ހަބަރު

"ފައިސާ ދައްކާކަށް ނުޖެހޭ، 188 މިލިއަން ޑޮލަރަކީ ހިޔާލީ އަދަދެއް"

ވިލާ ކުންފުނިން ދައުލަތަށް 188 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހިޔާލީ އަދަދުތަކެއް ކަމަށާއި ދައުލަަތަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވިލާއިން މިހެން ބުނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކަށް ރަލާއި އޫރުމަސް ދޫކުމުގެ ހުއްދަ ބާތިލުކޮށް، ކަސްޓަމްސް އާއި ފުލުހުން ބައެއް ރަށްތަކަށް އަރައި އެތަކެތި ގެންގޮސްފައި ވަނިކޮށެވެ. ސަރުކާރުން ބުނާ ގޮތުގައި ވިލާއަށް ހުއްދަ ބާތިލު ކުރަން ޖެހުނީ އެއީ 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައުލަތަށް ނުދައްކާ އޮތުމުން ކަމަށެވެ.

އެކަމާ ގުޅިގެން ވިލާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2.9 ބިލިއަން ރުފިޔާގެ މައްސަލަ އޮތީ ޝަރުއީ މަރުހަލާއެއްގަ ކަމަށާއި އެއީ ބާތިލު ކުރެވިފައިވާ އެއްބަސްވުންތަކަކާއި ހަވާލާދީ، ސަރުކާރުން އަމިއްލަޔަށް އުފަންކުރުވައިގެން އުޅޭ ހިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި ގާނޫނީ އެއްވެސް ސަބަބެއްނެތި ސަރުކާރުން ބާތިލުކުރި އެއްބަސްވުމާ ހަވާލާދީ ދައްކަންޖެހޭ ކުލީގެ ފައިސާތަކެއް އޮތް ކަމަށް ބުނެ، އެ ފައިސާ ހޯދަން މަސައްކަތްކޮށް، ޓެކްސް ނުދައްކާ ކަމަށް ބުނަނީ ހަގީގަތް އޮޅުވާލަން ކަމަށް ވިލާ އިން ބުންޏެވެ.

"އަޅުގަޑުމެން ދެކޭގޮތުގައި ސަރުކާރުން އިސްވެތިބެ، ރާވައިގެން ވިލާ ގެ ކުންފުނިތަކަށް ގެއްލުން ދިނުމުގެ ގޮތުން ހިންގަވާ ކަންކަން، ސިޔާސީ ބޭނުމެއް އޮވެގެން މިކުންފުނީގެ އަގު ވައްޓާލައި، މިކުންފުނީގެ ވިޔަފާރި ބަނގުރޫޓު ކޮށްލުމަށް ކުރަމުންދާ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ހުއްޓާލުމަށް އެންމެހާ ފަރާތްތަކަށް ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. "ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ، ފެށުނީއްސުރެ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ބަރާބަރަށް ދައްކަމުން އައި ކުންފުންޏެއް އަދި މީރާއިން ދޭ "ރަންލާރި" އެވޯޑް 2014 ވަނަ އަހަރު މިކުންފުންޏަށް ލިބިފައިވާ ކަންވެސް މިފުރުސަތުގައި ފާހަގަކުރަން،"

ވިލާ އިން ބުނީ ސަރުކާރުން ތ. އެލާގެ ކުލީގެ ޖުރިމާނާ އާއި އިންޓަރެސްޓްގެ ގޮތުގައި 14.9 މިލިޔަން ޑޮލަރު ދައްކަންޖެހޭ ކަމަށް އަމިއްލައަށް ކަނޑައަޅުއްވައި، އެ ފައިސާ ހޯއްދަވަން މަސައްކަތް ކުރި ނަމަވެސް އެއީ ވިލާއިން ދައްކަން ޖެހޭ ފައިސާ އެއް ނޫން ކަމަށާއި އެ ކުންފުނިން މިހާރު ހިންގަމުންދާ ރިސޯޓުތަކުން ދައްކާ ޓެކްސްގެ ފައިސާއާ ގުޅުންހުރި ފައިސާ އެއްވެސް ނޫން ކަމަށެވެ. އަދި އެ ފައިސާ ހޯދަން މަސައްކަތް ކުރަނީ ޝަރުއީ މަރުހަލާގައި އެ މައްސަލަ ކުރިޔަށް ދަނިކޮށް ކަމަށް ވިލާ އިން ބުންޏެވެ.

"ޝަރީއަތުން ނުނިމެނީސް، ދައްކަންޖެހޭ ފައިސާއެއް ނުދައްކާ އޮތްކަމަށް ބުނެ، މި ކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް، އަދި ވިޔަފާރިއަށް ނުހަނު ބޮޑު ގެއްލުމާއި ދަތިތައް ކުރިމަތިވާގޮތަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން، އެގޮތުން މި ކުންފުނިން ހިންގާމުގެ ސަބަބުން، މިކުންފުނީގެ ވިޔަފާރި އިންތިހާއަށް ހީނަރުވެ، އޭގެ ސަބަބުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރިޒޯޓުތަކުން ދައްކަންޖެހޭ ޓެކްސްގެ ފައިސާ ދެއްކުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިވެފައި،" ވިލާ އިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވިލާ ރިސޯޓުތަކުގެ ހުއްދަ ބާތިލުކޮށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް ބުނަމުން ދާއިރު ދައުލަތުން ވިލާއަށް ދައްކަން ޖެހޭ 16.9 މިލިއަން ޑޮލަރު އަދިވެސް ނުދައްކާ އޮތް ކަމަށެވެ. އަދި އެ ފައިސަ ނުދައްކާ ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވެސް ކުންފުންޏަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.