުންތެރިން ކެތްމަދުވެފައި ތިއްބާ ދާދި ދެންމެއަކު މުއާ ވަނީ ފިލްމުގެ ވިލަންއަކީ ކާކުން ކަށަވަރު ކޮށްދީފަ އެވެ.

މި ފިލްމުގެ ވިލަންގެ ރޯލު ކުޅޭނީ ހަމަ މުއާ އެވެ. އެ ރޯލަށް ކުރިން ހަމަޖެއްސީ އަހްމަދު އަޒްމީލް (އަޒޭ) އެވެ. ނަމަވެސް ފަހުން މުއާ ވަނީ ތަރިން ފައިނަލް ނުކުރާ ކަމަށް ބުނެފަ އެވެ.

މީގެ 16 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނަ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ޝޫޓިން އަށް ފިލްމުގެ ކުރޫ މިއަދު އއ. އުކުޅަހަށް ފުރާނެ އެވެ.

މި ފިލްމުގައި "ލީނާ" ގެ ރޯލުން ފެނިގެންދާނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަލީ އާޒިމް (ދޮން އައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހްމަދު ސައީދު، އަދި މަރިޔަމް ހަލީމް އެވެ.

ދޮން އައްޔަ ފެނިގެންދާނީ "ލީނާ" ނުވަތަ އަައްޒަގެ ލޯބިވެރިޔާގެ ރޯލުންނެވެ. ނުޒޫ ކުޅޭނީ އައްޒަގެ ބެސްޓް ފްރެންޑުގެ ރޯލެވެ. އައްޒަގެ މަންމަގެ ރޯލުން މަރިޔަމް ހަލީމް ފެނިގެންދާއިރު ޒުހޫރުގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާނީ ޒީނަތެވެ. ސައީދު ކައުންސިލުގެ ރައީސްގެ ރޯލުން ފެނިގެދާއިރު ނިމާލްގެ ކުޑަ ރޯލެއް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

އަހްމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމަކީ މުއާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެއެވެ. ފިލްމުގައި އެސިސްޓެންޓް ޑައިރަކްޓަރެއްގެ ގޮތުގައި ނިމާލް ހަރަކާތްތެރިވާނެ އެވެ.

މުއާ އަދި ސައްޔާހު އައްބާސް ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ނިންމާ މި އަންނަ މާޗު މަހުގެ ފަހުކޮޅު ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ ބަލާނެކަމަށް މުއާ ބުންޏެވެ.