ވިޔަފާރި

އާ ފުޑްކޯޓްތަކުގައި ސިނގިރޭޓް ބުއިން މަނާ

Jan 25, 2018
2

މާލޭގެ ހުޅަނގު ދެކުނު ސަރަހައްދުގައި ތަރައްގީ ކުރަމުން ގެންދާ، ހާބަރު ފުޑްކޯޓް ތަކާއި އެ ސަރަހައްދުގައި ސިނގިރޭޓް ބުއިމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން ތަރައްގީ ކުރަމުން ގެންދާ ފުޑްކޯޓް ސަރަހައްދުގައި ސިނގިރޭޓު ބުއިން މަނާ ކަމެއްގެ ގޮތުގައި ހެދުމަށް ބައެއް ފަރާތްތަކުން ވެސް ވަނީ ގޮވާލާފަ އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުޑްކޯޓްތަކާއި އެ ސަރަހައްދަކީ އާއިލާތަކަށް އުފާވެރި ކަމާއެކު އުޅެވޭނެ މާހައުލަކަށް ހެދުމަށްޓަކައި އެ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

"ހެލްޕް ޕްރޮޓަކްޝަން އެޖެންސީއިން ވެސް އަނގާފައިވާ ގޮތަށް ހުރިހާ ތަނެއްގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ވަނީ މަނާކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

ހާބަރު ސަރަހައްދުގައި ހިތް ގައިމުކޮށް ތަރައްގީ ކުރާ 27 ކެފޭ ކުއްޔަށް ދޫކުރަން ފުރުސަތު ހުޅުވައިލުމާއެކު، 29 ފަރާތަކުން ކަޑަތަކަށް ކުރިމަތިލާފަ އެވެ.

ފުޑް ކޯޓު އަޅައި ސަރަަހައްދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 30،000 އަކަފޫޓް ހުރެ އެވެ. ކުރިން 40 ހަކަށް ހާބަރު ކަޑަތައް ހުންނަ އިރު އެތަން ފުޑް ކޯޓައް ބަދަލުވުމުން ހުންނާނީ 27 ތަނެވެ. ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އެތަން އިތުރަށް ސާފުތާހިރުވެ ހިއްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށެވެ.