ޑާކްރެއިން އެންޓަޓެއިންމަންޓުން މި އަހަރު ރިލީޒްކުރާ އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމު "ވަކިން ލޯބިން" ގެ އޮފިޝަލް ޓްރެއިލާ ރިލީޒް ކޮށްފި އެވެ. އަންނަ މާޗު މަހު ފަހެއްގައި ރިލީޒްކުރާ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރުވަނީ ފިލްމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި އާންމުކޮށްފަ އެވެ.
ޒުވާން ދެމަފިރިއެއްގެ ކައިވެނި ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ އާ ޓްރެއިލާގައި ހިތްގައިމު ތަފާތު މަންޒަރުތަކެއް ހިމެނެ އެވެ. ފިލްމުގެ ލީޑު ދެތަރިން ކަމަށްވާ މިދިޔަ އަހަރު ދިވެހި ފިލްމު އެވޯޑުގައި އެންމެ މޮޅު ބަތަލުގެ އެވޯޑު ހޯދި ޖުމައްޔިލް ނިމާލް (ޖުމަލް) އަދި އެންމެ މޮޅު ބަތަލާގެ އެވޯޑު ހޯދި މަރިޔަމް މަޖުދާ (މަޖޫ) ގެ އަސަރުގަދަ މަންޒަރުތަކެއް ވެސް ފެނިގެންދެ އެވެ.
މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.
"ވަކިން ލޯބިން" ޑައިރެކްޓް ކުރަނީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޗިއްޕެއަށް އެ އެވޯޑު ލިބުނީ ވެސް ޑާކްރެއިންގެ ފިލްމެއް ކަމަށްވާ "ވާށޭ މަށާއެކީ" އިންނެވެ.
"ވަކިން ލޯބިން" ސްކްރީންޕްލޭ ލިޔެފައި މި ފަހަރުގެ އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު ޑާކްރެއިންގެ "ހުޅުދާން" ފިލްމުން ހޯދި އައިޝަތު ފުއާދު ތައުފީގެވެ.
"ވަކިން ލޯބިން" ގެ އޮންލައިން ބުކިން ފަށާފައިވާއިރު މި ފިލްމުގެ ޕްރޮމޯޝަން ލަވަ "ޕަރީ" ވެސް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. ޝައްމުގެ އަޑުން ކިޔާފައިވާ އެ ލަވައިގެ އިތުރުން އަމިއްލަ ރާގު އިތުރު ހަތަރު ލަވައެއް މި ފިލްމުގައި ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަަވަ މިހާރު ވަނީ އާންމުންނާ ހަމައަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ އަޑުން ކިޔާފައިވާ "ބީވީމާ" އެވެ.